ރ. އަތޮޅު ދުވާފަރު މީހުންނަކީ އެކި ބާވަތްބާވަތުގެ ކާއެއްޗެހި ތައްޔާރުކުރުމަށް އަރާތިބި ބައެކެވެ. ޖުމްލަކޮށް ދުވާފަރުގެ ހުރިހާ ރައްޔިތުންނަކީވެސް ކެއުމަށް ލޯބިކުރާ ބައެކެވެ. އަވަށު މީހުން ނުވަތަ އެކީގައި އުޅޭ ގިނަ ބަޔަކު އެއްވެގެން ކާއެއްޗެހި ތައްޔާރުކޮށްގެން ކެއުމަކީ ދުވާފަރު މީހުން ކަނދޮޅުދޫގައި ދިރިއުޅުނު ޒަމާނުއް ފެށިގެން އާދައެކެވެ. އެހެންކަމުން ދުވާފަރަށް ނިސްބަތްވާ ޒުވާން ޖީލުގެ ލޭގައި މިކަން ހުރުން އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ތީރުގެ މިއަދުގެ ލިޔުން މި ޚާއްސަކޮށްލަނީ ދުވާފަރަށް ނިސްބަތްވާ ފިސާރި ކަނބަލަކަށެވެ. ދުވާފަރަށް ޚާއްސަ ރަހަތައް މާލޭގައި ދިރިއުޅޭ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުނަށް ފޯރުކޮށްދެނީ އުމުރުން އެންމެ 22 އަހަރުގެ މަރްޔަމް ރަޝްފާއެވެ.
ވަޒީފާއެއް އަދާ ކުރުމަކީ ވަކި ގޮތަކަށް ހެދުން އަޅައިގެން ވަކި ގަޑިއަކަށް ތަނަކަށް ގޮސް ކުރާކަމެއް ނޫންކަން ދައްކައިދިން ރަޝްފާއަކީ ވަރަށް މުރާލި ކަނބަލެކެވެ. ދަރިން ކައިރީގައި ހުރެގެން އާއިލާގެ އެހެން ޒިންމާތައް އަދާކުރަމުން އާއިލާއަށް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ކަނބަލުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ރަޝްފާއަކީ ވެސް މިފަދަ ކަނބަލެކެވެ. އާމްދަނީ ހޯދުމަށް ވަކި މަސައްކަތެއް ނެތް ކަމަށާއި ކޮންމެ މަސައްކަތެއްވެސް ކުރެވޭނެކަން ރަޝްފާވަނީ ދައްކާދީފައެވެ. އެހެންކަމުން ރަޝްފާގެ މަސައްކަތްތަކާއި ގުޅޭގޮތުން ތީރުގެ ފަރާތުން ރަޝްފާއާ ވާހަކަ ދައްކާލީމެވެ.
"އަޅުގަނޑަކީ ހަމަ އަބަދުވެސް އަމިއްލައަށް މަޖާ ހަދައިގެން ކައިއުޅޭ ކުއްޖެއް. ރައްޓެހިންނަށް މަޖާ ހަދާދީވެސް އުޅެން. ފަހުން ދެން ވަޅޯމަސް ނޫޑްލްސް، ތެޔޮ މިރުސް ނޫޑުލްސް ވެސް ހަދަން ފެށީ. އޭގެ ރަހަ މީރުކަމުން، މިކަމުން އާމްދަނީއެއް ހޯދުމަށް ޚިޔާލު ދިނީ ފިރިމީހާ އާއި ރައްޓެހިން. އަޅުގަނޑަކީ ކައްކާ ހިތުން ކައްކާމީހެއް. އެހެންވެ ހިތަށް އެރީ އަޅެ އަޖުމަ ބަލާލާނަމޭ." މަސައްކަތް ފެށުނު ގޮތާއި ބެހޭގޮތުން ރަޝްފާ ކިޔާދިނެވެ.
ކުޑަގޮތަކަށް ފަށައިގެން މަސައްކަތް ފުޅާކޮށް ބާވަތްތައް އިތުރު ކުރަމުން ގޮސް މިހާރު ރަޝްފާގެ ރަހަތަކުގެ ތެރޭގައި ވަޅޯމަސް ނޫޑްލްސް/ރައިސް، ތެޔޮ މިރުސް ނޫޑުލްސް/ރައިސް، ޓޮމާޓޯ ނޫޑްލްސް/ރައިސް، ހުތް މަސްކާށި، މީރު ބިލެއްގަނޑު، ލޮނު މިރުސް އަދި މަޖާ ހިމެނެއެވެ. މިއީ އާދައިގެ ކުޑަ ކެފޭ އެއްގެ މޭނޭއެއްގައިވެސް ހިމެނޭނެ ތަކެއްޗެވެ. މިއިން ކޮންމެ ބާވަތަކުން އެންމެ މަދުވެގެން 10 އޯޑަރު ދުވާލަކަށް ނަގާ ކަމަށް ރަޝްފާ ހާމަކުރިއެވެ. އެހެންކަމުން މިކަމުގައި ރަޝްފާއަށް އެހީތެރިކަން ދޭނެ ބަޔަކު ތިބޭނެ ކަން އެއީ ޔަގީން ކަމެކެވެ. "އަލްޙަމްދު ލިﷲ!. މި މަސައްކަތުގައި ދެފަރާތުގެ އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ. ޚާއްސަކޮށް ފިރިމީހާއާއި ފަހަރި އާއި އަޅުގަނޑުގެ ދައްތަގެ އެހީތެރިކަން ފާހަގަކޮށްލަން. ދެން ދުރުގައި ހުއްޓަސް އަޅުގަނޑުގެ ދައްތަ ޒާރީގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލަން. މިކަން އަޅުގަނޑަށް ވާނެ ކަމަށް ވިސްނާދީ ވަރަށް ބޮޑަށް ހިތްވަރު ދޭނެ ދައްތަ. މިކަން ފެށި، މިކަމުގައި އަޅުގަނޑަށް ލިބޭ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އަޅުގަނޑުގެ ލޯބިވާ ފިރިމީހާ. މިކަމަށް ހިތްވަރު ދީ އަމަލީ ގޮތުން މިކަމުގައި އަޅުގަނޑަށް ދޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވަން. މަސައްކަތަށް ބޭނުންވާ ސާމާނު ބޭރުން ގަނެދީ ހަދާނީ މުޅިންވެސް ފިރިމީހާ. ޑެލިވަރީ ކަންކަމުގައިވެސް އެހީތެރިކަން ދޭނެ. މިހާރު އަޅުގަނޑު ހުންނާނީ ޑެލިވަރީ އަށް ޚާއްސަކޮށް ކުއްޖަކު ނަގާފައި" ކަމަށް ރަޝްފާ ކިޔާދިނެވެ.
އަނބިންގެ ކަންކަމުގައި އެހީތެރިކަންދީގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާ ފިރިން އަޅުގަނޑުމެންގެ މުޖުމަތަޢުން ފެންނަނީ އަދިވެސް ވަރަށް މަދުންނެވެ. ރަޝްފާކިޔާދިން ގޮތުގައި އޭނާއަކީ އެފަދަ ނަސީބެއް ލިބުނު މަދު އަނބިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. މަސައްކަތުގައި އުޅޭވަގުތު ތަކުގައި ކުޑަދަރިފުޅުގެ ކަންކަން ބަލާދިނުން އެއީ ފިރިމީހާގެ ފަރާތުން ފެންނަ، ރަޝްފާ ވަރަށް އުފާވާ ސިފައެއް ކަމަށް ރަޝްފާ ހާމަކުރިއެވެ.
ކޮންމެ ޚިދުމަތެއް ވެސް މިންކުރާނީ އެ ޚިދުމަތެއް ލިބިގަންނަ ފަރާތްތަކުންނެވެ. ރަޝްފާގެ ހުރިހާ ރަހަތަކަށް ވެސް ޚިދުމަތް ހޯދާ ފަރާތްތަކުން ވަނީ 5 ތަރި ދީފައެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ދުވަހަކު ގަވާއިދުން ރަޝްފާގެ ކޮންމެވެސް ބަވާތަކަށް އޯޑަރު ދޭމީހުން ތިބެއެވެ. އަނެއް ބަޔަކު ހަފްތާއަކު 2 ނުވަތަ 3 ފަހަރަށް އޯޑަރު ދެއެވެ. ތަކުރާރުކޮށް އެއްތަނަކުން ކާއެއްޗެހި ގަތުމަށް އޯޑަރު ކުރާނީ ހަމަ ގައިމުވެސް ރަހަ ވަރަށް މީރުވީމައެވެ. އެކަން މިއޮތީ ސާބިތު ވެފައެވެ.
ކޮންމެ މަސައްކަތެއް ވެސް ކުރަނީ އެއިން އާމްދަނީ އިތުރު ކުރުމުގެ ބޭނުމުގައެވެ. އެހެން ކަމުން މި މަސައްކަތުން ލިބޭ އާމްދަނީ އާއި ބެހޭ ގޮތުން ވެސް ސުވާލުކޮށްލީމެވެ. ޖަވާބުގައި ރަޝްފާ ބުނީ، "ހަމަ ރަގަޅު އެއްޗެއް ލިބޭ. ހުރިހާ ކަމަކަށްވެސް ޚަރަދު ކުރަނީ މި މަސައްކަތުން ލިބޭ ފައިދާ އިން" ކަމަށެވެ.
ދެން އޮތީ މި މީރު ރަހަތައް ހޯދުމަށް ނުވަތަ އޯޑަރު ކުރަން ހަދަންވީ ގޮތެވެ. ރަޝްފާގެ ރަހަތަކަށް ޚާއްސަ ފޭސްބުކް ޕޭޖެއް އޭނާ ހިންގައެވެ. މި ޕޭޖް މެދުވެރިކޮށް ރަޝްފާ ތައްޔާރުކުރާ ހަމަ ކޮންމެ އެއްޗަކަށް ވެސް އޯޑަރު ދެވޭނެއެވެ.
https://www.facebook.com/Treatylicious-111734323920352
އެންމެ ފަހު ކަމަކަށް ޝުކުރުގެ ލިސްޓްގައި ހިމަނާލަން ރަޝްފާ ބޭނުންވާ ފަރާތްތައް ކަމަށް ހާމަކުރަމުން ރަޝްފާ ބުނީ، "ﷲ އަށް ޝުކުރުކުރަން މިކަން މިހެން މެދުވެރި ކުރެއްވީތީ، ދެން ދެފަރާތުގެ އާއިލާ އަދި އެންމެ ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވަނީ ފިރިމީހާއަށް. ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. ވަރަށް ލޯބިވޭ". މިހެންނެވެ.
ތީރުގެ ފަރާތުން ރަޝްފާއަށް، ޚާއްސަކޮށް ހުރިހާ ކަނބަލުންގެ މަސައްކަތައް ވެސް އެދެނީ ކާމިޔާބެވެ. ގޭގައި ތިބެގެން މިހެން މަސައްކަތްކުރާ ހުރިހާ ކަނބަލުންނާއި މެދުވެސް އަޅުގަނޑުމެން ފަޚުރުވަމުއެވެ.
