މަޝްހޫރު ބާސްކެޓް ބޯޅަ ތަރި ކޯބީ ބްރަޔަންޓް މަރުވުމަކީ 2020 ވަނަ އަހަރުގެ ތެރޭގައި ހިނގާދިޔަ ކަންކަމުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ލޯ ކަރުނުން ފުރުވާލި ކަމެކެވެ.

ކޯބީ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހެލިކަޕްޓަރު ކްރޭޝްއެއްގައެވެ. ޕްރައިވެޓް ހެލިކޮޕްޓަރެއްގައި ދަރިފުޅުގެ ބާސްކެޓްބޯޅަ މެޗެއް ބަލާލަން ކުރި މި ދަތުރު ވެގެން ގޮސްފައިވަނީ އޭނާގެ އެންމެ ފަހު ދަތުރަށެވެ. މި ކްރޭޝްގައި ކޯބޭގެ 13 އަހަރުގެ ދަރިފުޅު ހިމެނޭހެން ޖުމްލަ 9 މީހުން މަރުވިއެވެ. 

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ އުމުރުން 41 އަހަރުގައި މަރުވިއިރު އޭނާ ހަތަރު ދަރިންތިބެއެވެ.

ބްރަޔަންޓް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގައެވެ. ނޭޝަނަލް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ލޮސް އެންޖެލްސް ލޭކާޒް އަށް ކުޅުން ބްރަޔަންޓް ވަނީ ފަސް ފަހަރެއެއްގެ މަތިން ޗެމްޕިއަންކަން ހޯދާފައެވެ.

މިހާތަނަށް ދުނިޔޭގައިވެސް އުފެދުނު އެންމެ މޮޅު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ބްރަޔަންޓް ވަނީ ދެ ފަހަރެއްގެ މަތިން އެންބީއޭ ފައިނަލްސްގެ "މޯސްޓް ވެލިއުއެބްލް ޕްލޭޔާރ" އެވޯޑުވެސް ހާސިލުކޮށްފައެވެ. ބްރަޔަންޓްވަނީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބާސްކެޓް ކުޅެފައެވެ. މިގޮތުން 2008 ވަނަ އަހަރު ބެއިޖިންގް އޮލިމްޕިކްސްގައި އަދި 2012 ލަންޑަން އޮލިމްޕިކްސްގައި ބްރަޔަންޓް ވަނީ ރަން މެޑަލް ހޯދާފައެވެ.

ކޯބީ އާއި ދަރިފުޅު މަރުވިތާ އިއްޔެއަށް އަހަރެއް ވެގެންދިޔައިރު، އާއިލާއިން ވަނީ މި ދެ މީހުންގެ ހަނދާން އާކޮށްފައެވެ.