ނެޓްފްލިކްސް އިން ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދި ކްރައިމް ޑްރާމާއެއް ކަމުގައިވާ ޕީކީ ބްލައިންޑާސްގެ ސީޒަން 6 ރިލީޒްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސީޒަން 6 ވެގެންދާނީ އެ ޝޯގެ އެންމެ ފަހު ސީޒަންއަށް ކަމުގައި އެ ޝޯގެ ޕްރޮޑިއުސަރުން ހާމަކޮށްފިއެވެ.
2021 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2022 ވަނަ އަހަރުގެ ކުރީކޮޅު ސީޒަން 6 ރިލީޒްކުރެވޭނެ ކަމަށް ބެލެވޭއިރު، މީގެ ކުރިން ޕީކީ ބްލައިންޑާސް ޝޯ ނިންމާލަން ނިންމާފައި އޮތީ ސީޒަން 7 އަކާ ހަމައިންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އައި އެއްއަހަރުގެ ޕްރޮޑަކްޝަން ޑިލޭއާއެކު ސީޒަން 6 އަކާ ހަމައިން ޝޯ ނިންމާލުމަށް މިހާރު ވަނީ ނިންމާފައެވެ.
ޕީކީ ބްލައިންޑާސް އަކީ 2013 ވަނަ އަހަރުން ފެށިގެން ބީބީސީން ގެނެސްދެމުން އަންނަ ކްރައިމް ޑްރާމާ އެކެވެ. މި ޝޯއިން މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ އިންގްލެންޑްގެ ބާމިންހަމް އަށް ނިސްބަތްވާ ޝެލްބީ އާއިލާގެ އާންމު ދިރިއުޅުމާއި އެމީހުންގެ ވިޔަފާރި އާއި ނުފޫޒާ ގުޅިފައިވާ ތަފާތު އެކި ހަރަކާތްތައް ދުވަހުން ދުވަހަށް ނިއުޅުވެމުންދާ ގޮތެވެ.
މި އާއިލާގެ އެންމެ ބާރުގަދަ މެމްބަރަކީ ޓޮމީ ޝެލްބީ އެވެ. އޭނާގެ ދުރުވިސްނޭ ސިޔާސަތުތަކާއި މަކަރުވެރި ރޭވުންތަކާ އެކު ޝޯގައި ދައްކުވައި ދެނީ އެންމެ އާދައިގެ ކްރިމިނަލްއަކުން ފަށައިގެން އެންމެމަތީ ފަންތީގެ ކްރިމިނަލް ބޮސް އަކަށް ވުމަށް އާއިލާގެ މެމްބަރުންނާ އެކު ޓޮމީ ޝެލްބީ ކުރާ ގޮންޖެހުންބޮޑު ދަތުރެވެ.
ޕީކީ ބްލައިންޑާސްގެ ކޮންމެ ސީޒަނެއްގައި ވެސް ހިމެނެނީ ހަ އެޕިސޯޑެވެ.