މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާޢިއުކޮށްފި އެވެ.
މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، މީރާގެ ކިބައިން ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރއެކެވެ. އަދި މި ޗާޓަރގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކުރެވިފައިވެ އެވެ.
މި ޗާޓަރގެ ބޭނުމަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ޚިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ. އަދި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވާކަން ފާހަގަކުރެވެ އެވެ.
މި ޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެކަމަށް އެ އޮތޯރިޓީން ހާމަކުރެ އެވެ. އަދި މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
