އަހަރެންގެ އަނބިމީހާ މެހެރީން އަކީ ވަރަށް ވިސްނުންތޫނު މީހެކެވެ. އަހަރެން އޭނާއަށް ލޯބިން ކިޔަނީ މެހެރް އެވެ. ދިރިއުޅުމުގައި އަހަރެން އަބަދުވެސް އަހަނީ މެހެރްގެ ނަސޭހަތެވެ. އޭނާ ދައްކާ މަގުން ހިނގައިގެން މިހާތަނަށް އަހަންނަށް ލިބުނީ ހުސް ކާމިޔާބެވެ.
އަނބިމީހާދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އޭނާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކޮށް ވޭތޯ ބެލުމަކީ އަހަރެން އެންމެ ސަމާލުކަން ދޭ ކަންތަކެވެ. ދުވާލުގެ ވަގުތުގައި މިއީ ރޭގަނޑޭ މެހެރް ބުނެފި ނަމަ އަހަންނަށް މިއީ ރޭގަނޑެވެ. އަހަރެމެންގެ ގޭގެ ފާރުތަކުގައި ލާފައި ހުންނަނީ ހުދު ކުލައެވެ. ނަމަވެސް އެ ފާރު ދައްކާފައި އެއީ ރަތްކުލަ ކަމަށް މެހެރް ބުނެފި ނަމަ އެއީ ރަތް ކުލައެވެ. މީހަކު މިކަމާ ދެބަސްވަންޏާ، އެ ފާރުތަކުގައި އަހަރެންގެ ދެ އަތުން ރަތް ކުލަ ލައިގެން ނަމަވެސް، މެހެރް ހިތްހަމަޖައްސައިދޭނަމެވެ.
އަހަރެމެންގެ ކައިވެންޏަށް 4 އަހަރު ފުރުނުއިރު، މެހެރް އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. މިއީ އަހަރެމެން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވި ދުވަހެވެ. ކުއްޖަކު ނުލިބިގެން އަހަރެމެން އުޅުނުއިރު ގިނަ ޑޮކްޓަރުންތަކަކަށް ދެއްކީމެވެ. އެންމެފަހުން ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަކަށް ދައްކައިގެން ކުރި ފަރުވާތަކުން އަހަރެމެންނަށް ކުއްޖަކު ލިބޭ ގޮތް މެދުވެރިވީއެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށާއި، މި ދަރިފުޅަށް މާބަނޑުއިރު މެހެރް ގެ ސިއްޙަތަށް އައިސްފާނެ އުނދަގޫތަކަށް ސަމާލުވެގެން ތިބުމަށް ޑޮކްޓަރު ލަފާދިނެވެ. އަދި މީގެފަހުން ދުވަހަކުވެސް ކުއްޖަކު ނުލިބިދާނެ ކަމަށް ބުންޏެވެ.
ޑޮކްޓަރުގެ އިންޒާރުތައް އަހަރެމެން ނެގީ ވަރަށް ސީރިއަސް ކޮށެވެ. ކުރިން ވަޒީފާއަށް ދާ މެހެރް، ބަލިވެއިނުމާއެކު ވަގުތުން ވަޒީފާއިން ކެނޑުނެވެ. އަހަރެން ބެލީ އޭނާ އަށް އެއްވެސް މަސައްކަތެއް ނުޖައްސާވޭތޯއެވެ. ގޭތެރޭގެ ކަންކަން ކޮށް، މެހެރް އަށް ގަޑިން ގަޑިއަށް ކައްކާފައި ކާން ދިނުމަށް ބޭރު މީހެއް ގެންނަން ވިސްނީ އެހެންވެގެންނެވެ. ނަމަވެސް ބޭރު މީހެއް ލައްވައި ކަންކަން ކުރުވަން މެހެރް ބޭނުން ނުވާތީ، އޭނާ ނިންމީ އޭނާގެ ރަށުގައި ދިރިއުޅޭ ބޮޑުދައިތައަކު ގެންނާށެވެ. އަހަރެން ވަގުތުން އެކަމެއް އެއްބަސްވެ، ޖެހިގެން އައި ދުވަހު ބޮޑުދައިތަ ހުރީ މާލޭގައެވެ.
ބޮޑުދައިތަގެ ނަމަކީ ހަލީމާއެވެ. އަހަރެމެން ކިޔަނީ ހަލީމާއްތައެވެ. އެއީ ދުވަހަކުވެސް މީހަކާ ނީނދެ އިން، އެކަނިވެރި މީހެކެވެ. ބަލަންޖެހޭ ފިރިއެއް ދަރިއެއް ނެތުމުން ރަށުގައި އޭނާގެ މާ ބޮޑު މަސްއޫލިއްޔަތުތަކެއް ނޯވެއެވެ. ނަމަވެސް އޭނާ މީހަކާ ނީނދެ އެ އިނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަހަލަ ޒާތީ ކަންކަމާ ބެހޭގޮތުން ސުވާލު ކުރާކަށް އަމުދުން ނުވެސް ކެރެއެވެ. ހަލީމާއްތައަކީ ވަަރަށް ބަސްމަދު މީހެކެވެ. އަހަންނާ އެއްވެސް ވަރަކަށް އަނގައިން ނުބުނާއިރު، މެހެރް އާ ވެސް ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. އެކަމަކު ގޭތެރޭގެ މަސައްކަތްތައް ކުރަން އެއީ އެއްވަނައެވެ. ހަލީމާއްތަ ކައްކާ އެއްޗެހި މީރު ކަމުން އަހަރެން ވެސް އޮފީހުގައި އުޅެފައި ކާން ވީމާ އަންނަނީ ގެއަށެވެ. ކުރުކޮށް ބުނާ ނަމަ، ހަލީމާއްތައަކީ ވަރަށް މުރާލި، އަތްމަތި އަވަސް މީހެކެވެ. މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވިއެވެ. އަދި މެހެރް ގޭގައި އެކަނި ނުވާނެކަން އެނގުމުން އޮތް ހިތްހަމަޖެހުން މާ ބޮޑެވެ.
އަހަރެން އޮފީހުގައި އުޅޭއިރު ދޭތެރެދޭތެރެއިން މެހެރް އަށް ގުޅައިގެން ވާނުވާ ބަލަމެވެ. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދަނިކޮށް، މެހެރްގެ ބަނޑަށް 3 މަސް ވީ ތަނާ އޭނާ ބަލިވާން ފެށިއެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ބުނަނީ ހާސްވާން ޖެހޭވަރުގެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް މެހެރްގެ ހާލު ދިޔައީ ދަށްވަމުންނެވެ. ކިރިޔާ އެއްޗެއް ކާ އިރަށް ހޮޑުލެވި، އެނދުމަތިން ނުތެދުވެވޭން ފެށިއެވެ. އަހަރެން ބޭނުންވީ މެހެރް ހޮސްޕިޓަލްގައި އެޑްމިޓު ކުރާށެވެ. އެކަމަކު މެހެރް ދިޔައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އޭނާ ބޭނުންވަނީ ގޭގައި އޮންނަން ކަމަށާއި، ފަހުން ރަނގަޅު ވާނެ ކަމަށް ބުނަމުން ދިޔައެވެ. އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން މެހެރް ކައިރީގައި މަޑުކުރީމެވެ.
އެއްދުވަހަކު މެހެރް މާ ގަދަޔަށް ހޮޑުލާތީ އަހަންނަށް އެ މަންޒަރު ބަލަން ކެތް ނުކުރެވިގެން ބޭއިޚުތިޔާރުގައި ލޮލުން ކަރުނަ އައެވެ. މިތަން ހަލީމާއްތައަށް ފެނުނުކަން އަހަންނަށް އެނގުނީ މާ ފަހުންނެވެ. އަހަރެން ސޯފާގައި އިންދައި ހަލީމާއްތަ އައިސް އެވާހަކަ ދެއްކިއެވެ. އަދި މެހެރްގެ ހާލު ރަނގަޅުކުރަން ދިވެހި ބޭހެއްގެ އަޖުމަ ބަލައިލުމަށް ބުންޏެވެ. މާ ބޮޑު ވިސްނުމަކަށް ނުގޮސް އަހަރެން އެކަމަށް އެއްބަސް ވީމެއެވެ. މެހެރްގެ ހާލު ކޮންމެ ގޮތަކުން ވިޔަސް ރަނގަޅު ވޭތޯ އަހަރެން ހުރީ ކެތްމަދުވެފައެވެ. ޖެހިގެން އައި ދުވަހު ރަށު ބޯޓުން ހަލީމާއްތަ އެ ބުނާ ދިވެހި ބޭހެއް ގެނުވިއެވެ. އެއީ ހަލީމާއްތަގެ އަވައްޓެރިއަކު ހަދާ އެއްޗެއް ކަމަށް ބުންޏެވެ. އަދި އެއީ މާބަނޑު މީހުންނަށް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ވެސް ބުންޏެވެ.
ކޮންމެވެސް ޒާތެއްގެ މޭވާއަކުން ހަދާފައި ހުރި އެ ދިވެހި ބޭސް އެއީ ބޯންޖެހޭ ދިޔާ ބޭހެކެވެ. ހަލީމާއްތަގެ އިރުޝާދާ އެއްގޮތަށް، ކޮންމެ ރެއަކު މެހެރް ނިދުމުގެ ކުރިން އެ ބޭސް ދޭން ފެށީމެއެވެ. ހަފްތާއެއް ނުވަނީސް މެހެރްގެ ހާލު ރަނގަޅުވާން ފެށިއެވެ. އަހަރެން ހުރީ ހަލީމާއްތައަށް ޝުކުރު އަދާކުރާނެ ގޮތް ވެސް ނޭނގިފައެވެ. އެ ދިވެހި ބޭހަށް ފައިސާ ދެއްކުމުގެ އިތުރުން، ހަލީމާއްތައަށް ވަކިން އިނާމެއްގެ ގޮތުގައި ވެސް ފައިސާ ދިނީމެވެ.
މެހެރް އެ ބޭސް ބޯން ފެށިތާ ބަރާބަރު 10 ދުވަސް ވީ ތަނާ، އެއްކޮށް ރަނގަޅުވެއްޖެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ތެދުވެ އުޅެން ފެށިއެވެ. އަހަރެން ހުރީ މިކަމާ ވަރަށް އުފަލުންނެވެ. އަދި މެހެރް އެއްކޮށް ރަނގަޅު ވީ ކަން ޔަގީންވުމުން އަހަރެން އަލުން އޮފީހަށް ނުކުންނަން ފެށީމެވެ. ދެން ވާން ފެށީ އެހެން ކަމެކެވެ. މެހެރް އަށް ދޭތެރެ ދޭތެރެއިން ފާޑެއްގެ ހުވަފެން ތަކެއް ފެންނަން ފެށިއެވެ. ގިނަ ފަހަރަށް ފެންނަނީ އަހަރެމެން ދަންނަ ކޮންމެވެސް މީހަކަށް ކޮންމެވެސް ދެރަކަމެއް ވެގެން އުޅޭތަނެވެ. އެގޮތަށް ހުވަފެނެއް ފެންނަ ދުވަހަކު މެހެރް އަހަންނަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއެވެ.
ދެން ވާން ފެށީ އެއަށްވުރެ އާދަޔާ ޚިލާފު ކަމެކެވެ. މެހެރްގެ ހުވަފެންތައް ހަގީގަތަކަށް ވާން ފެށީއެވެ. އެކަން އަހަންނަށް އެންމެ ފުރަތަމަ ފާހަގަވީ، އެއްދުވަހަކު ހެނދުނު ހޭލައިގެން މެހެރް ކިޔައިދިން ހުވަފެނެއް، އެދުވަހު އަހަރެން އޮފީހަށް ދިޔަތަނާ އަހަރެންގެ ލޯ ކުރިމަތިން އެކަން އެގޮތަށް ވަނިކޮށް ފެނުނީމައެވެ.
"އެޑަމްގެ އޮފީހުގަ އުޅެއެއްނު ލިސާން އެއް ދޯ"، އެދުވަހު މެހެރް ފެށީ މިގޮތަށެވެ. އަހަރެން ބޯ ޖަހައިލުމުން ކުރިއަށް ގެންދިޔައެވެ. "އަހަންނަށް ފެނުނީ އޭނަ ސިޑިން ވެއްޓިގެން އުޅޭތަން. ވަރަށް ބޮޑުވަރު ވެފަ އޮތީ"، އަހަރެން ލޯގަނޑު ކުރިމަތީގައި ޓައީ އަޅަން ހުއްޓާ އެނދުގައި އޮތް މެހެރް ކިޔައިދިނެވެ.
އަހަރެން ޖަހައިލީ ހިނިގަނޑެކެވެ. އަދި އެހެން ފެންނަ ހުވަފެންތަކާމެދު ނުވިސްނުމަށް ނަސޭހަތްތެރިވީމެއެވެ. ފަހުން މެހެރް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. އެދުވަހު އަހަރެން އޮފީހުގައި އުޅެނިކޮށް ލިސާން އާ ދިމާވިއެވެ. މެހެރްގެ ހުވަފެން މަތިން އޭރު އަހަރެން ހަނދާނެއް ނެތެވެ. ނަމަވެސް އަހަންނަށް ޝޮކެއް ލިބުނީ، ލިސާން ސިޑި ކައިރީގައި ހުއްޓައި އަރިއަޅާލައިގެން ވެއްޓުނުތަން ފެނުމުންނެވެ. އޭނާ ހުރީ ވެސް އަހަންނާ ދާދި ކައިރީގައެވެ. އަހަރެން ލިސާންގެ ގައިގައި ހިފެހެއްޓޭތޯ ވެސް ބެލީމެވެ. ނަމަވެސް އަތް ނުޖެހި އޭނާ ވެއްޓުނީއެވެ. މެހެރް ބުނިހެން އޭނާއަށް ވަރަށް ބޮޑުވަރު ވިއެވެ. ހޮސްޕިޓަލަށް ގެންދަން ޖެހުނީ އެމްބިއުލާންސެއް ގައެވެ.
އަހަންނަށް މުޅި ދުވަހު ވިސްނުނީ އެކަމާއެވެ. ހޮސްޕިޓަލުގައި އުޅެފައި އޮފީހަށް ނުގޮސް ސީދާ ގެއަށް ދިޔައީމެވެ. އަދި މެހެރް އަށް އެވާހަކަ ކިޔައިދިނުމުން އޭނާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު އަހަރެމެން ދެމީހުން ވެސް ނިންމީ އެއީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށެވެ.
ނަމަވެސް އެހިސާބުން އެ ނިމުނީކީ ނޫނެވެ. އޭގެ ދެދުވަސް ފަހުން އަނެއްކާވެސް މެހެރް އަށް ހުވަފެނެއް ފެނިއްޖެއެވެ. މިފަހަރު މެހެރްގެ އެކުވެރި ސަނާގެ އަތް ފިހިގެން އުޅޭތަނެވެ. ހަމަ އެދުވަހު ސަނާ ބަދިގޭގައި އުޅެނިކޮށް އަތަށް ހޫނު ތެޔޮ އެޅިގެން އަތް ވަރަށް ބޮޑަށް ފިހުނު ވާހަކަ، މެހެރް މެންގެ ވައިބަރ ގްރޫޕުގައި ޖެހިއެވެ. އަދި ފޮޓޯއެއް ވެސް ފޮނުވާފައި އޮތެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދޭން ފެށިއެވެ.
ތިންވަނަ ފަހަރު މެހެރް އަށް ހުވަފެނުން ފެނުނީ، އަހަރެމެންގެ ހިސާބުގަނޑުގައި އުޅޭ ބުޅަލެއް، ލެއިން ތަތްތެޅި މަރުވެފައި އޮތް ތަނެވެ. އެދުވަހު މެހެރް އެވާހަކަ ކިޔައިދިނީ ބިރުން އިނދެއެވެ. އެކަމާ ނުވިސްނުމަށް އަހަރެން ބުނި ނަމަ ވެސް، އަހަންނަށް ވެސް ނުވިސްނާ ނުހުރެވުނެވެ. އޮފީހަށް ދިޔަ މަގުމަތީގައި، އެ ބުޅާ ފެނޭތޯ ހޯދައިލެވުނެވެ. ނަމަވެސް ބުޅަލުގެ ހިލަމެއް ނެތެވެ. ހިލަމެއް ވީ އަހަރެން އޮފީހުން ގެއަށް އައި މަގުމަތީގައެވެ. އަހަރެންގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އެ ބުޅާ އޮތީ މަގު މެދުގައި، ލެއިން ތަތްތެޅިފައެވެ. ހީވަނީ ކޮންމެވެސް ދުއްވާ އުޅަނދަކުން ޖެހި އެކްސިޑެންޓުވެފައި އޮތް ހެނެވެ.
މެހެރް ބިރުގަނެފާނެތީ އަހަރެން ހުރީ އޭނާއަށް އެކަން ސިއްރުކުރަން ނިންމައިގެނެވެ. ގެއަށް ވަން އިރު ވެސް އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. އެ ފެނުނު މަންޒަރުން އަހަރެންގެ ސިކުނޑިއަށް އަސަރުކޮށްފިއެވެ. ގެއަށް ވަދެވުމާއެކު، މެހެރް ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަދި އޭނާ ބެލްކަނީ އަށް ނުކުތް އިރު އެ ބުޅާ ފެނުނު ކަމަށް ބުންޏެވެ. އަހަރެން ނުބުނަން ހުއްޓަސް މެހެރް އަށް އެ މަންޒަރު މިއޮތީ ފެނިފައެވެ. އިތުރަށް ކުރާނެ ކަމެއް ނެތެވެ.
"މީގެ މާނައަކީ... އަހަންނަށް ފިއުޗާ ޕްރިޑިކްޓް ކުރެވެނީ އޭ ތަ؟"، ނިދަން އޮވެފައި މެހެރް މިހެން އަހައިލީ، ފާޑެއްގެ ޖޯޝެއް އެކުލެވިފައި ހުރި އަޑަކުންނެވެ. ނަމަވެސް އަހަރެން އެކަން އޮއްބައިލީމެވެ. ކުރިއަށް ވާން ހުރި ކަންކަން އެނގުމަކީ އެއްވެސް އިންސާނަކަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ބުނީމެވެ. އެއީ ހައްތާ ވެސް އިއްތާފޭ ބުނިއިރު، ޚުދު އަހަންނަށް ވެސް އަހަރެންގެ ބަސްތައް ގަބޫލެއް ނުކުރެވުނެވެ. އަދި ފުރަތަމަ ފަހަރަށް ހަލީމާއްތައާ މެދު ސުވާލު އުފެދުނެވެ. ދިވެހި ބޭހުގެ ނަމުގައި ހަލީމާއްތަ މެހެރް އަށް އެ ދިނީ ކޯއްޗެއް ހެއްޔެވެ؟
ޖެހިގެން އައި ދުވަހު ހަލީމާއްތައާ ސުވާލުކުރަން ނިންމައިގެން ހުއްޓާ، މެހެރް ދެއްކީ އޭނާގެ ހުވަފެނުގެ ވާހަކައެވެ. "އަހަންނަށް ރޭގަ ފެނުނީ، ހަލީމާއްތަ މިގެއިން ނުކުމެގެން ދަނިކޮށް"، ރަނގަޅަށް ނިދާ ނުހޭލެވެނީސް މެހެރް ބުންޏެވެ.
އަހަރެން ހަލީމާއްތަ ހޯދަން ދިޔައިރު އޭނާ އުޅެނީ ފޮށި ތަންމަތި ބަނުމުގައެވެ. އެއްޗެއް ބުނަން އަހަރެން އަނގަ ހުޅުވައިލިތަނާ ހަލީމާއްތަ ފެށިއެވެ. "ދައްތަގެ ވަރަށް ގާތް އެކުވެރިއަކު ނިޔާވެގެން އުޅެނީ. އެހެންވެ މިދަނީ ރަށަށް ދާން. ދެން ހިއެއް ނުވޭ އާދެވޭނެ ހެންނެއް. މާލޭގެ މި މާހައުލެއް ދައްތައަކާ ނުގުޅޭ. ބޭނުމީ ރަށުގަ އުޅެން"، ހަލީމާއްތަގެ ނިންމުން އޭނާ ހާމަކުރިއެވެ. އަހަރެން އަހަން އުޅުނު ވާހަކަ އަހަން ފުރުސަތެއް ވެސް ނުދީ ހަލީމާއްތަ އެއްޗެހި ހިފައިގެން ގޮސްފިއެވެ.
ހަލީމާއްތަ ދިޔުމުން އަހަރެން އަނެއްކާވެސް ޗުއްޓީ ނަގައިގެން މެހެރް ކައިރީގައި މަޑުކުރީމެވެ. މިހާރު އަހަންނަށް މެހެރްގެ ކިބައިން ފެންނަނީ މުޅިން ތަފާތު މިޒާޖެކެވެ. ހީވަނީ އެހެން މީހެއް ހެނެވެ. ކުރިން އެ ފެންނަ ހުވަފެންތަކާ ހެދި ބިރުން އުޅުނު މެހެރް އަށް، މިހާރު އެކަން މަޖާ ކަމަކަށް ވެއްޖެއެވެ. އަދި ހުވަފެނެއް ފެނުމުން ކަމެއް ވާން އުޅޭ ކަމަށް ބުނެލަނީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ހީވަނީ، އޭނާއަށް ލިބިފައިވާ "ބާރާމެދު" ފަހުރުވެރިވެފައި ހުންނަ ހެނެވެ.
މެހެރްގެ ބަނޑަށް 8 މަސް ވަނިކޮށް، އޭނާއަށް ފެންނަ އާދަޔާ ޚިލާފު ހުވަފެންތައް ފެންނަ ވަރު މަދުވަމުން ގޮސް، ވިހެއުމާއެކު އެއްކޮށް އެކަން ހުއްޓިއްޖެއެވެ. އޭނާ އަހަރެން ގާތު އެވާހަކަ ބުނީ ވަރަށް ދެރަވެ ހުރެއެވެ. އަހަރެމެންނަށް ލިބުނު ދަރިފުޅުދެކެ މެހެރް ވާނެ ކަމަށް ހީކުރި ލޯތްބެއް ވެސް ނުފެނުނެވެ. ކުޑަކުޑަ ރިއާ ލިބުމުން މެހެރް ވީ އުފަލަށްވުރެ، ހުވަފެންތައް ފެނުން ހުއްޓުމުން ވީ ދެރަ މާ ބޮޑު ކަހަލައެވެ. މިއީ ރިއާގެ ސަބަބުން ވީ ކަމެއް ކަމަށް ދެކި އެކަމާ ހެދި ރިއާދެކެ "ފޫހިވާ" ހެން ވެސް އަހަންނަށް ބައެއް ފަހަރު ހީވެއެވެ.
އަހަރެން މެހެރް އަށް ވިސްނައިދެވޭތޯ ވަރަށް ބެލީމެވެ. ނަމަވެސް މެހެރް އަބަދުވެސް އިންނަނީ ނެގިމަޑުވެފައެވެ. ކަނީ ވެސް ވަރަށް މަދުންނެވެ. އަބަދާއި އަބަދު އެކަމާ ވިސްނާ ފިކުރު ކުރަނީ ކަން އަހަންނަށް އެނގުނެވެ. ދުވަސްކޮޅެއް ފަހުން މެހެރް އަނެއްކާވެސް ހުވަފެނުގެ ވާހަކަ ދައްކަން ފެށިއެވެ. މިވެނި ހުވަފެނެއް ފެނުނޭ ކިޔައިގެން ކުރިއެކޭ އެއްގޮތަށް ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް މިފަހަރު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ނުވިއެވެ. މިކަމާ ހެދި މެހެރް އިތުރަށް މާޔޫސްވިއެވެ. ބައެއް ރޭރޭ މެހެރް ނުނިދާ އުޅޭތަން ވެސް އަހަންނަށް ފެނެއެވެ.
ކޮންމެއަކަސް، މެހެރްގެ ހިތާމަ ބޮޑުވަމުން ދާ ތަން ފެނި އަހަރެން ވަރަށް ދެރަވިއެވެ. އެންމެ ދެރަވަނީ އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރާތީއެވެ. އެކަމާ ވިސްނާ ވިސްނާ އަހަރެން ވެސް މާޔޫސް ވާން ފެށިއެވެ. އަހަރެމެން ދެމީހުންގެ މެދުގައި ދުރުކަމެއް އުފެދޭތަން ބަލަން އަހަންނަކަށް ކެތެއް ނުވެއެވެ.
"ރޭގަ އަހަންނަށް ފެނުނީ އެހެރަ ގޭ ލަޔާލީ މަރުވެގެން އުޅެނިކޮށް!" އެއްދުވަހަކު މެހެރް ވަރަށް ރުޅި އައިސް ބުންޏެވެ. އެއަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް އޭގެ އަނެއް ދުވަހު މުޅި ތަންގަނޑު ގުގުމައިލީ ލަޔާލީގެ މަރުގެ ހަބަރުންނެވެ. 19 އަހަރުގެ ލަޔާލީ ހުރީ އޭނާގެ ކޮޓަރީގައި ދަންޖެހިފައެވެ. އޭނާގެ މަރާ ގުޅޭގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން ފުލުހުން ތަހުގީގު ކުރަން ފެށިއެވެ. ލަޔާލީ އަކީ އަމިއްލައަށް މަރުވާނެ ކުއްޖެއް ނޫން ކަމަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ މައިންބަފައިން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
އަހަރެމެންގެ އަވައްޓެރި އެ އާއިލާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައި އޮތަސް، މެހެރްގެ މޫނުމަތިން ހަގީގީ ހިނިތުންވުމެއް އަހަންނަށް މި ފެނުނީ ޒަމާންތަކަކަށް ފަހުއެވެ. އަހަރެން އެކަމާ ބިރުގަތް ނަމަވެސް، އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކަމެވެ. އެހެން ހުއްޓާ ޖެހިގެން އައި ހަފްތާގައި އަނެއްކާވެސް މެހެރް އަށް ހުވަފެނެއް ފެނިއްޖެ ކަމަށް ބުންޏެވެ. މިފަހަރު ފެނުނީ އަހަރެމެން ރިއާ ހިތްހަމަ ޖައްސައިދޭން ގަނެގެން ގޭގައި ގެންގުޅޭ ދޫނި މަރުވެފައި އޮއްވާ ކަމަށް ބުންޏެވެ. ހަމަ އެދުވަހު އެ ދޫނި ކޮށިން ދޫވެގެން، ފަންކާގައި ޖެހި މަރުވެއްޖެއެވެ. އަނެއްކާވެސް މެހެރް ހިނިތުންވެލިއެވެ. އޭނާގެ "ބާރު" އަނބުރާ އައީ ކަމަށް ބުނެ އުފާކުރިއެވެ.
މެހެރް އަށް ދެން ފެނުނު ކަމަށް ބުނީ އަހަރެންގެ ބޭބެ ހަސަނަށް ބަޔަކު ވަޅިން ހަމަލާދީގެން އުޅޭ ތަނެވެ. އަހަންނަށް ހިންދިރުވައިލެވުނެވެ. ހަމަ އެރޭގެ ދަންވަރު ހަސަން ލެއިން ތަތްތެޅިފައި ގޭ ސިޑިމަތީގައި އޮއްވައި ފެނިގެން ބައްޕަ ގުޅިއެވެ. ބައްޕަ ހުރީ ވަރަށް ހާސްވެފައެވެ. އަހަރެން ވަގުތުން ހޮސްޕިޓަލށް ދިޔައީމެވެ. ހަސަންގެ ހާލު ދެރަކަމުން އޮތީ އައިސީޔޫގައެވެ. ބައްޕަގެ މޫނުމަތިން ފެނުނު ހިތާމަ ފެނި އަހަންނަށް އިސްޖަހައިލެވުނީ ފެންކަޅިވެގެންނެވެ.
ދުވަސްކޮޅެއް ފަހުން ހަސަންގެ ހާލު ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހަމަލާ ދީފައި ހުރީ އޭނާގެ މެއާ ދިމާލުން އަތަށެވެ. ނަމަވެސް އެއީ ފުރާނަ ދުއްވާލަން ދީފައިވާ ހަމަލާއެއް ހެން ހީ ނުވާ ކަމަށް ޑޮކްޓަރުންނާއި ފުލުހުން ބުންޏެވެ. ހަސަން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު އަހަރެން ހުރީ ގޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
"އެޑަމް ކޮން ކަމަކާ މާ ފިކުރު ބޮޑުވެފަ ތިހުރީ؟"، ރިއާ އުރާލައިގެން ހުރެ މެހެރް އައިސް އެހިއެވެ.
"ކަމެއް ނުވޭ"، އަހަންނަށް ޖުމްލަ ފުރިހަމަ ކުރެވުނީ ކިރިޔާއެވެ. ގޭގެ ބެލް ޖެހި އަޑު އިވިގެން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީގައި ތިބީ ފުލުހުންގެ ޓީމެކެވެ. "ހަސަން ޒަރީރަށް ހަމަލާ ދިން މީހާ ޔަގީންވާ ވަރަށް ހެކި ލިބިގެން މި އައީ. ވަޑައިގަންނަވާ"، ފުލުސް މީހާ ބުނި ޖުމްލައިން އަހަންނާއި މެހެރް އަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އަހަންނާ އެކުއެކީ މެހެރް ވެސް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެކަން ހުއްޓުވީ ފުލުސް މީހާއެވެ. އޭރުވެސް މެހެރްގެ ކޮނޑުގައި ރިއާ ނިދާލާފައި އޮތެވެ.
"ދެ ބޭފުޅުން އެއްކޮށެއް ނޫން. ވަޑައިގަންނަވަންވީ އާދަމް ޒަރީރު. ތަޙުގީގަށް ބޭނުންވާ ސުވާލުތައް ކުރެވޭނީ ސްޓޭޝަނުގަ"، ފުލުސް މީހާ ބިޑި ނަގައި އަހަރެންގެ ދެއަތުގައި އެޅުވިއެވެ. މެހެރް ހުރީ ހަމަ ރަނގަޅަށް ވެސް ޝޮކެއް ލިބި، ހިރިލާން ނޭނގިފައެވެ.
ހަސަނަށް ދިން ހަމަލާއާ އެކު، ލަޔާލީގެ މަރުގެ ތަހުގީގުގައި ވެސް އޮތީ އަހަރެންގެ ނަމެވެ. އަހަރެން ބުނި ހަނދާން ވޭ ހެއްޔެވެ؟ ދުވާލުގެ ވަގުތުގައި މިއީ ރޭގަނޑޭ މެހެރް ބުނެފި ނަމަ އަހަންނަށް މިއީ ރޭގަނޑެވެ. އަހަރެމެންގެ ގޭގެ ފާރުތަކުގައި ލާފައި ހުންނަނީ ހުދު ކުލައެވެ. ނަމަވެސް އެ ފާރު ދައްކާފައި އެއީ ރަތްކުލަ ކަމަށް މެހެރް ބުނެފި ނަމަ އެއީ ރަތް ކުލައެވެ. މީހަކު މިކަމާ ދެބަސްވަންޏާ، އެ ފާރުތަކުގައި އަހަރެންގެ ދެ އަތުން ރަތް ކުލަ ލައިގެން ނަމަވެސް، މެހެރް ހިތްހަމަޖައްސައިދޭނަމެވެ. އެއީ މީހެއްގެ ލެއިން ވިޔަސް ވެހެވެ.