ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ތާވަލްގެ އެންމެ ކުރީގަ އުޅޭ ރެއާލް މެޑްރިޑް މޮޅުވެ، ލީޑް ދެމެހެއްޓިއިރު ވާދަވެރި ބާސެލޯނާ ވެސް ހަނިމޮޅެއް ހޯދައިފިއެވެ.

މަޔޯކާގެ ދަނޑުގައި 0-1 އިން ރެއާލް މޮޅުވިއިރު، ރަށުން ބޭރުގައި ކަޑިޒް އަތުން ބާސެލޯނާ މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެންމެ ކުރީގައި އުޅޭ ރެއާލަށް 31 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 31 މެޗުން ހޯދީ 70 ޕޮއިންޓާއެކު އެވެ. ތިނެއްގައި އޮތް ޖިރޯނާ އަށް 31 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރުވަނައިގައެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ އާންމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. ކުރިއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮތުމާއެކު އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ، ޑަނީ ކަރްވަހާލް، އެޑޮއާޑޯ ކަމަވިންގާ، ޓޮނީ ކްރޫޒް އާއި ވިނީޝަސް ޖޫނިއާ ރޭގެ މެޗު ފެށީ ބެންޗުންނެވެ.

ކަޑިޒްއާ ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން. --

 

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ރެއާލަށް ކާމިޔާބުކޮށްދިނީ އައުރެލިއަން ޗުއަމެނީ އެވެ. މިއީ ގޯލާއި ގާތްގަނޑަށް 35 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ޗުއަމެނީ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ މަޔޯކާގެ މަނޫ މޮރްލާނެސް ގައިގަ ޖެހިފައެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ކަޑިޒްގެ ދަނޑުގައި ބާސެލޯނާ މޮޅުވި ލަނޑު، ފުރަތަމަ ހާފު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޔާއޯ ފެލިކްސް އެވެ. މިއީ މެޗުގެ 37 ވަނަ މިނެޓުގައި ބާސެލޯނާގެ މާކަސް އަލޮންސޯ ނެގި ކޯނަރެއް ޕެނަލްޓީއޭރިޔާ ތެރެއިން ކަޑިޒްގެ ކުޅުންތެރިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ފެލިކްސް އަށް ލިބުމުން ބައިސިކަލް ކިކަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ބާސެލޯނާ އަށް މި މެޗުގައި ލީޑް ފުޅާކޮށްދޭން ފާމިން ލޮޕޭޒް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ކަޑިޒްގެ ޑިއާޑީ ސަމަސެކޯ ފޮނުވާލި ބާރު ހަމަލާ ބާސެލޯނާގެ ކީޕަރު، މާކް އަންދްރެ ޓަ ސްޓެގަން ވަނީ ހުއްޓުވައިފައެވެ.

ލީގުގައި ބާސެލޯނާ އަށް ދެން ކުރިއަށް އޮތީ އަންނަ އާދީއްތަ ދުވަހު ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ 'އެލް ކްލެސިކޯ' މެޗެވެ. އޭގެކުރީން، ދެން އެ ޓީމަށް އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ބައްދަލުކުރާ މެޗެވެ.