ރުޅި އައުމަކީ އިންސާނީ ސިފައެކެވެ. އަޅުގަނޑުމެން ކޮންމެމީހަކުމެ މިކަން ތަޖުރިބާ ކުރަމެވެ. ރުޅި ކޮންޓްރޯލް ނުވުން ނުވަތަ ގަދައަށް ރުޅިއައުމަކީ ނަފްސާނީ މައްސަލައެއް ނޫނެވެ. ނަމަވެސް މިއީ ނަފްސާނީ ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ. ކުއްލިއަކަށް ނުވަތަ ބޮޑު ކަމަކާ ނުލާ ރުޅިއަންނަ ނަމަ ނަފްސާނީ ޑޮކްޓަރެއްގެ ފަރުވާ ހޯދަން ވާނެއެވެ. މިކަމަށް ފަރުވާ ނުކުރާ ނަމަ، ރުޅިއައިސްގެން ކުރެވޭ ކަންކަމުގެ ސަބަބުން ލޯބިވާމީހުނަށް ބަހުން ނުވަތަ ޖިސްމާނީ ގޮތުން އަނިޔާކުރެވި ނަތީޖާއެއްގެ ގޮތުން އެ މީހުންނާއި ވަކިވާންޖެހިދާނެއެވެ. މިގޮތަށް ރުޅި އައުމަށް ޑޮކްޓަރުންގެ ބަހުރުވައިން ކިޔަނީ "އިންޓަރމިޓެންޓް އެކްސްޕްލޯސިވް ޑިސްއޯޑަރ" ނުވަތަ އައި.އީ.ޑީއެވެ.
މި ބަލި ހުންނަ މީހުންގެ ކިބައިން ފެންނާނެ އަލާމާތް ތަކަކީ، މީހުނާ ޖަދަލު ކުރުމާއި، އަޑުގަދަ ކޮށް ޒުވާބު ކުރުމާއި، މީހުން ކޮށްޕާ، ތަޅާ، މީހުނަށް އަނިޔާކުރުމާއި ޖަނަވާރުންނަށް އަނިޔާކުރުމެވެ. އައި.އީ.ޑީ އަކީ ސީރިއަސް ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި އަވަހަށް ފަރުވާ ހޯދަން ޖެހޭ މައްސަލައެކެވެ. މިފަދަ މީހުން ރުޅި ކޮންޓްރޯލް ނުވާ ވަގުތު ކުރެވޭ ކަންކަމާއި ބުނެވޭ ބަސްބަހާއި މެދު ފަހުން ދެރަވެ ލަދު ގަނެ އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ. ނަމަވެސް ފަހުން ވެސް ރުޅިއައުމުން އެކަން ހަނދާނެއް ނުހުރެއެވެ. އެހެންކަމުން ތިބާގެ އާއިލާގެ މެމްބަރަކު ނުވަތަ ލޯބިވާ މީހަކު މިކަން ތަހައްމަލު ކުރަމުންދާނަމަ އަވަހަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދާށެވެ. އައި.އީ.ޑީ ހުންނަ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެ ގޮތް އެމީހުނަށް ދަސްކޮށްދޭނެއެވެ. އެކަމުގައި ބޭނުން ކުރަންވީ އުކުޅުތައް ޑޮކްޓަރުންގެ ފަރާތުން ކިޔާދޭނެއެވެ. ރުޅިގަދަ ބައިވެރިއަކާއި އެކު ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ހަމަ އެގޮތަށް ރުޅި މަޑުވެފައި ހުންނަ ގަޑީގައި ލޯބިން އުޅޭ ބައިވެރިއަކު ދޫކޮށްލުމަކީ އަދި މާ އުނދަގޫ ކަމެކެވެ. އެހެންކަމުން މިކަމަށް ފަރުވާ ހޯދުން މުހިންމެވެ.
ނަފްސާނީ އެހެން ބައެއް ބަލިތައް ކަމަށްވާ މޫޑް ޑިސްއޯޑަރ، ބައިޕޮލާރ ޑިސްއޯޑަރ ނުވަތަ ބޯރޑަރލައިން ޕަރސަނިލިޓީ ޑިސްއޯޑަރގެ އަލާމާތަކަށް ވެސް ރުޅި ކޮންޓްރޯލް ނުވުން ވެދާނެއެވެ. ނަމަވެސް ނަފްސާނީ މައްސަލަތައް ހުންނަ ހުރިހާ މީހުންގެ ފަރާތުން ރުޅި ގަދަވުން ނުފެނި ހިގައިދާނެއެވެ.
އެމެރިކާގެ ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި ރުޅި ކޮންޓްރޯލް ކުރުމަށް ފަރުވާ ކުރުމުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރުޅި އަންނަން ޖެހޭ ސަބަބު އޮޅުން ފިލުވުމެވެ. ނަމަވެސް މިފަދަ މީހުނާ ވާހަކަ ދައްކައިގެން މިކަމުގެ އެންމެ އަޑިއަށް ދިއުންވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަބަބަކީ މިފަދަ މީހުން އިހްސާސްކުރާ ކަންކަން އެހެން މީހުނާ ޙިއްސާކުރުން ވަނީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް ރަގަޅަށް މިކަން ޑޮކްޓަރަށް ކިޔާދެވި، އަސްލު ސަބަބު ދެނެގަނެވިއްޖެ ނަމަ މިކަމަށް ފަރުވާ ހޯދޭނެއެވެ. ނަމަވެސް އައި.އީ.ޑީ އަކީ ފަރުވާ ނުކޮށްފި ނަމަ އޭގެ ސަބަބުން ބޮޑެތި ކުށްތަކަށް އަރައިގަނެ ލޯބިވާ މީހުނަށް ގެއްލުންދީ ގުޅުންތައް ކެނޑިގެން ހިނގައިދާނެކަމެކެވެ. މީގެ އިތުރުން ސިއްޙީ މައްސަލަތައް ކަމަށްވާ، ލޭމަތިވުން އަދި ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ރުޅި ކޮންޓްރޯލް ކުރުމަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، އެއްޗެއް ބުނުމުގެ ކުރިން އެ ބުނަން ބޭނުންވާ އެއްޗަކާމެދު ވިސްނާލުން އަދި ފުންކޮށް އެތެރެއަށް ނޭވާލާ އަދި މަޑުމަޑުން ބޭރަށް ނޭވާ ދޫކުރަން ފަރިތަ ކުރުން ހިމެނެއެވެ. ބައެއްމީހުނަށް މީގެ އެއްވެސް ކަމަކުން ފައިދާ އެއް ނުކޮށްފާނެކަމަށް ބަލާފައި މިކަމަށް އެންމެ ފަހަރަކު ވެސް މަސައްކަތް ނުކޮށް ދޫކޮށްލަފާނެއެވެ. ނަމަވެސް ކޮންމެވެސް އަސަރެއް ކުރާނެއެވެ. އަޖުމަ ބަލާލާށެވެ.
އައި.އީ.ޑީ ނުހުންނަ މީހުންވެސް މިހެން ރުޅިގަދަ ވެދާނެއެވެ. މާޒީގައި ބުލީގެ ޝިކާރައަކަށްވެ، ނަފްސާނީ ބައްޔެއްގައި އުޅެފައި ނުވަތަ ބޮޑު ހިތާމަވެރި ހާދިސާއެއް ދިމާވެފައިވާ މީހެއްނަމަ ވެސް މިހެން ރުޅިކޮންޓްރޯލް ކުރުމުގައި އުނދަގޫވެދާނެއެވެ. ރުޅިކޮންޓްރޯލް ނުކުރެވުމަކީ މައްސަލައެއްކަން އެނގުން ނަމަވެސް އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ޖެހިލުންވެއެވެ. އަދި މިފަދަ މީހަކަށް އެހީތެރިވާން ވެސް ބައެއް މީހުން ފަސްޖެހެއެވެ. ވަރަށް ގިނަ އާއިލާތަކުގައި މިގޮތަށް ރުޅި ކޮންޓްރޯލް ނުވާ ކޮންމެވެސް މީހަކު ހުރެއެވެ. އެންމެން ވެސް އެމީހަކު ފެނުމުން ޖެހިލުންވެއެވެ. ނަމަވެސް މިކަން ދުރުކޮށް ފަރުވާ ކުރުމުގައި އެހީތެރިކަން ދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
