ބަޔާ ލެވަކޫސަންގެ މިޑްފީލްޑަރު، ފްލޯރިއަން ވާޓްޒް ކާމިޔާބުކުރި އަވަސް ގޯލާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފްރާންސް އަތުން 0-2 އިން ޖަރުމަނު މޮޅުވެއްޖެއެވެ.

މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ޖަރުމަނު މޮޅުވި ފުރަތަމަ ފަހަރެވެ.

ލިޔޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ޖަރުމަނުން ލީޑްނެގީ ފެށިތާ 7 ވަރަކަށް ސިކުންތުގެ ތެރޭގައި ވާޓްޒް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ އަބަދަށްފެހި މިޑްފީލްޑަރު، ޓޮނީ ކްރޫޒް ދިން ޕާހަކުން ވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ. 

މިހާތަނަށް ގައުމީ ޓީމަށް ޖަހައިދީފައިވާ އެންމެ އަވަސް ގޯލަކީ ސްލޮވޭކިއާ ކޮޅަށް އޮސްޓްރިއާގެ ކްރިސްޓޯފް ބައުމްގާޓްނާ ކާމިޔާބުކުރި ގޯލެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ބައުމްގާޓްނާ މި ލަނޑުޖެހީ މެޗު ފެށިތާ ހަވަނަ ސިކުންތުގައެވެ.

މިއީ މީގެ ތިން އަހަރު ކުރީން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢްލާންކުރުމަށްފަހު ޖަރުމަނު ޓީމަށް އެނބުރިއައިސް ކްރޫޒް ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޖަރުމަނުގެ ދެވަނަ ލަނޑުޖަހައިދިނީ ކައި ހަވާޓްޒް އެވެ. މިއީ އެ ޓީމުގެ ޖަމާލް މުސިއާލާ އާއި ވާޓްޒް ގުޅިގެން އުފެއްދި އެޓޭކަކުން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.

ޖަރުމަނު ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ހަމަ އެދުވަހު ފްރާންސް ބައްދަލުކުރާނީ ޗިލީއާ އެވެ.