އިންސާނުންގެ ދަތުގެ ކުލަ އަކީ ކޮން ކުލައެއް ހެއްޔެވެ؟ އެއީ ހުދު ކުލަ ހެއްޔެވެ؟ ނޫނެކެވެ! އިންސާނުންގެ ދަތްތަކުގެ ވަކި ކުލައެއް ނުހުރެއެވެ. ނަމަވެސް ހާމަވެ ފެންނަން ހުންނަނީ އަލި ކުލަ އެކެވެ. ދޮން ކުލަ އެކެވެ. ހުދު ކުލައެކެވެ. ދަތްތަކުގެ ކުލަ ރަމްޒުކޮށްދެނީ ދަތުގެ ބޭރުފަށަލަ ކަމުގައިވާ އެނޭމަލް އޭ ކިޔުނު ފަށަލައިގެ ކުލައެވެ. މިއީ އޭގެ ޠަބީއަތުން ހުދު ކުލައިގެ ފަށަލައެކެވެ. ނަމަވެސް ދަތުގެ ކުލަ ބިނާވެގެން ވަނީ އެތައް ކަމެއްގެ މައްޗަށެވެ.
އިންސާނާގެ ޖެނެޓިކް ސިފަތަކާއި، އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އުމުރާއި އިންސާނާގެ ސިއްހަތާއި އަދި އެމީހަކު ކަމުންދާ ބޭސްތަކަކީވެސް ދަތުގެ ކުލަ ބިނާވުމަށް މެދުވެރިވާ ސަބަބުތަކެވެ. އިންސާނެއްގެ ދަތުގެ ކުލަ ހުދު ނުވުމަކީ އެ އިންސާނާކު ސާފުތާހިރު ނުވާ މީހެއް ކަމުގައި ވުމެއް ނޫނެވެ. ދަތް ނޫނގުޅާ ހަޑިގިއްލާއެއް ކަމުގައިވެސް ވުމެއް ނޫނެވެ! އާދޭހެވެ! ދަތް ނޫނގުޅާ، ސާފު ނުކުރާ މީހާގެ ދަތްތަކުގެ ކުލަ ހަޑިވާނެއެވެ. ސާފުކޮށް ރީތިކޮށް ގެންގުޅޭ މީހާގެ ދަތްތަކުގެ ކުލަ އަލި ނުވެވެސް ހުރެދާނެއެވެ. އެއީ އިންސާނުންގެ ޠަބީއަތެވެ. އިންސާނުންގެ ފިޠުރަތެވެ. އިންސާނާ ހެއްދެވި ގޮތެވެ.
އިސްވެ ބުނެވުނު ފަދައިން ދަތުގެ ކުލަ ރަމްޒުކޮށްދެނީ ދަތުގެ ބޭރު ފަށަލަ ކަމުގައިވާ އެނޭމަލްއެވެ. މި ފަށަލައިގެ ބޯމިން އެކި އިންސާނުންގެ ތަފާތުވާނެއެވެ. އެއްބައެއްގެ މިފަށަލަ މާ ބޯކޮށް ހުންނަ އިރު، އަނެއްބައެއްގެ މި ފަށަލަ ތުނިކޮށް ހުރެދާނެއެވެ. މިއީވެސް އިންސާނާގެ އުފެދުމުގައި ހުންނަ ކަމެކެވެ. މިއީ ހުދުކުލައިގެ ފަށަލައެއް ކަމުގައި ވީނަމަވެސް މި ފަށަލައިގެ އަޑީގައިވާ ނުވަތަ ދަށުގައިވާ ފަށަލަ އަކީ ޑެންޓިން ނަމަކަށް ކިޔާ ފަށަލަ އެކެވެ. މި ފަށަލައިގެ ޠަބީއީ ކުލައަކީ ރީނދޫ ކުލައެކެވެ. އެހެންކަމުން ދަތުގެ ބޭރު ފަށަލަ، އެނޭމަލް ގެ ބޯމިން ތުނިނަމަ، އޭގެ ދަށުން މި ރީނދޫ ކުލައިގެ ފަށަލައިގެ ރީނދޫކަން ދަތްތަކުން ފެންނާނެއެވެ. މިއީ ކިތައްމެ ބޭހެއް ބޭނުންކޮށްގެން ދުވާލަކު އެތައް ފަހަރު ދަތް އުނގުޅައިގެންވެސް ފިލުވޭނެ ރީނދޫ ކުލައެއް ނޫނެވެ. އެނޭމަލް ގެ ބޯމިން ބޯނަމަ، މި ރީނދޫ ފަށަލައިގެ ކުލަ ފެންނަން ހުންނަ މިންވަރު ކުޑަވެ، ދަތްތަކުގެ ކުލަ ހުދުވެގެން ދެއެވެ.
އެނޭމަލް ފަށަލައިގެ ބޯމިން ތުނި ވުމަކީ ޖުމުލަކޮށް ދަތްތަކުގެ ދުޅަހެޔޮކަން ދަށްވާނެ ކަމެކެވެ. ދަތްތަކުގެ ބާރުވެސް ކުޑަވާނެ ކަމެކެވެ. އަދު އެނޭމަލް ފަށަލައިގެ އެކަތަކަން ކުޑަވެ، ކޫރު އެޅުމާއި ރެނދު އެޅުމާއި ބިންދައިގެން ދިއުން ފަދަ ކަންކަން ދިމައިވުމީ އެކަށީގެންވާ ކަމެކެވެ. ކޫރު އެޅުމަކީ މިގޮތުން އެއްމެ އާއްމު އެއް ކަމެވެ. މިފަދައިން ކޫރު އެޅުމުގެ ސަބަބުން ދަތްތަކުގެ ބޭރުފަށަލައިގެ އޮމާންކަން ގެއްލި ކަށި ކަމެއް އުފެދެއެވެ. މި ކަށި ކަމުގެ ނަތީޖާ އަކަށް ވަނީ އިންސާނާ އަނގަޔަށްލާ، ހަފާ ކާ އެއްޗެހީގެ ކުލަ ފަސޭހަ ކަމާއެކު ދަތްތަކުގައި ހަރުލުމެވެ. މިކަމުގެ ސަބަބުންވެސް ދަތްތަކުގެ ކުލައަށް ބަދަލުތަކެއް އައުމީ އެކަށީގެންވާ ކަމެކެވެ.
ކޮންމެއަކަސް ދަތްތައް އުނގުޅާ، ދޮވެ ސާފު ކުރުމަކީވެސް ކުލަ އަލިކޮށްދޭނޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ދޮއުނަސް، އުނގުޅިއަސް، ގޭނިޔަސް ބަދަލު ނުވާލެ ކުލައެއްވެސް ހުންނާނެއެވެ. މިއީ އިންސާނާގެ ފިޠުރަތެވެ.
