ސިކުނޑިއާއި ބޮލުގެ ޓިއުމަރުތަކަކީ އޭގެ ސަބަބުން އިންސާނާގެ ފުރާނައަށް ނުރައްކާ ކުރުވަފާނެ އެއްޗެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ޓިއުމަރުތަކުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ނުލިބި، އެ ޓިއުމަރު ބޮޑުވަމުންވެސް ދެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ޑަކްޓަރީ ފަރުވާ ނުހޯދާ ލަސްކުރުން އެއީ ބުއްދިވެރިކަމެއް ނޫނެވެ.

މިހާތަނަށް އިންސާނެއްގެ ސިކުނޑިން ނެގި އެއްމެ ބޮޑު ޓިއުމަރު ނަގާފައިވަނީ 7 ގަޑި އިރުގެ އޮޕަރޭޝަނަކަށް ފަހުގައެވެ. މި ޓިއުމަރުގެ ބަރުދަނުގައި 4.21 ޕައުންޑު ހުރިކަމަށް ވެއެވެ. މިއީ ގާތްގްނޑަކަށް 2 ކިލޯގެ ބަރުދަނެވެ.

އުމުރުން 31 އަހަރުގެ މި ފިރިހެނާގެ ބޮލުގެ ނާށިގަނޑު ދުޅަވެ، ބޮލުގައި ރިއްސާ، ދެ ލޮލުގެ ފެނުން ދަށްވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ނަމަވެސް އޭނާގެ މާލީ ތަނަވަސްކަން ނެތުމާއެކު، އެކަމުގެ ފަރުވާ ނުހޯދާ ލަސްކުރިއެވެ. މިގޮތަށް ލަސްކުރުމާއެކު، އެ ޓިއުމަރު ބޮޑުވެ، ބޮލުގެ ފަހަތުން ގާތްގަނޑަކަށް 8 އިންޗި ވަނީ ދުޅަވެ، ނުކުމެފައެވެ. އަދި އޭނާގެ ލޮލުގެ ފެނުން ކޮށިވެ، ފެންނަން އުނދަގުވާން ފެށިއެވެ. މިގޮތަށް ހާލަތު ގޯސްވެ، އެ ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު އޭނާގެ ލޮލުގެ ފެނުން ވަނީ އެއްކޮށް ގެއްލިފައެވެ.

ސްކޭންތަކުން އެނގުނު ގޮތުގައި ޓިއުމަރު ވަނީ ބޮލުގެ ނާށިގަނޑުގެ ކަށިގަނޑުގެ ތެރެއިން މެދު ރޮނގުގެ ދެފަރާތުން ސިކުނޑި އިންނަ ސަރަހައްދަށްވެސް ވަދެފައެވެ.

އިންޑިޔާގެ މެޑިކަލް ކޮލެޖުން ހާމަ ކޮށްފައިވާ މައުލޫމާތުތަކުން ފެންނަ ގޮތުގައި އެ ޓިއުމަރު ނަގަން ކުރި އޮޕަރޭޝަންގެ ތެރޭގައި 11 ޔުނިޓް ލޭ ވަނީ އޭނާގެ ގަޔަށް އަޅާފައެވެ. މިގޮތަށް ލޭ އަޅަން މި ޖެހުނީ އޮޕަރޭޝަންގެ ތެރޭގައި ގިނަ އަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުންނެވެ. އަދި އޭގެ ފަހުން ލައިފް ސަޕޯޓުގައި ތިން ދުވަސް ހޭދަކުރަން ޖެހުނުނަމަވެސް އޭގެ ފަހުން އޭނާ ވަނީ މުޅިންހެން އެކަމުން ރަނގަޅުވެފައެވެ.

މި ފިރިހެނާގެ ބޮލުން ގާތްގަނޑަކަށް 2 ކިލޯ ހުންނަ ވަރުގެ ޓިއުމަރެއް ނަގާފައިވާއިރު، އެ ޓިއުމަރުގައި ކެންސަރުގެ އެއްވެސް އަސަރެއް ނުވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އިތުރަށް އިތުރު ޓެސްޓުތަކެއްވެސް ވަނީ ހަދާފައެވެ. މި ޓެސްޓުތަކުގައިވެސް އެއްވެސް ނުރައްކަލެއް ހުރި ކަމަކަށް ނުދައްކައެވެ. ނަމަވެސް އޭނާގެ ފެނުން ވަނީ އެއްކޮށް ގެއްލިފައެވެ.

ސިކުނޑީގެ ޓިއުމަރަކީ މިހާ ބޮޑުވާން ދޫކޮށްލުން ރަނގަޅު އެއްޗެއް ނޫނެވެ. އެ ޓިއުމަރު ބޮޑުވުމުގެ ސަބަބުން ސިކުނޑީގައިވާ ފެނުމުގެ ހިއްސު ދެނެގަންނަ ނާރަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ ފިރިހެނާގެ ލޮލުގެ ފެނުން އެ ވަނީ ގެއްލިފައެވެ. ހަށިގަނޑުގެ ހުރިހާ ހިއްސެއް ކޮންޓްރޯލުކުރާ ހުރިހާ ނާރުތަކެއް ހުރީ ސިކުނޑީގައެވެ. އެހެންކަމުން ސިކުނޑީގައި ބޮޑުވާ ޓިއުމަރެއްގެ ސަބަބުން ހަމަ ކޮންމެ ހިއްސަކަށްވެސް ގެއްލުން ލިބިދާނެއެވެ. އެހެންކަމުން ބޮލުގައި ރިހި، އިވުމާ ފެނުމާއި އަދި އެނޫންވެސް ހިއްސަކަށް ބުރޫއަރާނަމަ، ޑަކްޓަރަކަށް ދެއްކުން ވަރަށްވެސް މުހިއްމެވެ.