ނޯތުވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިން މި ވަނީ ކެންސަރު ނައްތާލުމަށް ކީމޯތެރަޕީގެ ބަދަލުގައި ޖީން ތެރަޕީގެ އާ ގޮތެއް ހޯދާފައެވެ.

އެ މީހުންނަށް ދެނެގަނެވުނީ އިންސާނާގެ ހަށިގަނޑުގެ ކޮންމެ ހަތައެއްގައި ވެސް ކެންސަރު މަރާލާ ސްވިޗެއް އެކުލެވޭ ކަމެވެ. މި ސްވިޗްގެ ސަބަބުން ކެންސަރު ހަތާތައް އޭގެ ޒާތުގައި މަރާލައި ނުވަތަ ނައްތާލާ ކަން ވަނީ އެނގިފައެވެ.

ނޯތުވެސްޓަން ޔުނިވާސިޓީން ހާމަ ކުރާ ގޮތުގައި މި ސްވިޗަކީ ކޯޑެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ. ކެންސަރުގެ އަސަރެއް ހަށިގަނޑުގައި ފެންނަ ހިސާބުން ފެށިގެން މި ކޯޑުގެ އެހީގައި ކެންސަރު ހަތާތައް ނައްތައިލައެވެ. ރިބޯނިއުކްލައިކް އެސިޑް (އާރް.އެން.އޭ.) އާއި ޕްރޮޓީން ކޯޑް ކުރާ އާރް.އެން.އޭ.ގައި ވެސް މި ކޯޑު އެކުލެވިގެންވާ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އާރް.އެން.އޭ. އަކީ އިންސާނާގެ ހަށިގަނޑުގެ "ތައްގަނޑު" އެކުލެވޭ ޖީން ކަމަށްވާ ޑީ.އެން.އޭ. ކޯޑް، ޕޮރްޓީންއަށް ބަދަލު ކޮށްދޭ މޮލިކިއުލެވެ. މޮލިކިއުލަކީ އެޓޮމްސް ނުވަތަ ޒައްރާތަކެއް ގުޅިގެން އުފެދިފައިވާ ހަތައެކެވެ.

ނޯތުވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމުން ބުނީ "މި މައިކްރޯ އާރް.އެން.އޭ. އުފެދުނީ 800 މިލިއަން އަހަރު ކުރިން ދިރޭތަކެތީގެ ދިފާއީ ނިޒާމުގެ ބައެއްގެ ގޮތުގައި ކަމަށެވެ. ކީމޯތެރަޕީން ވެސް މި ކުދިކުދި އާރް.އެން.އޭ.ތަކަށް ދިރުން ގެނެސްދޭނެއެވެ."

މި އާރް.އެން.އޭ ތަކާ ކެންސަރު ހަތާތަކާ ފުށުއަރައިފި ނަމަ، ކެންސަރު ހަތާތައް މަރުވެއެވެ. ސައިންސްވެރިންގެ ޓީމުން ބުނީ މަސްނޫއީ ގޮތަކަށް ވެސް މި ފަދަ އާރް.އެން.އޭ. އުފެއްދި ދާނެ ކަމަށެވެ. އަދި މި ގޮތުގެ މަތިން ކީމޯތެރަޕީގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށް ނޯތްވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.

މިއީ މައިކްރޯ އާރް.އެން.އޭ ފުށުއަރައިފި ނަމަ ނުވަތަ މުޑިއަރައިފިނަމަ ކެންސަރު ހަތާތައް މަރުވާ ކަމުގެ ހެކި ހޯދުނު ފުރަތަމަ ފަހަރެވެ. ކީމޯތެރަޕީއަކީ އޭގެ ސަބަބުން އިތުރު އެހެން ހަތާތައްވެސް މަރުވެދާ ފަރުވާއެކެވެ.

ނޯތުވެސްޓަން ޔުނިވާސިޓީގެ ޕްރޮފެސަރު، މާކަސް ޕީޓާ ވިދާޅުވަނީ މި ކެންސަރު މަރާލާ ސްވިޗް ފެނުމުން ކީމޯތެރަޕީގެ ބޭނުމެއް މިހާރު އޮތް ކަމަކަށް ނުފެންނަ ކަމަށާއި އަދި މިހެންވެ، އިންސާނާގެ ހަށިގަނޑުގެ ތައްގަނޑު ކަމަށްވާ ޖީންތަކާ ވެސް ދެން ކުޅޭކަށް ނުޖެހޭނެކަމަށާއި އަދި ހަތާތަކަށް އާރް.އެން.އޭ. މޮލެކިއުލް ފޮނުވައިގެން ކެންސަރާ ހަނގުރާމަ ކުރެވޭނެ ކަމަށެވެ.

މިއީ އަދި ހޯދުނު ހޯދުމެކެވެ. މިއީ އަދި އަމަލީގޮތުން ދެވޭ ފަރުވާއެއް ނޫނެވެ. ސައިންސުވެރިންގެ އުންމީދަކީ މި ސްވިޗު ބޭނުންކޮށްގެން ކެންސަރަށް ފަރުވާއެއް ހޯދުމެވެ. މީގެ ކުރިންވެސް ކެންސަރަށް ފަރުވާ ކުރުމަށް އެކި ބޭސްތައްވެސް ދިރާސާ ކުރެވިފައި އެބަހުއްޓެވެ. ނަމަވެސް އަލިމަގަކާ ހިސާބަށް އާދެވިފައެއް ނެތެވެ. ނަމަވެސް މިފަހަރުގެ މި ހޯދުމުގައި ކުރި މަގު އޮތީ ވަރަށް ފަހިކޮށް ކަމަށް މި ދިރާސާ ކުރި ސައިންސުވެރިން ވަނީ ބުނެފައެވެ.

 

ހަވާލާ: ހެލްތު ލައިން 2024