ކިނބިއްސަކީ އެކަމަށް މާބޮޑު ސަމާލުކަމެއް ނެތިހުރެ ގިނަ މީހުނަށް އެޅޭ އެއްޗެކެވެ. ބައެއް މީހުން މަޑުންނެވެ. އަނެއްބަޔަކު ކައިރީގައި ތިބި މީހުން ބިރުގަންނަހާ ބާރަށެވެ. މީހެއްގެ މޫނަށް ކިނބިހި ނާޅަންޏާ އެއީ ހަޑިކަމެއްގެ ގޮތުގައިވެސް ނުބެލެވެއެވެ. ރީތިކޮށް އަނގާއާއި ނޭފަތް ރުމާލެއް ފަދަ އެއްޗަކުން ބަންދުކޮށްލައިގެން ކިނބިހި އެޅުމަކީ އެންމެންވެސް ކުރާ ކަމެކެވެ. ނަމަވެސް ގިނަ ބަޔަކު ތިބި އަދި ހަމަހިމޭންތަނެއްގައި ހުއްޓާ ކިނބިއްސެއް އަޅަންޖެހޭކަމުގެ އިހްސާސް ކުރެވިއްޖެނަމަ އެކަން ހުއްޓުވަން މަސައްކަތްކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ޖަލްސާއެއް ނުވަތަ ޕާޓީއެއް ހިނގަމުން ދަނިކޮށް އެތަނުގައި އިނދެ ކިނބިހި އެޅުމުން އެންމެންގެ ނަޒަރު އަޑު އައި ދިމާލަށް ދާކަށް ގިނަ މީހުން ބޭނުންނުވެއެވެ. އާންމުކޮށް ކިނބިހި ހިފަހައްޓަނީ މިފަދަ ޙާލަތްތަކުގައެވެ. ނަމަވެސް މިކަމުގެ ގެއްލުން އެނގޭނަމަ ހަމަހިމޭން މާހައުލުތަކުގައިވެސް މިކަން ތަކުރާރު ނުކުރާނެއެވެ. މިއަދު މި ބަލާލަނީ ކިނބިހި ހިފެހެއްޓުމުން ލިބިދާނެ ސިއްޙީ ގެއްލުމަށެވެ.
ކިނބިހި އަޅަން ޖެހެނީ ނޭފަތުގައި އިންނަން ނުޖެހޭ ކޮންމެވެސް އެއްޗެއް އިންހެން ނުވަތަ އެފަދަ އެއްޗެއް ނޭފަތަށް އެއްޗެއް ވަންހެން ހީވުމުންނެވެ. މީގެ ތެރޭގައި ބެކްޓިރިޔާ، ހިރަފުސް، ދުން ހިމެނެއެވެ. މިހެން ވުމުން ނޭފަތް ހިރުވާކަހަލަ ގޮތެއްވެފައި އިރުކޮޅެއްގެ ތެރޭގައި ކިނބިހި އެޅޭނީއެވެ. ކިނބިހި އެޅެނީ މިހެން ނޭފަތަށް އެޅޭ އެއްޗެއްގެ ސަބަބުން ބަލިވުމުން ރައްކާތެރި ވުމަށެވެ. ސައިންޓިސްޓުންގެ ބަހުރުވައިން ނަމަ ކިނބިހީގެ އެހީގައި ނޭފަތް އަލުން "ރީސެޓް" ކޮށްލައެވެ.
ކިނބިއްސަކީ ވަރަށް ބާރުގަދަ އަދި ގިނަ ހަކަތަ ބޭނުންވާ ހަރަކާތެކެވެ. ކިނބިހި އަޅާއިރު ނިކުންނަ ކުޅު ނުވަތަ ޒަވަ، ގަޑިއަކު 100 މޭލު ބާރުމިނުގައި ބޭރުވެއެވެ. ކިނބިހި އަޅަން ބޭނުންވުމުން އެކަމަށް ބޭނުންވާ ޕްރެޝަރ އުފައްދަނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މީގެ ތެރޭގައި ނޭފަތުގެ ދެފަރާތުގައިވާ ސައިނަސް، ނޭފަތުގެ އެތެރެއިން ފެށިގެން ކަރު އަދި ފުއްޕާމޭ ޝާމިލުވެއެވެ. ކިނބިހި އަޅަން ދާ ބާރުގެ 5-24 ގުނަ ބޮޑު ބާރު ކިނބިހި ހިފެހެއްޓުމުން ނޭވާލާ ނިޒާމަށް ކުރެއެވެ. އެހެންކަމުން މިހެން ކިނބިހި ހިފެހެއްޓުމަކީ ސިއްޙަތަށް ގެއްލުން ހުރިކަމެއް ކަމަށް ބުނެ ސިއްޙީމާހިރުން އިންޒާރުދެއެވެ.
ކިނބިހި ހިފެހެއްޓުމުން އެކުރާ ބާރުގެ ސަބަބުން ކަންފަތުގެ ތޫރި ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. ކަންފަތުގެ ތޫރިއަށް މިހެން ލިބޭ ގެއްލުން ބައެއް ފަހަރު ދެތިން ހަފްތާގެ ތެރޭގައި އަމިއްލަ އަށް ރަގަޅުވެއެވެ. ނަމަވެސް ބައެއް ފަހަރަށް އޮޕަރޭޝަން ކުރަން ޖެހޭ ހިސާބަށްގޮސް ކަންފަތުގެ އިވުމަށް އަސަރުކޮށްފާނެއެވެ.
ކިނބިހި އަޅަން ޖެހެނީ ބައެއް ފަހަރަށް ބެކްޓިރިޔާއެއް ނޭފަތުގެ ތެރެއަށް ވަނުމުންނެވެ. ކިނބިހި ހިފެހެއްޓުމުން މިހެން ހުންނަ ބެކްޓިރިޔާ ޒަވައާއި އެކު ކަންފަތަށް ވާޞިލްވެ މީގެ ސަބަބުން ކަންފަތުގެ މެދުގައި އިންފެކްޝަން އުފެދެން މެދުވެރިވެދާނެއެވެ. މިގޮތަށް ކަންފަތުގައި އުފެދޭ އިންފެކްޝަނުގެ ސަބަބުން ވަރަށް ގަދައަށް ކަންފަތުގައި ރިހި ބައެއް ފަހަރަށް އޮފަރޭޝަން ކުރަންވެސް ޖެހިދެއެވެ.
ކިނބިހި ހިފެހެއްޓުމުގެ ސަބަބުން މަދު ހާލަތެއްގައި ލޮލާއި ނޭފަތް އަދި ކަންފަތުގެ ލޭނާރުތަކަށް ގެއްލުން ލިބިދާނެއެވެ. މިހެން ގެއްލުމެއް ލިބިއްޖެނަމަ ލޮލާއި ނޭފަތް ރަތްވެފައި ހުންނަކަން ފާހަގަ ކުރެވޭނެއެވެ. މީގެ އިތުރުންވެސް ކިނބިހި ހިފެހެއްޓުމުން މެއާއި ސިކުނޑި، ކަރު އަދި ކުރިން ގެއްލުމެއް ލިބިފައިވާ ކައްޓަށް އިތުރު ގެއްލުން ލިބުމަކީ މަދު ޙާލަތްތަކުގައި ވާ ކަމެކެވެ. ކިނބިހި އެޅުމަކުން ނުވަތަ ކިނބިހި ހިފެހެއްޓުމުން ހިތްހުއްޓި ނުވަތަ މީހަކު މަރުވި ކަމެއް އެނގޭކަން ނެތެވެ. ނަމަވެސް މިއީ ނުރައްކާތެރިކަމެކެވެ.
އާންމުކޮށް ގިނައިން ކިނބިހި އެޅޭނަމަ ކުރެވޭނެ ކަންކަމުގެ ތެރޭގައި، އެލރޖީއެއް ހުރިނަމަ އެކަމަށް ފަރުވާ ކުރުން، ސީދާ އައްޔަށް ނުބެލުން، އެއްފަހަރާ ގިނައިން ކެއުމުގެ އާދަ ދޫކޮށްލުން، ނޭފަތް އުގުޅުން، މަތީ ތަލީގައި 5-10 ސިކުންތު ވަންދެން ދޫކާތާލުން އަދި ވީވަރަކުން ވައިގެތެރޭގައި ހުންނަ ލޮލަށް ނުފެންނަ ހަޑި ނޭފަތަށް ނުފޯރާނެހެން ނޭފަތް ނިވާ ކުރުން ހިމެނެއެވެ.
