ދިވެހި ޒުވާނުން ގެ ތެރޭ ގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ކަންޔޭ ވެސްޓް އަދި ކިމް ކާރޑޭޝިއަން ވަރިވާން އުޅޭ ކަމުގެ ހަބަރު އެމެރިކާ ގެ މީޑިޔާ ތަކުގައި ފެތުރެމުން އެބަދެއެވެ. ކިމް އަދި ކަންޔޭ ފުރަމަތަ ދިމާ ވެފައިވަނީ 2010 ވަނަ އަހަރުއެވެ.
ކިމް ކާރޑޭޝިއަން މަސްހޫރު ވެގެން ގޮސް ފައިވަނީ އޭނާ ގެ ރިއަލިޓީ ޝޯ ކަމުގއިވާ "ކީޕިންގް އަޕް ވިތް ކާރޑޭޝިއަންސް" އިންނެވެ. އޭނާ ފަހުން ވަނީ ވިޔަފާރިތަކެއް ހުޅުވާފައިއެވެ. އެގޮތުން އަމިއްލަ މޭކަޕް ބްރޭންޑެއްގެ އިތުރުން މޯބައިލް އެޕްލިކޭޝަންތަކެއް ވެސް ވަނީ އުފައްދާފައިއެވެ. ފޯރބްސް އިން ލަފާ ކުރާ ގޮތުގައި ކިމް ގެ މިލްކީޔާތުގައި 780 މިލިޔަން ޑޮލަރު (556 މިލިޔަން ޔޫރޯ) ހުންނާނެއެވެ.
ކަންޔޭ ވެސްޓް އަކީ ފާއިތު ވެދިޔަ 15 އަހަރުގެ ތެރޭގައި ދުނިޔެއިން ހޮވާ ލެވޭ އެންމެ މަގުބޫލް ރެޕަރުންގެ ތެރޭއިން އެކަކެވެ. ގްރެމީ އެވޯޑް ލިބިފައިވާ ކަންޔޭ ވެސްޓް އަކީ ފެޝަން ޑިޒައިނިންގް ގެ ދާއިރާގައި ނަން ހިނގަމުން އަންނަ ފަންނާނެކެވެ. މިދިޔަ އަހަރު މުޅި ސޯޝަލް މީޑިޔާ ގުޑުވާލި ހަބަރަކީ ކަންޔޭ ވެސްޓް އެމެރިކާ ގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ވާހަކަ އެވެ. ނަމަވެސް އިންތިހާބު ނިމިގެން ދިޔައީ ކަންޔޭ އަށް މާ ބޮޑު ކާމިޔާބީ އެއް ނުލިބިއެވެ.
ކިމް އަދި ކަންޔޭ ވަރިވާން ނިންމި ސަބަބެއް އެނގިފައިއެއް ނުވެއެވެ. އެކަމު މިހާރު ވަރީ ގެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައިކަން ވަނީ ޔަގީން ކުރެވިފައިއެވެ. މިއީ ކަންޔޭ ގެ ފުރަތަމަ ކައިވެނި ނަމަވެސް މިއީ ކިމްގެ 3 ވަނަ ކައިވެންޏެވެ.
