ބްރޮކޮލީއަކީ ދިވެހިންގެ މެދުގައި ވެސް ފަހަކަށް އައިސް ކެއުމަށް ބޭނުން ކުރަމުން އަންނަ ތަރުކާރީއެކެވެ. އާންމުކޮށް ބްރޮކޮލީ ކައި އުޅެނީ ޑައިޓު ކުރާ މީހުން ކަމުގައި ވިޔަސް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބްރޮކޮލީއަކީ ކެވިދާނެ، އެއިން ގިނަ ފައިދާތަކެއް ލިއްބައިދޭނެ ތަރުކާރީއެކެވެ.
ބްރޮކޮލީ ބޭނުންކުރުމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރިވުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރު ފަދަ ކެންސަރުތަކުން ބްރޮކޮލީން ރައްކާތެރިކޮށްދެއެވެ. ބްރޮކޮލީ ބޭނުންކުރުމަކީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ "އެސްޓްރަޖަން" ހޯރމޯންގެ މިންވަރު މަދުކޮށްދޭ ކަމެއް ކަމަށްވެފައި، ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ބައެއް މާއްދާތައް ކަމަށްވާ "ގްލޫކަރެފެނިން"، "ޑައިއިންޑޮލައިލްމީތޭން"، ބީޓާ ކެރޮޓީން، ސިލެނިއަމް، ވިޓަމިން އޭ، އަދި ވިޓަމިން ސީ ފަދަ މާއްދާތައް ހިމެނެއެވެ.
ބްރޮކަލީގައި ވިޓަމިން ސީ، ސަލްފަރ، އަދި ބައެއް އެމިނޯއެސިޑް ތައް ހުރުމާއެކު، އެބޭނުންކުރުމުން ހަށިގަނޑުން ވިހަ ސާފުކުރުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ ބްރޮކަލީ އަކީ ފްރީ ރެޑިކަލްތައް، އަދި ޔޫރިކް އެސިޑް ފަދަ ވިހަ މާއްދާތައް، ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. މިއީ ހަމުގައި ބިހިނެގުން، ހިރުވައިކެހުން، މުލިހިނެގުން، ޔޫރިކް އެސިޑް މަތިވެގެން ހުޅުތައް ދުޅަވުން، ރާއްޖެ ބަލި، ގުރުދާގައި ހިލަހެދުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ބްރޮކަލީގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން ހަޖަމުރަގަޅުކޮށްދީ، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑު ހިކުމުން ރައްކާތެރިކޮށްދީ، ބަނޑުފަސޭހަ ކުރުމަށް އެހީތެރިވެދެއެވެ.
ބްރޮކަލީގައި ހުންނަ ކްރޯމިއަމް ކިޔާ މައުދަނުގެ ސަބަބުން އިންސިއުލިންގެ މަސައްކަތް ހަރުދަނާކޮށްދީ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ބްރޮކަލީގައި ހިމެނޭ ތަފާތު ވިޓަމިންތަކާއި، ފައިބަރު، އަދި އޮމެގާ-3-ފެޓީ އެސިޑްތަކަކީ ވެސް މަތިވެފައިވާ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.