ކޮވިޑް ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ އެމް.އެފް.ޑީ.އޭ އިން ދީފި އެވެ.
މި ހުއްދަ ދީފައިވަނީ މި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް ”ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން“ ގައި ބޭނުން ކުރުމަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވެ އެވެ.
މީގެ އިތުރުން އެސްޓްރަޒެނެކާއާއި އޮކްސްފޯޑްގެ މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު ކަމަށާއި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ.
މި ވެކްސިނަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.
މިއީ އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނެވެ.
