އިސްލާމްދީނަކީ ހުއްދަގޮތުގައި ލޯބިކުރުމަށް ބާރުއަޅާ ދީނެވެ. އެހެން ދީންތަކާއި ޚިލާފަށް ދެމަފިރިންގެ ދެމެދު ލޯބިކުރުމަކީ ވެސް އިސްލާމްދީނުގައި ގިނަގުން ސަވާބު ލިބޭނެ ކަމެކެވެ. ކަން މިހެން އޮތްނަމަވެސް ދެމަފިރިންގެ ދެމެދު ލޯބި އޮންނަންވާ މިންވަރަށް ނެތި ކައިވެނީގައި މައްސަލަތައް ޖެހި ކައިވެނިތައް ރޫޅިގެންދިއުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ އިސްލާމްދީން ކަމަކަށް އަމުރުކޮށް ނުވަތަ އެކަމަށް ބާރުއަޅާނަމަ އޭގައި ވަރަށް ގިނަ ފައިދާތައް އެކުލެވިގެން ވާނެކަމެވެ. ބޮސްދީ ލޯބިކުރުމަކީ ދެމަފިރިންގެ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެއްކަން އެންމެންވެސް ދަނެއެވެ. ނަމަވެސް ދެމަފިރިންކުރެ މީހެއްގެ ބޮލުގައި ހިއްސާފައި ހުންނަ ގަޑިއެއްގައި ލޯބިކުރުމުގެ ޝައުގުވެރިކަން ނުހުރުދާނެއެވެ. ނަމަވެސް ހަގީގަތަކީ މިހެން ބޮސްދީ ލޯބިކުރުމުން ބޮލުގެ ރިހުން ވެސް ފިލައިގެން ދާނެއެވެ. މިއަދު މި ބަލާލަނީ ބޮސްދީ ލޯބިކުރުމުން ހަށިގަނޑަށް އަންނަ އެދެވޭ ބަދަލުތަކަށެވެ.
- ކޮލެސްޓްރޯލް ދަށްކޮށްދިނުން
ގިނައިން ބޮސްދީ ލޯބިކުރާ މީހުންގެ ލޭގައި ކޮލެސްޓްރޯލް ހިމެނޭމިންވަރު އެނޫން މީހުނާ އަޅާބަލާއިރު ދަށްކަމަށް ދިރާސާތަކުން ދައްކައެވެ. ބޮސްދިނުމުން ހަށިގަނޑުގައި އޮކްސިޓޮކްސިން އުފައްދަން ފަށައެވެ. މިއީ ހާސްވުމާއި ކަންބޮޑުވުން ފިލުވާދޭ ހޯމޯނެވެ. ހާސްވެ ކަންބޮޑުވާނަމަ ލޭގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރުވެސް މަތިވެއެވެ. ބޮސްދިނުމުން ލޭގެ ޕްރެޝަރ ދަށްވުމަށްވެސް އެހީތެރިވެއެވެ.
- މޫނުމަތި ޒުވާންކޮށް ބެހެއްޓުން
ބޮސްދިނުމުގެ ތެރޭގައި މޫނުގެ ވަރަށް ގިނަ މަސްތައް ހަރަކާތްކުރެއެވެ. މިއީ މޫނުގެ މަސްތަކަށް ލިބިދޭ ކަސްރަތަކަށް ފުދެއެވެ. ބޮސްދޭ ކޮންމެ މިނިޓަކަށް 26 ކެލޮރީ އަންދާލައެވެ. ބޮސްދިނުމުގެ ސަބަބުން މޫނުގެ ނާރުތަކުގައި ލޭހިނގުން ރަގަޅުވެ، ކޮލާޖެން އަދި އިލާސްޓެން އުފެއްދުން އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން މޫނުމަތި ޒުވާންކޮށް ފެންނާނެއެވެ.
- ބޮލަށް ތަދުވެ، އަކުނިވަޔަށް ދެމުން ކުޑަވުން
ބޮލަށް ތަދުވެ، މައްސަރުކަންތައް ޖެހުމުން ބަނޑުގެ މަސްތައް އަކުނިވަޔަށް ދެމުން ކުޑަކުރުމަށް ގިނަގިނައިން ބޮސްދޭށެވެ. ބޮސްދިނުމުން ލޭގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން ތަދު ކުޑަކޮށްދެއެވެ.
- ދަތްފަނި ކެއުމުން ކުޑަކޮށްދިނުން
ބޮސްދިނުމުގެ ސަބަބުން ކުޅު އުފައްދާ މިންވަރުވެސް މަތިވާނެއެވެ. ގިނައިން ކުޅުއުފައްދާ ވަރަކަށް ގެއްލުންދޭ ބެކްޓީރިޔާމަދުކޮށް އެއިން ދަތަށް ލިބޭ ގެއްލުން ކުޑަކޮށްދޭނެއެވެ. ބައެއް ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ކުޅުގައި ހިމެނޭ މިނެރަލް އެއްގެ ސަބަބުން ދަތުގެ މަތީފަށަލައަށް ލިބިފައިހުންނަ ކުދި ގެއްލުން މަރާމާތުކޮށްދޭނެއެވެ. ނަމަވެސް ދެމަފިރިން ވެސް އަނގައިގެ ސާފުތާހިރުކަން ދަމަހައްޓަންވާނެއެވެ. ސަބަބަކީ މިހެން ބޮސްދިނުމުގެ ސަބަބުން ދަތްފަނިކާ ބެކްޓީރިޔާވެސް އެކަކުގެ ފަރާތުން އަނެކަކަށް ވާޞިލްވާނެއެވެ.
- ބަރުދަން ލުއިކުރަން އެހީތެރިވުން
ބޮސްދިނުމުގެ ސަބަބުން ޑޮޕަމައިން އުފައްދައެވެ. ޑޮޕަމައިން ހަށިގަނޑުން މަދުވެއްޖެނަމަ އެއްޗެހި ކާހިތްވާނެއެވެ. މިހެން ކާ ހިތްވުމުން ގިނަ ފަހަރަށް ސިއްހަތަށް ފައިދާކުޑަ އަދި ކެލޮރީ ގިނަ އެއްޗެހި ކެވެއެވެ. އަދި ކެއި ނަމަވެސް އިތުރަށް ކާހިތްވެފައި ހުންނާނެއެވެ. ޑޮޕަމައިން ގިނަވި ވަރަކަށް ކާހިތްކުޑަވެ އޭގެ ސަބަބުން ބަރުދަން ލުއިވުމަށް އެހީތެރިކަން ލިބޭނެއެވެ. ޑޮޕަމައިން ގިނަވި ވަރަކަށް ހަކަތަ ގިނަވެ ލޮޑުކަން ކެނޑި ނިދިފިލާގޮތްވެސް ވާނެއެވެ. އަބަދު ވަރުބަލިވެފައި ހުންނަ ކަމުގެ އިހްސާސް ދުރުކޮށްދޭނެއެވެ.
