ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. ވިލުފުށީގައި އައުޓްޑޯ ޖިމެއް ތަރައްގީ ކޮށްފިއެވެ.

އެ ބޭންކުގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތަރައްގީކުރި މި ޖިމް ހުންނަނީ ވިލުފުށީ ބަނދަރު ސަރަހައްދުގައެވެ.

އެރަށު ކައުންސިލްގެ ފަރާތުން ގާއިމް ކުރަން ކަނޑައަޅާފައިވާ ޕާކުގެ ބައެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ މި އައުޓްޑޯ ޖިމާއެކު މި ސަރަހައްދުގައި ކުޑަކުދިން ކުޅޭ އޭރިޔާއަކާއި ސްކޭޓް އޭރިޔާއަކާއި ޕްލޭ ހިލްއެއް އަދި މަސްފެންގަނޑެއްވެސް ތަރައްގީކޮށްފައިވެއެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އެ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއްބައި ކަމަށެވެ. އަދި އެންމެ ބޮޑު އުއްމީދަކީ މި ގާއިމްކުރެވުނު ޖިމަކީވެސް ވިލިފުށީ ރައްޔިތުން ފުރިހަމަ ގޮތެއްގައި އެތަނުގެ ބޭނުން ހިފާނެ ތަނަކަށް ވެގެން ދިޔުން ކަމަށެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި ވަސަނަ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮޖެކްޓްގެ މަގުސަދަކީ ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ މަގުފަހި ކުރުން ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ބަހާލާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލާފައިވާ އިރު، ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެއެވެ.

ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ފަންސާސް ހާސް ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.