ބޮލީވުޑުގެ ރަސްގެފާނޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިތަށް އަންނާނެ ނަމަކީ އެފަދަ ދެވަނަ އެއް ނުވާ ޝާހުރުކް ޚާން ގެ ނަން ކަން ޔަގީނެވެ. ޝާހުރުކް އަކީ އެތައް ފިލްމަކުން ފޭނުންގެ ހިތްތަކުން ލޯބި ހޯދާފައިވާ ތަރިއެކެވެ. އަދި ގިނަ ފޭނުން ޝާހުރުކް ސިފަ ކުރަނީ ވަރަށް ފުރިހަމަ މީހެއްގެ ގޮތުގައެވެ.
ނަމަވެސް ޝާހުރުކް ގެ ހަޔާތުގައި ވެސް އޭނާގެ ކޮންޓްރޯލުގެ ދަށުގައި ނުވާ ކަން ކަން ހުންނައިރު، މިއީ ގިނަ ބަޔަކަށް ނޭނގި އޮވެދާނެ ކަމެކެވެ. އެއީ ޝާހުރުކް އަސް ދެކެ ބިރުގަންނަ ކަމެވެ.
މިކަމާ ގުޅިގެން މިހާތަނަށް ޝާހުރުކް މީޑިއާގައި ވާހަކަދައްކާފައިނުވި ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަސް ދުއްވަން ގަންނަ ބިރެއްގެ ސަބަބުން ބައެއް ފިލްމުތަކުން އޭނާއަށް ފުރުސަތު ގެއްލިފައިވެސް އެބަހުރިއެވެ. އަދި ބައެއް ފިލްމުތަކުގައި އެފަދަ މަންޒަރު ހުރި ނަމަވެސް މި ބިރުގެ ސަބަބުން ސްކްރީންޕްލޭ ބަދަލުކޮށް އެ މަންޒަރުތައް ފިލްމުތަކުން އުނި ވެސް ކޮށްފައިވެއެވެ. ޝާހުރުކް އަންނަނީ އޭނާ ކުޅޭ ފިލްމުތަކުގައި އަހާއެކު އެއްވެސް ފަދަ ސީންއެއް ފިލްމުގައި ނެތް ކަން ޔަގީން ކުރެއެވެ.
ޝާހު ބޮލީވުޑްގައި މަޝްހޫރުވެފައި ވަނީ "ކިންގް އޮފް ބޮލީވުޑް" ނުވަތަ "ކިންގް ޚާން" ގެ ނަމުންނެވެ. އޭނާ ވަނީ މިހާތަނަށް 80 އަށްވުރެ ގިނަ ހިންދީ ފިލްމު ކުޅެފައެވެ. އޭނާއަށް ވަނީ 14 ފަހަރު ފިލްމު ފެއާއެވޯޑް ލިބިފައެވެ.
ޝާހުރުކް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ޑަރް" (1993)، "ބާޒީގަރް" (1993)، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއިގޭ" (1993)، "ބާޒީގަރް" (1993)، "ދިލްތޯ ޕާގަލްހޭ" (1997)، "ކުޗް ކުޗް ހޯތާހޭ، (1998)، "ކަބީ ޚުޝީ ކަބީ ގަމް" (2001) ހިމެނެއެވެ. އަދި މީގެ އިތުރުން "މައިނޭމް އިޒް ޚާން" (2010)، "ޗެންނާއީ އެކްސްޕްރެސް" (2013) އަކީ ޝާހު ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެވެ.
ޝާހުރުކް ޚާން އެންމެ ފުރަތަމަ ބޮލީވުޑަށް ވަދެފައި ވަނީ ފިލްމު "ދީވާނާ" އިން 1992 ވަނަ އަހަރުގައެވެ.