ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސްޓެލްކޯ އިން ބުނީ އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަން ސްޓެލްކޯ އަށް ފާހަގކުރެވި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

މީގެ އިތުރުން ރޭ ފަތިހު އާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

މިއީ މިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތައް ވެސް އެޅޭ ހުރަހެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށް ވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.