ރާއްޖެއަށް ޓޫރިސްޓުން އަންނަ އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ފެންނަގޮތުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް 13 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެގޮތުން މިއަހަރުގެ މިހާތަަނަށް ރާއްޖެއަށް 650،404 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 572،748 ފަތުރުވެރިންނެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 6،570 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހަތް ދުވަސް ހޭދަކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 71،136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 65،898 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނާގައި އޮތީ އިޓަލީއެވެ. އެގައުމުން މި މުއްދަތުގައި 65،731 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލޭންޑުގެ އިތުރުން ސްވިޒަލޭންޑެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން 1،185 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ 1،180 ތަނަކުންނެވެ. އެއީ، 175 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 843 ގެސްޓްހައުސް އަދި 147 ސަފާރީއެވެ. މިއާއެކު މިހާރު ފަތުރުވެރިކަމަށް ޖުމްލަ 62،206 އެނދު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތަށް ބަލާއިރު އެ އަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.