ކަސްރަތު ކުރުމަކީ ބަރުދަން ލުއިކުރުމާއި ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމަށް މޮޅު އުކުޅެއް ކަމަށް ޑަކްޓަރުން ބުނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މުހިއްމު ކަމަކީ މިއީ ގަވައިދުން ކުރެވޭ ކަސްރަތުގެ ވާހަކަ ކަމެވެ. މަހަކު އެއްފަހަރު، ނުވަތަ ހަފްތާއަކު އެއްފަހަރު، އެއްވެސް ތަރުތީބެއް އުސޫލެއް ނެތި ކުރެވޭ ކަސްރަތަކުން އެއްވެސް އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކަސްރަތު ކުރުމުން، އިންސާނާގެ ހަށިގަނޑުގައިވާ ސަރުބީތައް ވިރެނީ ކީއްވެގެންތޯ އާއި މެދެވެ.

ކަސްރަތުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިތުރު ހަކަތަ ތަކެއް ބޭނުން ވެއެވެ. ކަސްރަތު ކުރުމަށް ބޭނުންވާ ހަކަތަ އެވެ. މި ހަކަތަ އުފައްދަނީ ނަގަނީ ލޭގެ ތެރޭގައި ހުންނަ ހަކުރުގެ ބައިންނާ ކެލޮރީސް އޭ މި ކިޔާ މާއްދާތަކުންނެވެ. ކަސްރަތުގެ ސަބަބުން އުފައްދާ ހަކަތަތައް އުފެއްދުމަށް ބޭނުންވާ ހަކުރުގެ ބަޔާއި ލޭގެ ތެރޭގައި ހުންނަ ކެލޮރީސްގެ މިންވަރު މަދުވެ ހުސްވުމުން، ދެން ހަކަތަ އުފެއްދުމަށް ސަރުބީތައް ވިރުވަން ފަށައެވެ. އެހެންކަމުން ކަސްރަތެއްގެ ސަބަބުން ވަރުބަލިވިޔަސް، ގައިގާ ހުންނަ ސަރުބީތައް ވިރެން ފަށާނީ ލޭގެ ތެރޭގައި ހުންނަ ހަކުރާއި ކެލޮރީސް މަދުވެ ހުސްވުމުންނެވެ. މަދުވުން ނުވަތަ ހުސްވުމޭ މި ބުނެވެނީ ލޭގެ ތެރޭގައި ހުންނަ، ހަކަތަ އުފެއްދުމަށް ފައްކާވެފައިވާ ހަކުރުގެ ބަޔާއި ކެލޮރީސްގެ މާއްދާތައް މަދުވާ މަދުވުމަށެވެ. ހަކަތަ އުފެއްދުމަށް ފައްކާ ނުވާ ހަކުރުގެ މާއްދާތަކާއި ކެލޮރީސް ވެސް ލޭގެ ތެރޭގައި ހުންނާނެއެވެ.

ގަވައިދުން ކުރެވޭ ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މެޓަބޯލިޒަމް އޭ މި ކިޔާ ހަރަކާތްތައް އިތުރުވެގެން ދެއެވެ. ގަވައިދުން ކުރެވޭ މި ކަސްރަތުގެ ސަބަބުން މެޓަބޯލިޒަމް އިތުރުވުމުގެ ނަތީޖާ އަކީ ހަށިގަނޑުގައި ހުންނަ ސަރުބީތައް މި ހަރަކާތުގެ ތެރެއިން މަޑުމަޑުން ވިރިގެން ދިއުމެވެ. މިގޮތަށް ވިރޭ ސަރުބީތައް ވިރޭނީ ކަސްރަތު ކުރަމުންދާ ވަގުތުގައެއް ނޫނެވެ. ނަމަވެސް ކަސްރަތުކޮށް ނިމި، ވަރުބަލިކަން ފިލާފައިވާ، ވަގުތުތަކުގައެވެ. މެޓަބޮލިޒަމްގެ ހަރަކާތްތައް، އަރާމު ކުރާ ވަގުތުގައިވެސް އިތުރުވާނަމަ، އެ ވަގުތު ތަކުގައިވެސް ސަރުބީ ވިރުވަމުން ގެންދާނެއެވެ. އެހެންކަމުން ކަސްރަތުކުރުން އެއީ ގަވާއިދުން ކުރެވޭ ކަމަކަށް ހަދަން ޖެހެއެވެ. އެކަމުގެ ނަތީޖާ އެއްމެ އެދެވޭ ގޮތެއްގައި ފެންނާނީ އޭރުންނެވެ.

ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ހަތާރުތައް ގިނަވާން ފަށައެވެ. ނަތީޖާ އަކަށްވަނީ ކަސްރަތުގެ ސަބަބުން އުފައްދަން ޖެހޭ ހަކަތަ އުފައްދަން ލޭގެ ތެރެއިން ނަގާ ހަކުރާއި ކެލޮރީސްގެ މާއްދާތައް ބޭނުންކުރާ މިންވަރު އިތުރުވުމެވެ. މިގޮތަށް މި މާއްދާތައް ގިނައިން ބޭނުން ކުރެވުމުގެ ނަތީޖާއަކީ ލޭގެ ތެރެއިން މި މާއްދާތައް އަވަހަށް މަދުވެ، ސަރުބީ ވިރުވައިގެން ހަކަތަ އުފައްދަން ފަށާލެއް އަވަސް ވުމެވެ. މިގޮތަށް ސަރުބީ ވިރުވައިގެން ހަކަތަ އުފައްދަން ފަށާ ފެށުން އަވަސް ވުމުގެ ނަތީޖާ އަކީ ގިނަ ސަރުބީތަކެއް ވިރިގެން ދިއުމެވެ. މިހެން މެދުވެރި ވަނީ މަސްތަކުގެ ހަތާރުތައް ގިނަ ވުމުންނެވެ. މަސްތަކުގެ ހަތާރުތައް ގިނަވަނީވެސް ގަވާއިދުން ކުރެވޭ ކަސްރަތުތަކުގެ ސަބަބުންނެވެ. އެހެންކަމުން މިމަގުން ސަރުބީ ވިރުވަން އެދޭ މީހާވެސް ކަސްރަތު ކުރުމުގައި ދެމިހުރުން ވަރަށްވެސް މުހިއްމެވެ.

ކަސްރަތުގެ ނަތީޖާ އަކީ ކުއްލި ކުއްލިއަށް ފެންނަ ނަތީޖާއެއް ނޫނެވެ. ޕެނަޑޯލު ގުޅައަކުން ތަނދު ކެނޑޭހެން ކަސްރަތުގެ ސަބަބުން ސަރުބީ ވިރިގެންނެއް ނުދެއެވެ. ނަމަވެސް މިއީ ވަގުތު ނަގާ ކަމެކެވެ. ކެތްތެރިކަމާއި ހިތްވަރަކީ ކަަސްރަތުކުރާ މީހާގެ ކިބައިގައި ހުރުން ލާޒިމް ސިފަތަކެކެވެ.