މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ. 

މި އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާރިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއްނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ޙިއްޞާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ %2 އަށްވުރެވެސް މަދު އަދަދެކެވެ. ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިކަމުންނެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އިޤްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލް އަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަރޯސާވެފަވާ ރާއްޖެއަށް ހުރި ނުރައްކާތަށް އިތުރަށް ސާފުވެގެން ދިޔައެވެ.

އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ. 

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.