މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ހަތް ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށް، މުމްބާއީ އިންޑިއަންސް އިން މި ފަހަރުގެ މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
މިރޭގެ މެޗުގެ ކުރީން މުމްބާއީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު މޮޅުވީ އެންމެ ފަހުން ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި ނަތީޖާއާއެކު މުމްބާއީ ވަނީ ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ. އެއީ އަށްވަނައިގައި އޮތް ޕަންޖާބް ކިންގްސް ކްރިކެޓް ޓީމާ އެއްވަރަށް ހަތަރު ޕޮއިންޓް ލިބި، ނެޓް ރަން ރޭޓުން ކުރިހޯދައިގެންނެވެ. މި މެޗުން ބަލިވި ބެންގަލޫރު އޮތީ ނުވަ ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.
މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅޭ ރާޖަސްތާން ރޯޔަލްސް އަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ނެޓް ރަން ރޭޓުން ދެވަނައިގައި އުޅޭ ކަލްކަތާ ނައިޑް ރައިޑާސް އާއި ތިންވަނައިގައި އޮތް ލަކްނޯ ސުޕަ ޖަޔަންޓްސްގެ އިތުރުން ހަތަރެއްގައި އޮތް ޗެންނާއީ ސުޕަ ކިންގްސް އާއި ފަހެއްގައި އޮތް ސަން ރައިޒާސް ހައިދަރުއާބާދު އަދި ހަވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.
މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ބެންގަލޫރުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި އަށް ވިކެޓަށް 196 ލަނޑުހެދިއެވެ.
ބެންގަލޫރުގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 23 ބޯޅައިން 53 ލަނޑުހެދި ދިނޭޝް ކާތިކް އެވެ. އޭނާ ވަނީ ހަތަރު ފަހަރު ހަޔަކަށް ޖަހައި، ފަސް ފަހަރު ހަތަރަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ފަފް ޑު ޕްލެސީ އާއި ރާޖަތު ޕަޓީދަރް އެވެ. ފަފް ވަނީ 40 ބޯޅައިން 61 ލަނޑުހަދައިފައެވެ. ޕަޓީދަރް 26 ބޯޅައިން 50 ލަނޑުހެދިއެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ އެންމެ ތިން ލަނޑަށެވެ.
މި އިނިންގްސްގައި މުމްބާއީގެ ޖަސްޕްރީތު ބުމްރާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 21 ލަނޑަށް ފަސް ވިކެޓްނަގައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
ޖަވާބުގައި ކުޅެން އަރައި މުމްބާއީ އިން ވަނީ ބާކީ 27 ބޯޅަ އޮއްވަ، ހަތް ކުޅުންތެރިން ނުބައިވެގެން ތިން ވިކެޓަށް 199 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ސޫރްޔަކުމާރު ޔާދަވް ވަނީ 19 ބޯޅައިން 52 ލަނޑުހަދައިފައެވެ. އޭގެތެރޭގައި ފަސް ފަހަރު ހަތަރަކަށް، ހަތަރު ފަހަރު ހަޔަކަށް ޖަހައިފައިވެއެވެ. އެ ޓީމުގެ ވިކެޓްކީޕަރު ބެޓްސްމަން، އިޝާން ކިޝަން 34 ބޯޅައިން 69 ލަނޑުހެދިއިރު، ކުރީގެ ކެޕްޓަން ރޯހިތު ޝަރްމާ ވަނީ 24 ބޯޅައިން 38 ލަނޑުހަދައިފައެވެ.
މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ލަކްނޯ ސުޕަ ޖަޔަންޓްސް ނިކުންނާނީ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު ހަތެއް ޖަހާއިރު އެވެ.
