ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ޕްރެސެންޓަރ ލެރީ ކިންގ މަރުވެއްޖެ އެވެ.

ޓީވީ އާއި ރޭޑިއޯ ޕްރްގްރާމުތައް ހުށަހަޅައިދިނުމުގައި މަޝްހޫރު ލެރީ ކިންގ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މަރުވި އިރު ޢުމުރަކީ 87 އަހަރެވެ.

ލޮސް އޭންޖެލިސްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވި، ސީއެންއެން އިން ގެނެސްދޭ މަޝްހޫރު ޓީވީ ޝޯވ "ލެރީ ކިނގް ލައިވް" ދިގު މުއްދަތަކަށް ހުށަހަޅައިދީފައިވާ ލެރީ ކިންގ ކޯވިޑަށް ޕޮޒިޓިވްވެގެން އެޑްމިޓް ކޮށްގެން ފަރުވާދެން ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ އެމެރިކާގެ ސިނާއީ މެޑިކަލް ސެންޓަރ ގައެވެ.

ސިއްޙީ އެތަކެއް މައްސަލަތަކާ ކުރިމަތިވެފައިވާ ލެރީ ކިންގ އަށްވަނީ ހާޓްއެޓޭކެއް ވެސް ޖެހިފަ އެވެ. 

60 އަހަރަށް ދިގު މުއްދަތެއްގައި މީޑިއާގައި ޚިދުމަތް ކޮށްފައިވާ ލެރީ ކިންގ އަށް ވަނީ ޕިއަބޮޑީ އެވާޑާއި މަޝްހޫރު އެމީ އެވާޑް ފަދަ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.

ކިންގ އެންމެ ފުރަތަމަ ތައާރަފް ވެގެން ދިޔައީ، 1970 ވަނަ އަހަރު، "ލެރީ ކިންގ ޝޯވް"ގެ ނަމުގައި، ކޮމާޝަލް ނެޓްވާކެއް ކަމުގައިވާ މިއުޗުއަލް ބްރޯޑްކާސްޓިންގ ސިސްޓަމުގައި އޭނާ ހުށަހަޅަން ފެށި ރޭޑިއޯ ޕްރޮގްރާމަކުންނެވެ. އެއަށްފަހު، ސީއެންއެންގައި، "ލެރީ ކިންގް ލައިވް"ގެ ނަމުގައި މަޝްހޫރު ވެގެންދިޔަ ޝޯވް އޭނާ ވަނީ، 1985 އިން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ހުށަހަޅާ ދީފައެވެ.

އެންމެ ފަހުން އޭނާ ހުށަހަޅުއްވާފައިވަނީ، "ލެރީ ކިންގ ލައިވް"ގެ ނަމުގައި ރަޝިއާގެ ސްޓޭޓް ބްރޯސްކާސްޓަރ ހުލު އެންޑް އާރްޓީގައި އޭނާ ހުށަހެޅުއްވި ޝޯވ އެވެ.

ލެރީ ކިންގ ގެ 5 ކުދިން ތިބި އިރު، ދެކުއްޖަކު ވަނީ، ޖެހިޖެހިގެން ދެހަފްތާގެ ދުރުމިނުގައި ފާއިތިވެދިޔަ އަހަރު މަރުވެފައެވެ. އެއްކުއްޖަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެފައި ވާއިރު، ދެވަނަ ކުއްޖާ މަރުވެފައިވަނީ ފުއްޕާ މޭގެ ކެންސަރު ޖެހިގެންނެވެ.

1988 ވަނަ އަހަރު އޭނާ ވަނީ، މާލީ ތަނަވަސްކަން ނެތް، ނުވަތަ އިންޝޫރަންގެ އެއްވެސް ޚިދުމަތެއް ލިބެން ނެތް ފަރާތްތަކަށް ހިލޭ ސާބަހަށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކާ ލެރީ ކިންގގް ކާޑީއޭކް ފައުންޑޭޝަންގެ ނަމުގައު ޚާއްސަ ފައުޑޭޝަނެއްވެސް އުފައްދާފައެވެ.