ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ އާއި ނަރުދޫ ކައުންސިލް އަދި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ފޯކައިދޫ ކައުންސިލާއެކު ބޭއްވީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ރަށުގައި މޫދަށް އެރެވޭނެ ސަރަހައްދެއް ޤާއިމުކުރުން ފާހަގަ ކުރެއްވިއެވެ. އަދި އާ ކައުންސިލް އިދާރާއެއް ޤާއިމުކޮށްދެއްވުމަށާއި، ކައުންސިލުން އިސްނަގައިގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ މިންވަރު އިތުރުކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އިނާޔަތެއްގެ ބަދަލުގައި މުސާރަ ދެއްވާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ށ. ނަރުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން:
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން