އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް 1-3 އިން ބަލިކޮށް، ލިވަޕޫލުން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އިތުރުވަގުތުގައި ކޯލް ޕާމާ ވައްދާލި ދެ ލަނޑާއެކު ޗެލްސީން 4-3 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ލޫޓަން ޓައުން އަތުން 0-2 އިން ހޯދީ މޮޅާއެކު އާސެނަލުން ވަނީ 30 މެޗުން 68 ޕޮއިންޓް ހަމަކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. އެކަމަކު، ރޭގެ މެޗަށްފަހު ލިވަޕޫލުން ވަނީ 30 މެޗުން ހޯދީ 70 ޕޮއިންޓާއެކު އަލުން އެއްވަނަ އަށް ޖެހިލައިފައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 31 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. މި ގޯލާއެކު 1-0 އިން ކުރީގައި އޮވެ، ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލިއިރު މި ހާފުގައި އެ ޓީމަށް އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއްނުވިއެވެ. އަދި ދެވަނަ ހާފު ފެށިގެން ވެސް އެ ޓީމުގެ ކުޅުމަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވުމުން މި ހާފުގެ ފުރަތަމަ 15 މިނެޓަށްފަހު ލިވަޕޫލްގެ ކޯޗު، ޔާގެން ކްލޮޕް ވަނީ އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު އާއި ރަޔާން ގްރެވެންބާކްގެ ބަދަލުގައި ހާވީ އެލިއަޓް އާއި އެންޑީ ރޮބަޓްސަން ކުޅެން އަރުވާފައެވެ.
ލިވަޕޫލުން މި ބަދަލުތައް ގެނައުމުގެ ކުޑައިރުކޮޅެއް ކުރީން، ޝެފީލްޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ ޒުވާން ޑިފެންޑަރު، ކޮނާ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ޝެފީލްޑްގެ ގުސްޓާވޯ ހެމާ ބެކްޕޯސްޓްގައި ހުރެފަ ބޮލުން ފޮނުވާލި ބޯޅައެއް ބްރެޑްލީ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަތް ގޯލެކެވެ.
އޭގެފަހުން، މެޗުގެ ފަހު ވިއްސަކަށް މިނެޓަށްވެފައިވަނިކޮށް ކްލޮޕް ވަނީ އިތުރު ދެ ބަދަލެއް ގެނެސްފައެވެ. މި ފަހަރު ކުޅެން ނިކުތީ ކޯޑީ ގަކްޕޯ އާއި ކާޓިސް ޖޯންސް އެވެ. އެއީ ޖޯ ގޯމޭޒް އާއި ޑޮމިނިކް ސޮބޯޒްލާއީގެ ބަދަލުގައެވެ.
މި މެޗުގައި ލިވަޕޫލުން އަލުން ލީޑްނެގީ އޭގެ ތިން މިނެޓުފަހުން އެލެކްސިސް މެކްއެލިސްޓާ ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް ދިން ޕާހަކުން އޭރިޔާ ރޮނގު ކައިރީގައި ހުރެ ރޮކެޓެއްހެން ފޮނުވާލި ހަމަލާއަކުން މެކްއެލިސްޓާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
އަދި އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ގަކްޕޯ އެވެ. ގަކްޕޯ މި ލަނޑުޖެހީ ރޮބަޓްސަން ދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޗެލްސީގެ ދަނޑުގައި 4-3 އިން ޔުނައިޓެޑްގެ މައްޗަށް އެ ޓީމުން ކުރިހޯދީ އިތުރުވަގުތުގައި އިނގިރޭސި މިޑްފީލްޑަރު، ޕާމާ ވައްދާލި ދެ ލަނޑުންނެވެ. މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާމާ ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދައިފައެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީ އަށް މި ލަނޑުޖަހައިދިނީ ކޮނާ ގަލަގާ އެވެ. އަދި އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ޕާމާ ވަނީ ޗެލްސީ އަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު، މާކް ކުކުރޭލާ އަށް ޔުނައިޓެޑްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ 34 އާއި 39 ވަނަ މިނެޓުގައި އަލެހަންދްރޯ ގާނާޗޯ އަދި ބްރޫނޯ ފެނާންޑޭސް ވައްދާލި ލަނޑާއެކު ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑްނެގި ލަނޑުޖަހައިދިނީ ވެސް ގާނާޗޯ އެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޕާމާ ވަނީ ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ނޮނީ މަޑުއޭކޭ އަށް ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެފަހުން، އިތުރުވަގުތުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި ޕާމާ ވަނީ ބޮލުން ލަނޑެއްޖަހައި، ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
