ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނުއިރު ބާސެލޯނާ ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ސެމީގައި ސިޓީ އިން ރެއާލްއާ ދެކޮޅަށް ކުޅުނުއިރު، މީގެކުރީ މުބާރާތްތަކުގައި ޕީއެސްޖީއާ ބާސެލޯނާ ބައްދަލުކުރި މެޗުތަކުގައި ވާދަވެރި ކުޅުމެއް ފެނިފައިވެއެވެ.
ސްވިޒަލެންޑްގެ ނިޔޯންގައި މިއަދު ހަވީރު ބޭއްވުނު ގުރުއަތުލުމުގައި ދެން އެންމެ ފާހަގަކޮށްލެވޭ މެޗަކަށް ވެގެންދާނީ އާސެނަލްއާ ބަޔާން މިއުނިކް ވާދަކުރާ މެޗެވެ. އެގޮތުން، މީގެކުރިން މި ދެ ޓީމު ބައްދަލުކުރި ގިނަ މެޗުތަކުން ބަޔާން ކުރިހޯދާފައިވުމާއި މިހާރު މި ދެ ޓީމުގެ ފަރާތުން ފެންނަ ކުޅުމަށް ބަލާއިރު ގިނަ ބައެއްގެ ކަޅި އަމާޒުވާނެ އެއް މެޗަކަށް މި މެޗު ވާނެ އެވެ.
14 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ފުރަތަމަ ފަހަރަށް އާސެނަލުން ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމު މި ފެނިގެންދަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އަނެއްކޮޅުން، ބަޔާން އަށް މިވަގުތު ޖަރުމަނު ލީގު ރޭހުގައި ފަހަތުގައި އޮތުމާއެކު، ހުސްއަތާ ނިންމާނުލައި ތަށްޓެއް ހޯދުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތަކީ ޗެމްޕިއަންސް ލީގެވެ.
ކުއާޓާގައި އަނެއް މެޗުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުގެ 9 އާއި 10 ވަނަ ދުވަހެވެ. އަދި ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރީލް 16 އާއި 17 ގައެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް އޭޕްރީލް 30 އާއި މެއި 01 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މެއި 7 އާއި 8 ވަނަ ދުވަހު އެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.
