ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީގެ ދަނޑުގައި 2-3 އިން އެ ޓީމު އަތުން ބާސެލޯނާ މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ އިން ހަތަރު އަހަރަށްފަހު މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، ޕެރިހުގައި ޕީއެސްޖީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ބާސެލޯނާ އިންނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެން 8 ވަރަކަށް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ އިން ލީޑްނެގީ އެ ޓީމުގެ ބްރެޒިލް ވިންގް، ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބާސެލޯނާގެ ޒުވާން ވިންގް، ލަމީން ކަމާލް ނެގި ހުރަހެއް ޕީއެސްޖީގެ ގޯލްކީޕަރު، ޖިއަންލުއިޖީ ޑޮންނަރުއްމާ އަތުގައި ޖެހިފައި ނިކުތް ވަގުތު ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ރަފީނިއާ އަށް އެ ބޯޅަ ލިބުމުން ހަމަޖެހިލާފައި ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ކުރީން ބާސެލޯނާ އަށް ކުޅުނު ފްރާންސްގެ ވިންގް، އޮސްމާނޭ ޑެމްބެލޭ އެވެ. އަދި އޭގެ ތިން މިނެޓުފަހުން، ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ވިޓީނިއާ އެވެ. އޭގެފަހުން، ޕީއެސްޖީ އަށް ތިން ވަނަ ލަނޑެއްޖަހައިދޭން ފަހު ހާފުގައި ކުޅެން ނިކުތް ބްރެޑްލީ ބަކޯލާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބާސެލޯނާ އިން އެއްވަރުކުރި ލަނޑުޖަހައިދިނީ ވެސް ރަފީނިއާ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު، ޕެޑްރީ ދިން ހިތްގައިމު ޕާހަކުން ރަފީނިއާ އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.
އޭގެފަހުން، ޕީއެސްޖީ އަށް ލަނޑެއްޖަހައިދޭން ޑެމްބެލޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަރިމަތީދަނޑިއަށް އަމާޒުވިއިރު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ މޮޅުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ޑެންމާކްގެ ސެންޓްރަލް ޑިފެންޑަރު، އަންދްރެސް ކްރިސްޓެންސަން ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން ނެގި ކޯނަރެއްގެ އެހީގައި ކްރިސްޓެންސަން ކާމިޔާބުކުރި ގޯލެކެވެ.
މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ބާސެލޯނާގެ ދަނޑުގައި ކުޅޭ އެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރިއިރު، މި މެޗުގައި އެތުލެޓިކޯ އިން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.
އެސްޓާޑިއޯ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ އިން ޖެހި ފުރަތަމަ ލަނޑު، ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް އެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ދިން ޕާހަކުން ސެމުއެލް ލީނޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގައި ޑޯޓްމަންޑުން ކުޅުން ރަނގަޅު ކުރިއިރު އެ ޓީމުގެ ހަމައެކަނި ލަނޑު، 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެބަސްޓިއެން އަލެއާ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޑޯޓްމަންޑަށް އެއްވަރުކޮށްދޭން ޖަރުމަނުގެ މިޑްފީލްޑަރު، ހޫލިއަން ބްރެންޓް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ހޫލިއަން ރޭސަން ނެގި ހުރަހަކުން ބްރެންޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ދެން އޮތް މެޗު ޑޯޓްމަންޑްގެ ވެސްޓްފަލެންސްޓޭޑިއޯންގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ބުދަ ދުވަހު އެވެ.
މި މުބާރާތުގެ ކުއާޓާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން، ރެއާލް މެޑްރިޑްގެ ދަނޑުގައި 3-3 އިން މެންޗެސްޓާ ސިޓީއާ އެ ޓީމު އެއްވަރުވިއިރު އާސެނަލްގެ ދަނޑުުގައި އެ ޓީމުން ވަނީ 2-2 އިން ބަޔާން މިއުނިކާ އެއްވަރުކޮށްފައެވެ.
