ނިދުމަކީ އަހަރުމެން އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވުމަށާއި، އަރާމުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ފުރިހަމަ ނިދި އިންސާނާއަށް ނުލިބޭކަމަށްވަނީނަމަ، ގިނަނުގަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް މީނުންނަކީ، އެއްވެސް އުނދަގުލަކާއިނުލާ ބޭނުންގަޑިއެއްގައި ނިދާލެވޭ މީހުންނެވެ. އަނެއްބައިމީހުންނަކީ، ނިދުމަށް ވަރަށް ގިނައިރު މަސައްކަތް ކުރުމަށްފަހު ނޫނީ ނުނިދޭ މީހުންނެވެ. އަދި ހަމައެއާއެކު ނިދުމާގުޅޭ އެކިއެކި އުނދަގޫތައް ތަޙައްމަލްކުރަންޖެހޭ މީހުން އަހަރުމެންގެ ތެރޭގައި މަދެއްނޫނެވެ. މިގޮތް މިއަދު މި ބަލާލަނީ ނިދުމުގައި ދިމާވާ ކޮންޑިޝަންއެއް ކަމަށްވާ 'ސްލީޕް ޕެރަލިސިސް' އަށެވެ. 

'ސްލީޕް ޕެރަލިސިސް' ތަޙައްމަލްކުރާ ބައެއް މީހުންބުނާ ގޮތުގައި އެއްބައިފަހަރު އެއީ ވަރަށް ބިރުވެރި އިޙްސާސްއެއް މީހާއަށް ކުރެވޭކަމެކެވެ. ބައެއްފަހަރު ނިދީގައި އޮވެގެންނެވެ. އަނެއްބައިފަހަރު ނިދިން ހޭލުމުގެ ތެރޭގައެވެ. މިކަން ދިމާވަނީ މީހާއަށް ނިދޭތާ ކުޑައިރުކޮޅެއް ފަހުން، ނުވަތަ ހޭލުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. ނިދާފައި އޮންނައިރު ހަށިގަނޑު އޮންނަނީ 'ރިލެކްސްޑް ސްޓޭޓް' އެއްގައެވެ. މީގެ ސަބަބުން ހަށިގަނޑުގައިވާ، އަމިއްލަ ޒާތުގައި މަސައްކަތްކުރާ މަސްތައް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުއެވެ. މިކަމުގެ ސަބަބުން  މީހާ ނިދާފައި އޮންނައިރު މީހާގެ ހަށިގަނޑަށް ލިބޭ ވަރަށް މުހިންމު އެއްފައިދާ އޮވެއެވެ. އެއީ، ނިދާފާއި އޮންނަ އިރު މީހާއަށް ފެންނަ ހުވަފެނެއްގެ ސަބަބުން މީހާގެ ހަށިގަނޑަށް ނިދީގައި ގެނެވޭ އެކިޒާތްޒާތުގެ ހަރަކާތްތަކުން، މީހާގެ ހަށިގަނޑަށް ވެދާނެ އަނިޔާތަކުން މީހާ ރައްކާތެރިކޮށްދިނުމެވެ.

ފުރިހަމަ އެއް 'ސްލީޕް ސައިކަލް' އެއްގައި ގާތްގަނޑަކަށް 90 މިނެޓް ވެއެވެ. މިވަގުތުގެ ތެރޭގައި މީހާ 5 ސްޓޭޖަކަށް ނުވަތަ 5 ހަރުފަތަކަށް ގެންގޮސްދެއެވެ. އެގޮތުން ފުރަތަމަ 4 ހަރުފަތް ބިނާވެފައި އިންނަނީ 'ނޮން ރެޕިޑް އައި މޫވްމަންޓް' ނުވަތަ އެން.އާރް.އީ. އެމް ސްލީޕްއަށެވެ. އަދި 5 ވަނަ ހަރުފަތް ބިނާވެފައި އިންނަނީ 'ރެޕިޑް އައި މޫވްމަންޓް'  ނުވަތަ 'ރެމް' ސްލީޕް އަށެވެ.

'ސްލީޕް ޕެރަލިސިސް ދިމާވަނީ  'ރެޕިޑް އައި މޫވްމަންޓް' ނުވަތަ 'ރެމް' ސްލީޕް ހަރުފަތަށް މިހާގެ ނިދި ބަދަލުވާ ވަގުތު ނުވަތަ އެ ހަރުފަތުން މީހާ ނިކުންނަ ދަނޑިވަޅުއެވެ. އަދި އެވަގުތު މީހާގެ ސިނކުޑި އޮންނަނީ ހޭލައެވެ. ނަމަވެސް ހަށިގަޑުގެ މަސްތައް އޮންނަނީ އެއްވެސް ވަރަކަށް ޙަރަކާތް ނުކުރެވޭގޮތަށް ހުއްޓިފައެވެ. މިހެންދިމާވާ ގަޑީގައި މީހާ އޮންނާނީ 'ދެބަނިދި' އޭ މިކިޔާ ގޮތަކަށެވެ. މުޅިން ނުނިދި، އަދި މުޅިން ހޭވެސް ނުލެވިއެވެ. އަދި މީހާ އޮންނަނީ 'ލޮކް' އެޅުވިފައިކަމުގެ އިޙްސާސް މީހާއަށް ކުރެވެމުންދާނެއެވެ. ވުމާއެކު މީހާ މަސައްކަތް ކުރާނީ ގަދަކަމުން ވިޔަސް ހަށިގަޑު ޙަރަކާތްކޮށް، ކުޑަމިނުން އަނގައިން ބަހެއް ނަމަވެސް ބުނެވޭތޯއެވެ. މިގޮތަށް ޙަރަކާތްކުރަން އުޅުމުގެ ތެރޭގައި މީހާގެ މޭމައްޗަށް ވަރަށް ބާރަށް އެހެން މީހަކު އޮއްބާލާފައި ހުންނަކަމުގެ އިޙްޞާޞް ކުރެވެއެވެ. އަދި މީގެ ސަބަބުން މީހާ ނޭވާހާސްވެ، ކޮށިއަރާ ކަހަލަ އިހްޞާޞްއެއް ކުރެވި، ނޭވާހާސްވެގެން މީހާ މަރުވާން އުޅޭ ޒާތުގެ އިޙްސާސްއެއްވެސް ކުރެވޭކަމަށްވެއެވެ. އަދި މީގެ އިތުރުން ކޮޓަރީގައި އިތުރުމީހަކު ހުންނަ ކަމުގެ އިޙްޞާޞްވެސް ބައެއްފަހަރު ކުރެވެއެވެ. އެއީ އެ ދަނޑިވަޅު، މީހާ ކޮންމެވެސް ވަރަކަށް 'ހެލޫސިނޭޓް' ވެސް ވާތީއެވެ. 'ސްލީޕް ޕެރަލިސިސް އެޕިސޯޑެއް' ދެމިގެންދަނީ މަދު ސިކުންތު ކޮޅަކަށް ނުވަތަ މަދު މިނެޓް ކޮޅަކަށެވެ. 'ސްލީޕް ޕެރަލިސިސް' އަކީ އޭގެ ސަބަބުން މީހާ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއްނޫންކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަން ދިމާވާ މީހުން، މިކަމުގެ ސަބަބުން އެކަމާކަންބޮޑުވެ، ވާނުވާ ނޭނގި ބިރުގަނެފައި ހުންނަފަހަރު އާދެއެވެ.

އެންމެ ގިނައިން 'ސްލީޕް ޕެރަލިސިސް' އާއިކުރިމަތިލާންޖެހެނީ ފުރާވަރުގެ ޢުމުރުގައެވެ، ނަމަވެސް 20 އަހަރާއި 30 އަހަރާއި ދެމެދުގައި މިކަން ގިނައިން ތަޙައްމަލް ކުރަންޖެހޭކަމަށްވެއެވެ. 'ސްޓްރެސް' 'ޖެޓްލެގް' އަދި ނިދުމުގައި މައްސަލަ ދިމާވާ މީހުންނާއި، ފުރިހަމަ ނިދި ނުލިބޭ މީހުންނާއި، ގިނައިން 'ޝިފްޓް ޑިއުޓީ' އަދާ ކުރާމީހުންނާއި، އާއިލާގައި މިމައްސަލަ ހުންނަ މީހުންނަށް މިކަން ތަޙައްމަލް ކުރަންޖެހޭލެއް ގިނައެވެ. އަދި ޝައުގުވެރިވާ އެހެންކަމަކީ، ގިނައިން އުއްޑުން ނިދަންއޮންނަ މީހުންނަށްވެސް މިކަން ތަޙައްމަލްކުރަން ޖެހޭލެއްގިނަ ކަމެވެ. 

ގާތްގަޑަކަށް ދުނިޔޭގެ އާބާދީގެ %7.6 މީހުންނަކީ އެއްފަހަރު ނަމަވެސް ސްލީޕް ޕެރަލިސިސް ތަޙައްމަލް ކޮށްފައިވާމީހުންނެވެ. 2011 ގައި އެމެރިކާގައި 36،533 މީހުން ބޭނުންކޮށްގެން ހަދާފައިވާ ޕްރިވެލެންސް ސްޓަޑީއަކުން ދައްކާގޮތުގައި ކިޔަވާކުދިންގެ %28.3 އަދި އެކިބާވަތުގެ ނަފްސާނީ ބަލި ތަޙައްމަލް ކުރަމުންދާ % 31.9 މީހުން، އެމީހުންގެ ޙަޔާތުގައި، އެއްފަހަރު ނަމަވެސް މިކަން ތަޙައްމަލް ކުރަންޖެހިފައިވެއެވެ. ނަފްސާނީ ބައްޔެއްކަމުގައިވާ 'ޕެނިކް ޑިސްއޯޑަރ' ހުންނަ ބަލިމީހުންގެ %34.6 މީހުންނަކީ މުޅި ޢުމުރުގައި މިކަން ތަޙައްމަލްކުރި މީހުން ކަމަށް ވެސް މިދިރާސާއިން ދައްކައެވެ.  

ތިބާއަކީ މިކަންތަޙަންމަލް ކުރަމުންދާ މީހެއްނަމަ، އެއްވެސް ވަރަކަށް މިކަމާއި ބިރުގަންނާނެ ކަމެއްނެތެވެ. ވިސްނާލުމަށްފަހު މިކަންކުޑަކުރުމަށް އަމިއްލައަށްވެސް އެޅިދާނެ ބައެއް ފިޔަވަޅުތައް މިހިރީއެވެ.

  • ނިދުމަށާއި ހޭލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާ، އެއަށް ޤަވައިދުން ޢަމަލުކުރުން 
  • ނިދާ ކޮޓަރިއަކީ، ނިދާލަން ފަސޭހަ ތަނަކަށް ހެދުމާއި، ނިދުމަށް ހަށިގަނޑަށް އަރާމު އެއްޗެއް ނިދަންލުން
  • ކޮޓަރީގައި ރަސްމީ މަސައްކަތްކުރުމާއި، ކިޔަވާކުއްޖެއްނަމަ، ފިލާވަޅު ދަސްކުރުން ހުއްޓާލުން
  • ބޮޑެތި ކެއުންތައް ރޭގަނޑު ގަޑީގައި ނުކެއުމާއި، ނިދުމުގެ 2 ގަޑިއިރު ކުރިން ލުއި އެއްޗެއް ކާލުން
  • ނިދާއިރު، އަލިގަދަ ބޮކި، އަދި ޓީވީ ފަދަތަކެތި 'އޮން' ކޮށްފައި ނުބެހެއްޓުން
  • ނިދާއިރު ސިކުނޑިއަށް އަރާމުވާ ފަދަ ގޮތަކަށް ނިދާކޮޓަރި ބަހައްޓާލުން، ނުވަތަ ނިދުމުގެ ކުރިން އެމީހަކު ހިތްހަމަޖެހޭ ކަމެއްކޮށްލުން (މިސާލަކަށް ފޮތެއް ކިޔާލުން، ކުރަހާލުން، ކޮޓަރީގައި މީރުވަސް ދުއްވާލުން ފަދަ ކަންކަން) 
  • ޤަވައިދުން ކަސްރަތު ކުރުން، (ނިދުމުގެ 2 ގަޑިއިރުކުރިން)
  • ފޯނު، ލެޕްޓޮޕް، އައިޕެޑް، ޓީވީ، ފަދަތަކެތި ނިދުމުގެ 1 ގަޑިއިރު ކުރިން ބޭނުންކުރުން ހުއްޓުން

މަސްދަރު: މެޑިކަލް ނިއުސްޓުޑޭ، ސްލީޕް އެޑިއުކޭޝަން ޑޮޓް އޯގް، ޕަބްމެޑް ޑޮޓް ގަވް