ޖަރުމަނުގެ އުލްމު ސިޓީގައި މަގުމަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ޕޯޓަބަލް ގެތަކެއް ހަދައިފި އެވެ.

އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިއީ ގެދޮރު ނެތި، މަގުމަތީގައި ނިދާފައި ތިބޭ މީހުންނަށް ހަދިޔާކުރާ ޕޯޓަބަލް ގެތަކެއް ކަމަށެވެ.

ދަގަނޑާއި ފިލާ ބޭނުންކޮށްގެން ހަދާފައިވާ މި ގެ ތަކަކީ އެއްފަހަރާ ދެ މީހުންނަށް ނިދޭ ގޮތަށް ފަރުމާކޮށްފައިވާ ގެ ތަކެކެވެ. އަދި ލައްޕާލެވޭ ގޮތަށް ހުރި މި ގެތަކަކީ ވައިން ވެސް ރައްކާތެރިވާ ގޮތަށް ފަރުމާކޮށްފައިވާ ގެ ތަކެކެވެ.

"މި ގެތައް އެއްތަނުން އަނެއްތަނަށް ގެންދެވޭނެ. ގިނަ މީހުންނަކީ އަބަދު އެއްތަނެއްގައި ނިދާ މީހުންނެއް ނޫން. އެކި ރޭ ނިދަނީ އެކި ތަންތަނުގަ." އެ ގައުމުގެ އޮފިޝަލަކާ ޙަވާލާދީ ޖަރުމަންގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިދުވަސްވަރަކީ ފިނި މޫސުން ކަމަށްވާތީ، މަގުމަތީ ނިދާ މީހުންނަށް މިއީ ވަރަށް ބޭނުންތެރި އެއްޗަކަށްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ގެތައް ފަރުމާކޮށްފައިވަނީ ކުޑަ ސޯލާރ ޕެނަލެއް ވެސް ހިމަނައިގެން ކަމަށްވާތީ، ކޮންމެ ދުވަހަކުވެސް ދުވާލު ގަޑީގައި މި ގެތަކަށް ބޭނުންވާ މިންވަރަށް ކަރަންޓާއި ހަކަތަ އެއްކުރެވޭނެ އެވެ.

އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ގެތަކަށް އެއްވެސް އަގެއް ނުނަގާނެ އެވެ.