ބަރުދަން ލުއި ކުރުމަކީ ބުނެވޭ ގޮތުގައި އެންމެ ގިނަ ބަޔަކު ހާޞިލްކުރަން ބޭނުންވާ ނަމަވެސް ހާޞިލްކުރަން އެންމެ އުނދަގޫ އެއް ކަމެވެ. ތަފާތު އެކި ޑައިޓް ކުރުމާއި ކަސްރަތުކޮށްގެން ވެސް މިކަން ހާޞިލް ކުރުމަށް ކޮންމެ ދުވަހަކު ގިނަ ބަޔަކު މަސައްކަތްކުރެއެވެ. ބަރުދަން ލުއިކުރަން މަސައްކަތްކުރާ ނަމަ މީހުން އެންމެ ޖެހިލުންވަނީ ބަޓަރު، ގިތެޔި އަދި ތެޔޮފަދަ ތަކެއްޗަށެވެ. ނަމަވެސް އިންޑިޔާގެ ނާގްޕޫރަށް ނިސްބަތްވާ އަރްޕިތުގެ ވާހަކަ ތަފާތެވެ. އޭނާގެ ހަށިގަނޑުން 46 ކިލޯ ލުއިކޮށްލަން ބޭނުންކުރި ޑައިޓްގައި ބަޓަރާއި ގިތެޔޮ އަދި ކާށިތެޔި ހިމެނިއެވެ.

24 އަހަރުގެ އަރްޕިތުގެ ބަރުދަން 109 ކިލޯއަށް އެރުމުން ބަރުދަން ލުއިކޮށް ހަށިގަނޑު މުޅިން ބަދަލުކޮށްލަން އަމާޒު ހިފިއެވެ. އ. 46 ކިލޯ ލުއިކޮށްލީ ކެއުމަށް އަމިއްލައަށް ގެނައި ބަދަލާއި އެކު ކަސްރަތުކޮށްގެންނެވެ. އަރްޕިޓު ހާމަކުރި ގޮތުގައި އޭނާގެ މިދަތުރު ފަށައިގެން ފުރަތަމަ އަހަރުގެ ތެރޭގައި 20 ކިލޯގެ ބަރުދަން ލުއިވިއެވެ. ޖެހިގެން އައި އަހަރު ކެއުމަށް ގެނައި ބަދަލު ތަކަކާއި އެކު އިތުރު 14 ކިލޯ ލުއިކޮށްލިއެވެ. އޭގެފަހުން ނިއުޓްރަނިޝްޓެއްގެ އެހީއާއި އެކު ސިކްސް ޕެކް ހާޞިލްކޮށް މުޅިމިހާ ބަދަލުކޮށްލިއެވެ. މިހުރިހާ ކަމެއް ހާޞިލްކުރީ އަމިއްލައަށް ދިރާސާކޮށް ކެއުމަށް ގެނައި ބަދަލުންނެވެ.
އަރްޕިތުގެ ހެނދުނުގެ ނާސްތާގެ ގޮތުގައި، ބަޓަރު، ގިތެޔޮ ނުވަތަ ކާށިތެލާއި އެކު ފެހިކަން ގަދަ ތަރުކާރީއާއި ބަތް ކެއެވެ. މެންދުރުގެ ކެއުމަށް ބީޓްރޫޓް، އަލުވި، ބަތް، ބަޓަރު، ގިތެޔޮ ނުވަތަ ކާށިތެލާއި އެކު ބޭނުންކުރިއެވެ. ރޭގަނޑުގެ ކެއުމަށް ކިޑްނީ ބީންސް، ކަރޑް، ބަޓަރު، ގިތެޔޮ ނުވަތަ ކާށިތެލާއި އެކު ބޭނުންކުރިއެވެ. ދޭތެރެއަކުން ބަނޑުހައި ވެގެން އެއްޗެއް ކާލަން ބޭނުންވެއްޖެނަމަ ކަނީ އާމަންޑް، އާފަލު އަދި އޯޓްސްގެ އިތުރުން ގްރީކް ޔޯގަޓެވެ.
އަރްޕިތުގެ މި ޑައިޓްގައި އޭނާ ހިފެހެއްޓިއެވެ. ބައެއް މީހުން ހަދާގޮތަށް ހަފްތާއަކު އެއް ދުވަހު ހިތަށް އައިހާ އެއްޗެއް ކައިނުހަދައެވެ. ވަރަށް މަދުން ނޫނީ "ޗީޓް ޑޭ" އެއް ނުނަގައެވެ. ނަމަވެސް މިހެން ނަގާ ދުވަހެއްގައި ހަމަ ކޮންމެ އެއްޗެއްވެސް ކައެވެ. މީގެ ތެރޭގައި ފޮނިތަކެތިވެސް ހިމެނެއެވެ. އާންމުގޮތެއްގައި ކަސްރަތު ކުރަމުން ދިޔައީ ބައިގަޑި އިރަށް ނުވަތަ 70 މިނިޓަށެވެ. ކެއުމުގައި ހުންނަ ކެލޮރީ މަދުކޮށް ކާތަކެތި އިތުރުކުރުމަށް ހަމަ ފެހިކަން ގަދަ ތަރުކާރީ ކެއުމުގައި ގިނައިން ހިމެނިއެވެ. އަރްޕިޓުއަކީ ވެޖިޓޭރިއަންއެއް ކަމުން އެއްވެސް މަހެއް އަދި ބިހެއް އޭނާގެ ޑައިޓްގައި ނުހިމެނެއެވެ.
އަރްޕިޓް ހާމަކުރި ގޮތުގައި ފަށައިގަތް އިރު އުނދަގޫވި ނަމަވެސް އަންނަމުން ދިޔަ ބަދަލު ފެނުމުން ދެން އެކަން ހުއްޓާލަށް ބޭނުން ނުވީއެވެ. އޭނާ ދެކޭގޮތުގައި ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ހިތްވަރަކަށް ވަނީ އެމީހާގެ ނަފްސު އެކަމަށް ބޭނުން ވުމުންނެވެ. އަދި ކަމަކަށް އެދި ހިތު އަޅައިގެން ހުރުމަކުން ނުފެދޭނެ ކަމާ އެކަން ހާބިލްކުރަން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ކުރަން ޖެހޭނެ ކަމަށް ވެސް އަރްޕިތު ހާމަކުރިއެވެ.
