މިއަހަރުގެ ޖޫން މަހު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުން އަމިއްލަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ޒުވާން ފޯވާޑް، އެންޑްރިކް ވައްދާލި ލަނޑާއެކު ބްރެޒިލުން 1-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށްފިއެވެ.

މިއީ ވެމްބްލީގައި އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކް އަތުންނެވެ.

ބްރެޒިލްގެ އައު ކޯޗު ޑޮރިވާލް ޖޫނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މުޅިން އަލަށް ގައުމީ ޓީމުން ފަސް ކުޅުންތެރިއަކަށް ފުރުޞަތު ދީފައިވެއެވެ. މި މެޗަށް ނިކުތްއިރު ދެ ޓީމަށް ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވުމާއެކު، މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުކުޅެއެވެ.

ފުރަތަމަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުޞަތުތައް ބްރެޒިލަށް ލިބިގެންދިޔައިރު އެ ޓީމުގެ ހަލުވި ވިންގް، ވިނީޝަސް ޖޫނިއާ ފޮނުވާލި ބޯޅައެއް މި މެޗުގައި އިންގްލެންޑްގެ ކެޕްޓަންކަންކުރި ކައިލް ވޯކާ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. މި މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ވޯކާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.

މި ހާފުގައި ބްރެޒިލްގެ ލޫކަސް ޕަކޭޓާ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު އިންގްލެންޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ފޯވާޑް، އޮލީ ވަޓްކިންސް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ވަޓްކިންސް އަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތު ލިބުނީ ބަޔާން މިއުނިކަށް ކުޅޭ އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން އަނިޔާގައި ހުރުމުންނެވެ.

ދެވަނަ ހާފު ފެށިގެން އިންގްލެންޑުން ޑޮމިނޭޓްކުރިނަމަވެސް ލަނޑުޖަހާނެ ހުސް ފުރުޞަތެއް ތަނަވަސްކުރެވޭ ގޮތެއް ނުވިއެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ މެޗުގެ ނަތީޖާ އަނބުރާލީ ބްރެޒިލްގެ އުމުރުން 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ، އެންޑްރިކް އެވެ. މިއީ މެޗުގެ 80 ވަނަ މިނެޓުގައި ބްރެޒިލްގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް އިންގްލެންޑްގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެންޑްރިކް ކާމިޔާބުކުރި ގޯލެކެވެ.

އިންގްލެންޑުން ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ބްރެޒިލަށް ދެން އޮތީ މި މަހުގެ 27 ވާ ބުދަ ދުވަހު ސްޕެއިންއާ ބައްދަލުކުރާ މެޗެވެ.