މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ތިންމަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 604004 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 523928 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 15.3 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބެމުންދާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ.
އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، ޖަނަވަރީ މަހު 192385 ފަތުރުވެރިން، ފެބުރުއަރީ މަހު 217394 ފަތުރުވެރިން އަދި މާރޗު މަހު 196227 ފަތުރުވެރިން ވަނީ އައިސްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6265 ފަތުރުވެރިން އަންނަކަމަށް ތަފާސް ހިސަބުތަކުން ދައްކާއިރު، ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރާ ކަމަށް ވެސް ދައްކައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.2 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް
ޗައިނާ - 67399 ފަތުރުވެރިން
ރަޝިއާ - 61752 ފަތުރުވެރިން
އިނގިރޭސިވިލާތް – 58382 ފަތުރުވެރިން
