ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި 3-0 ގެ ތަފާތަކުން ލިވަޕޫލް ބަލިކޮށް އެޓަލާންޓާ އިން ސެމީގެ އުއްމީދު ބޮޑުކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވި ފުރަތަަމަ ފަހަރެވެ. އެ ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވީ 5-2 އިންނެވެ.

އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓަލާންޓާ އަށް ލީޑްނަގައިދިނީ ކުރީން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އިޓަލީގެ ފޯވާޑް، ޖިއަންލޫކާ ސްކަމާކާ އެވެ.

މެޗަށްފަހު ލިވަޕޫލްގެ ކުޅުންތެރިން މާޔޫސްވެފައި. --ފޮޓޯ: ގެޓީ އިމޭޖަސް

 

ލިވަޕޫލަށް ލަނޑެއްޖަހައިދޭން އެ ޓީމުގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒް އަށް ލިބުނު ރަނގަޅު ދެ ފުރުޞަތެއް ބޭކާރުކޮށްލިއިރު ހާވީ އެލިއަޓް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ރޭގެ މެޗު ބެންޗުން ފެށި ލިވަޕޫލްގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު ވަނީ ފަހު ހާފުގައި ކުޅެން ނިކުމެ އެޓަލާންޓާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ސަލާހު ފޮނުވާލި މި ބޯޅަ އެޓަލާންޓާގެ ގޯލްކީޕަރު، ހުއާން މޫސޯ ހުއްޓުވިއިރު ލިވަޕޫލްގެ ކީޕަރު، ކޮއިމިން ކެލަހާ ވަނީ އެޓަލާންޓާގެ ޓެއުން ކޫޕްމެއިނާސް ފޮނުވާލި ބޯޅަ މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އެޓަލާންޓާގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ސްކަމާކާ އެވެ. މިއީ އެ ޓީމުގެ ޗާލްސް ޑެ ކަޓަލެއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސްކަމާކާ ކާމިޔާބުކުރި ގޯލެކެވެ.

ވެސްޓް ހޭމްއާ ދެކޮޅަށް ލެވަކޫސަން ކުޅުނު މެޗުގެ ތެރެއިން. --

 

އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ސަލާހު ލަނޑެއްޖަހައިދިން ނަމަވެސް ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި އެ ލަނޑު ގަބޫލުނުކޮށްފައެވެ.

އެޓަލާންޓާ އިން ޖެހި ތިންވަނަ ލަނޑު، 83 ވަނަ މިނެޓުގައި މާރިއޯ ޕަސާލިޗް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، އެޑާސަން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު، ކެލަހާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ޕަސާލިޗް ކާމިޔާބުކުރި ގޯލެކެވެ. މިއީ އެޓަލާންޓާ އަށް ޕަސާލިޗް ޖަހައިދިން 50 ވަނަ ލަނޑެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުގެ ބަޔާ ލެވަކޫސަން އަތުން 2-0 އިން އިންގްލެންޑްގެ ވެސްޓް ހޭމް ބަލިވިއިރު، ޕޯޗުގަލްގެ ބެންފީކާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ފްރާންސްގެ އޮލިމްޕިކް މާސޭ ބަލިކޮށްފައެވެ. ކުއާޓާގެ އަނެއް މެޗުގައި އިޓަލީގެ ދެ ޓީމުގެ ކުރިމަތިލުމުގައި އޭސީ މިލާންގެ ދަނޑުގައި އޭއެސް ރޯމާ މޮޅުވި 0-1 އިންނެވެ.