މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ވާދަވެރި އަލް-އިއްތިހާދު ބަލިކޮށް، އަލް-ހިލާލް އިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުން އަލް-ހިލާލް މޮޅުވީ 2-0 އިންނެވެ. މިއާއެކު، އެ ޓީމުން ސެމީން ޖާގަ ހޯދީ 4-0 ގެ އެގްރިގޭޓުންނެވެ.
މި މޮޅާއެކު އެ ޓީމުން ވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ދުނިޔޭގެ ރެކޯޑެއް ހަދައިފައެވެ. ރޭގެ މެޗަކީ މި ފަހަރުގެ ސީޒަނުގައި ޖެހިޖެހިގެން އަލް-ހިލާލް މޮޅުވި 28 ވަނަ މެޗެވެ. ކުރިން މިރެކޯޑް އޮތީ ވެލްޝް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2016-17 ވަނަ އަހަރުގެ ސީޒަނުގައި ހޯދި ދަ ނިއު ސެއިންޓްސް (ޓީއެންއެސް) އަތުގައެވެ. އެއީ ޖެހިޖެހިގެން ހޯދީ 27 މޮޅާއެކު އެވެ. އެ ޓީމުން މި ރެކޯޑް ހެދީ އޭގެ 44 އަހަރު ކުރީން 26 މެޗު ހަމަކޮށްގެން އަޔެކްސް އެމްސްޓެޑަމް ހަދާފައިވާ ރެކޯޑެއް މުގުރާލައިގެންނެވެ.
ރޭގެ މެޗުގައި އަލް-ހިލާލް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ޔާސިރު އަލް-ޝަހްރާނީ އާއި މެލްކޮމް އެވެ.
"މިއީ ހަގީގަތުގައި ވެސް ގަބޫލުކުރަން ދަތި، އެހާމެ ފުރިހަމަ ކާމިޔާބީއެއް، މި މޮޅުވުމުގެ ރެކޯޑު ދެމެހެއްޓުމުގައި ކުރި މަސައްކަތަށް ކްލަބުގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން." އަލް-ހިލާލްގެ ކޯޗު، ޖޯޖް ޖީސަސް ބުންޏެވެ.
އަލް-ހިލާލްގެ ކޯޗު، ޖޯޖް ޖީސަސް ބުނީ، މީގެކުރިން އޭނާ ބުނަމުންއައިސްފައިވާ ގޮތަށް ރެކޯޑްތައް ޤާއިމުކުރުމަށް ވުރެ އެންމެ މުހިއްމު ކަމަކީ ޓްރޮފީ ހޯދުން ކަމަށެވެ. އަދި މި ފަހަރުގެ ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދައި، އަލް-ހިލާލް އަށް އެ ކްލަބުގެ ޓާގެޓަށް ވާސިލްވުމުގެ ފުރުޞަތު އޮތުމާއެކު އެކަން ހާސިލްކުރުމަށްފަހު ނޫނީ ހަޤީޤަތުގައި އުފާ ފާޅުކުރެވެން ނެތް ކަމަށެވެ.
މި މުބާރާތް މިހާތަނަށް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ، އަލް-ހިލާލް ވަނީ 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. އަލް-ހިލާލް ސެމީގައި ވާދަކުރަންޖެހެނީ ޔޫއޭއީގެ އަލް-އައިންއާ އެވެ. އެ ޓީމުން ސެމީން ޖާގަ ހޯދީ ޕެނަލްޓީގައި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓީމު އަލް-ނަސްރު ބަލިކޮށްގެންނެވެ.
ލީގު ރޭހުގައި ވެސް އަލް-ހިލާލް އޮތީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ އަލް-ނަސްރު އަށް ވުރެ 12 ޕޮއިންޓް ކުރީގައެވެ. އަލް-ހިލާލް އެއްވަނައިގައި އޮތީ 23 މެޗުން 65 ޕޮއިންޓް ހަމަކޮށްގެންނެވެ.
އަލް-ހިލާލް އަށް ދެން އޮތީ ލީގުގައި މި މަހުގެ 17 ވާ އާދީއްތަ ދުވަހު އެ ޓީމުގެ ދަނޑުގައި ޑަމަކްއާ ދެކޮޅަށް ކުޅޭ މެޗެވެ.
