ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ސްޓެލްކޯ އާއި ފެނަަކައިގެ މުވައްޒަފުން ހައްލުކޮށްދީފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، ވިދާޅުވީ އެ ކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި ކަމަށެވެ.
އެމްޑީ ފަހުމީ ވަނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފަހުރުވެރިކަމާއެކު ފާހަގަކޮށް، ސާބަހާއި ޝުކުރު ވެސް ދަންނަވާފައި ވެއެވެ.
މުޅި ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ހެނދުނުއެވެ. އެވަގުތުން ފެށިގެން ފެނަކައިގެ މުވައްޒަފުން ވަނީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި ފެނަކައިގެ އެދުމުގެ މަތީން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުށި ސިޓީއަށް މިއަދު ވަނީ ގޮސް އެކަމުގައި އެހީތެރިވެދީފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން