ސައުދީ ޕްރޯ ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ޖަހައިދިން ތާރީޚީ 50 ވަނަ ގޯލާއެކު 1-0 ގެ ނަތީޖާއަކުން އަލް އަހްލީގެ މައްޗަށް އެ ޓީމުން ކުރިހޯދައިފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އަލް ނަސްރު މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ.

މި ނަތީޖާއާއެކު ދެވަނައިގައި އުޅޭ އަލް ނަސްރު ވަނީ އެއްމެޗު އިތުރަށް ކުޅެގެން ތާވަލްގެ އެއްވަނައިގައި އޮތް އަލް ހިލާލްއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ފުޅާކޮށްފައެވެ. އެއްވަނައިގައި އުޅޭ އަލް ހިލާލް އަށް 23 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އަލް ނަސްރު ދެވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި އަލް އަހްލީ ތިންވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، އަލް އިއްތިހާދު އޮތީ 23 މެޗުން ލިބުނު 40 ޕޮއިންޓާއެކު ހަތަރެއްގައެވެ.

އަލް އަހްލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި ރޮނާލްޑޯ ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުގައި ރޮނާލްޑޯ ޖެހި 23 ވަނަ ގޯލެވެ. އަދި މިއީ އަލް ނަސްރުގެ ޖާޒީގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. އޭނާ މި އަދަދަށް ގޯލްޖެހީ 58 މެޗުންނެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ. --ފޮޓޯ: އަލް ނަސްރު

އަލް ނަސްރުން ލީޑްނެގުމުގެ ކުރީން، މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މި މެޗުގައި އަލް އަހްލީގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ގޯލެއްވެސް ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މުބާރާތުގައި އަލް ނަސްރު ދެން ކުޅޭ މެޗުގައި މި މަހުގެ 31 ވަނަ ދުވަހު ނިކުންނާނީ އަލް ތާއީއާ ދެކޮޅަށެވެ.