ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް 2024 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. 

އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުމާއި، 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢަކީ 40.57 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.