މަޖާކެއުމަކީ ދިވެހިންގެ ތެރޭގައި ދެގޮތެއްނުވެ އޮތް އާދައެކެވެ. ޒަމާނާ އެއްގޮތަށް މަޖާހެދުމުގައި ބޭނުންކުރާ ތަކެއްޗަށް ބަދަލު ތަކެއް އައި ނަމަވެސް މިކަމަށް މީހުން ހުންނަ ފޯރިއަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ. މިހާރު ކުރިއަށްވުރެ ފޯރިގަދައެވެ. ކުރީގައި މަޖަލީ މާބަނޑުމީހުނަށް ޚާއްސަ އެއްޗެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. މިހާރު ފިރިހެނުންގެ ތެރޭގައިވެސް މަޖާ ވަރަށް އާންމެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. މިހާރު މިކަމަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ރުކަށް އަރައިގެން ކިހަށް އަޅާ ޅަފަޅޯ ހުރި ގެއަކުން ފަޅޯ ހޯދަން ދާކަށް ނުޖެހެއެވެ. އެންމެން ކަހަލަ ގޮތަކަށް ތިބެނީ އިންސްޓަގްރާމްގައެވެ. ހަމަ މެސެޖެއް ކޮށްލާއިރަށް އެކަން ހަމަ ޖެހުނީއެވެ.
މިއަދު މި ގެނެސްދެނީ މަޖާ މުޅިން އެހެން ހަރުފަތަކަށް ގެނެސްދިން ކަނބަލެއް ކަމަށްވާ ނާފިގެ މަޖާ ވާހަކައެވެ. އަމިއްލަ ހިތްހަމަ ޖެހުމަށް ގޭގައި ހަދަމުން ދިޔަ މަޖާ، ވިޔަފާރިއަކަށް ބަދަލުވެ އެއިން އާމްދަނީ ހޯދަން ފެށުނު ގޮތުގެ ވާހަކަ އެވެ. މިކަމާ ތީރުގެ ފަރާތުން ވާހަކަ ދައްކާލުމުން ނާފި ބުނީ، "އަބަދުވެސް ގޭގަ މަޖާ ހަދާގެން މަޖާކެއުން އެއީ އޮންނަ ކަމެއް. ދެން ލޮކް ޑައުން ތެރޭގަ މާލެ އައިތަނުން މާލޭގެ ގޮތަކަށް ތާށިވީ. މާލޭގަ އުޅެންޏާ ދެން ވަރަށް ޚަރަދުވެސް ބޮޑުވާނެތާ. މިހެން އުޅެނިކޮށް ފިރިމީހާ ދިން ޚިޔާލެއް މީ. ފިރިމީހާ އަބަދުވެސް ބުނާނެ ނާފި ހަދާ މަޖާ ވަރަށް މީރޭ. ދެން އޭނާގެ އެދުމަކަށް މިކަން ވިޔަފާރި އުސޫލުން ފެށީ. މިކަމުގެ އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ހަމަ ފިރިމީހާ އާއި މަންމަ." ކަމަށެވެ.
ތަފާތު އެކިގޮތް ގޮތަށް އެކި ބާވަތްތައް އަޅައިގެން ހަދާ މަޖާ ޕެކްތައް ނާފިގެ އިންސްޓަގްރާމް އިން ފެންނަން ހުންނާނެއެވެ. 25 ރުފިޔާއިން ފެށިގެން 350 ރުފިޔާ އާއި ހަމައަށް އަގުތައް ހުރި ޕެކޭޖްތައް ނާފި ވިއްކައެވެ. މަޖާ ހެދުމަށް ބޭނުންވާ ތަކެއްޗާއި ބެހޭ ގޮތުން ސުވާލު ކުރުމުން ނާފި ބުނީ، "ކުންނާރު އެއީ ވަރަށް ގިނަ މީހުން ބޭނުންވާ އެއްޗެއް ނަމަވެސް ވަރަށް މަދުން ނޫނީ ނުލިބޭ އެއްޗެއް. އޭގެ ބަދަލުގައި ކުރިން މަޖާ ހަދާއިރު ބޭނުން ނުކުރާ އެތައް ވައްތަރެއް މިހާރު ބޭނުން ކުރޭ. އޮރެންޖް، ފެހި އާފަލު، އަނބުޅަ، ފެޝަން ފުރުޓް، ކެރޮޓް ފަދަ ތަކެތި އަޅާ. ގިނަ އެއްޗެހި ގަންނަނީ ހަމަ މާލޭގެ ބާޒާރުން، ބައެއް އެއްޗެހި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޓެހިންނާއި އާއިލާމީހުންވެސް ފޮނުވާ." ކަމަށެވެ.
މަޖަލަށް ދިވެހިންގެ މެދުގައި އޮންނަ ފޯރި އެންމެ ރަގަޅަށް އެނގިގެން ދަނީ ނާފި އަށް އޯޑަރުކޮށްގެން މީހުން މަޖާ ހައްދާ އަދަދަށް ބަލާލުމުންނެވެ. ނާފި ހާމަކުރި ގޮތުގައި މިހާރަކަށް އައިސް ކޮންމެ ދުވަހަކު އެންމެ މަދުވެގެން 5 އޯޑަރުލިބެއެވެ. ނާފި އަށް އޯޑަރުކޮށްގެން މަޖާ ހެދުމުން، އަމިއްލައަށް އައިސް ގެންދިއުމުގެ އިތުރުން ގެންގޮސްދިނުމުގެ ޚިދުމަތްވެސް ދެއެވެ. ނާފިގެ މަޖާ ގަންނަން ބޭނުންވާ ފަރާތްތަކުން ނާފިގެ އިންސްޓަގްރާމްއަށް މެސެޖްކޮށްލުމުން، ފެންނަ އިރަށް ކުޅުދިޔާވާވަރުގެ މީރު މަޖާލިބޭނެއެވެ.
ނާފިގެ މި ޚިދުމަތާއި މެދު ޚިދުމަތްލިބިގަންނަ ފަރާތްތަކުގެ ހިތްހަމަ ޖެހުން ހުރި މިންވަރާއި ގުޅޭގޮތުން ވެސް ސުވާލުކޮށްލީމެވެ. "ހަމަ ވަރަށް ހިތްހަމަ ޖެހޭ ޕޮޒިޓިވް ފީޑްބެކް ކަސްޓަރަމުންގެ ފަރާތުން ލިބެނީ. އިންސްޓަގްރާމްއަށް މެސެޖްކޮށްފައި އަދި ވަކިން ގުޅައިގެންވެސް ހަމަ މަޖާ މީރު ވާހަކަ ބުނާނެ. ވަރަށް އުފާވޭ އެކަމާ." ނާފިގެ ޖަވާބަކީ މިއެވެ.
ޚިދުމަތްލިބިގަންނަ ފަރާތްތަކަށް ކާ އެއްޗެއް މީރުވެއްޖެ ނަމަ ވަރަށް ގިނަ ފަހަރަށް އެ އެއްޗެއް ހަދާފައި ހުންނަ ރެސިޕީ އެނގެން ބޭނުންވެއެވެ. ނާފިއަށް ވެސް މިކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ގުޅައެވެ. ނާފިގެ މަޖާ މީރުވުމުން އެ ތައްޔާރުކުރާ ގޮތާއި އަޅާފައި ހުންނަ ތަކެއްޗާއި އޭގެ މިންވަރު އޮޅުން ފިލުވަން ބޭނުންވެއެވެ. ނަމަވެސް މިއީ ނާފިގެ ސީކްރެޓް ރެސިޕީއެކެވެ. ބޮޑެތި ކައްކާއިންނަށް ވެސް އެމީހުންގެ ޚާއްސަ ކާތަކެތީގެ ރެސިޕީ ޙިއްސާ ނުކުރެވޭ ހެން ނާފިއަށް ވެސް މިކަންކުރެވޭ ކަށް ނެތެވެ. މިކަމަށްޓަކައި ނާފި އޭނާގެ ޚިދުމަތްހޯދާ އެންމެހާ ފަރާތްތަކުގެ ކިބައިންމަޢާފަށް ވެސް އެދެއެވެ.
އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ އިތުރުކޮށް ދިރިއުޅުން ތަނަވަސްކުރަން ބޭނުންވާ ހުރިހާ ކަނބަލުންނަށްވެސް ތީރުގެ ފަރާތުން އެދެނީ ކުރިއެރުމަށެވެ. ނާފިގެ މަސައްކަތުގައި ވެސް ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބީ ލިބުމަކީ ތީރުގެ އެދުމެވެ.
