ތުއްތު ދަރިފުޅަށް އިތުރުކާނާ ދޭން ފެށުމަކީ ވަރަށް އުފާވެރި އިޙުސާސެއް ކުރެވޭ ކަމެކެވެ. ނަމަވެސް ކާންދޭންވީ ކޮން އެއްޗެއް ކަމާ ކޮން އުމުރެއްގައިކަން މިއީ ވަރަށް ބޮޑު ހާސްކަމެއް ގެނުވާ ސުވާލުތަކެކެވެ. އެހެންކަމުން މިއަދު ބަލާލަނީ  ތުއްތުދަރިފުޅަށް އިތުރުކާނާގެ އެކި ބާވަތްތައް ދޭން އެންމެ ރަގަޅު އުމުރަށެވެ. 

އުމުރުން 6 މަސް ވުމުން

ޕީނަޓް ބަޓަރ: ޕީނަޓް ޕްރޮޓީން އަކީ ހިނގާ އުޅެވޭވަރު ވަންދެން ނޫނީ ޕްރީސްކޫލް ފެށެންދެން ނުދިނުމަށް އިރުޝާދު ދޭ އެއްޗެއް ނަމަވެސް، ހަ މަހުން ފެށިގެން ޕީނަޓް ބަޓަރ ދޭ ނަމަ ބައެއް ކާ އެއްޗެއްސަށް އެލަރޖިކް ވުމުން ދުރުކޮށްދޭނެއެވެ. ނަމަވެސް އާއިލާގެ ތެރޭގައި ކާތަކެއްކަށް އެލަރޖިކްވުން އުޅޭނަމަ ނުވަތަ ހަމުގެ މައްސަލަހުންނަ ނަމަ ކުޑަކުދިންގެ ޑޮކްޓަރެއްގެ މަޝްވަރާ ހޯދާލަން ވާނެއެވެ. ޕީނަޓް ބަޓަރ ދޭ އިރު މާ ތަތްކޮށް ހުއްޓާ ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ. އެއީ ދަރިފުޅުގެ ކަރުގައި ތާށިވެދާނެކަމުގެ ބިރަށެވެ. އޭގެ ބަދަލުގައި މަންމަގެ ކިރުފޮދެއްގައި، ޔޯގަޓް ކޮޅެއްގައި ނުވަތަ ކުޑަކުދިންގެ ސީރިއަލް ކޮޅެއްގެ ތެރޭގައި އެއްކޮށްލުމަށްފަހު ދޭށެވެ. ދަތްފަޅާފައިވާ ކުދިންނަށް ޕާން ފޮތީގައި އުނގުޅާލުމަށް ފަހު ދެވިދާނެއެވެ.
ބިސް: ބިހަކީ ކުޑަކުދިން ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި ބައިތައް ހިމެނޭ ކާނާއެކެވެ. ޕްރޮޓީންގެ އިތުރުން ވިޓަމިން ޑީ، އޭ، އީ އަދި ކޭ ހިމެނޭ މި ކާނާ، ފެނު ކެއްކުމަށްފަހު ހިމުން ކޮށްލައިގެން ޕިއުރީއެއް ހަދައިގެން ދެވިދާނެއެވެ. ސްކްރެމްބަލްޑް އެގް އަކީވެސް ކުޑަކުދިންނަށް ކާލަން ފަސޭހަ ގޮތެކެވެ. ނަމަވެސް މާ ބޮޑެތި އެތިކޮޅުކޮޅު ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ. ތުއްތު ކުދިންނަށް ބިހުގެ ދެބައިން ވެސް އެއްވަރަށް ފައިދާ ކުރެއެވެ.
ޔޯގަޓް: ޔޯގަޓަކީ ހަޖަމްކުރަން ވަރަށް ފަސޭހަ އެއްޗެކެވެ. އެހެންކަމުން އެންމެ ފުރަތަމަ ކާނާއެއްގެ ގޮތުގައި ދޭން އެންމެ ކަމުދާ އެކައްޗަކީ ޔޯގަޓެވެ. ޔޯގަޓް ދިނުމުގައި ބަލަންވާނީ ހަކުރު ނާޅާ އިތުރު ރަހައެއް ނުލައްވާ، ހަމަ އެކަނި ކިރުގައި ހެދިފައިވާ ޔޯގަޓަށެވެ. ޔޯގަޓަކީ ކުދިކޮށް ބަންދުކޮށްފައި ހުންނަ އެއްޗެއްކަމުން ދަތުރުތަކުގައި އުޅޭ އިރުވެސް ކާންދޭންވާނެއެވެ. ހުސް ޔޯގަޓް ނުވަތަ ޔޯގަޓްގެ ތެރެއަށް މޭވާ ނުވަތަ ތަރުކާރީ އެއްކޮށްގެން ވެސް ދެވިދާނެއެވެ.
ހަވާދުގެ ބާވަތްތައް: އެންމެ ތުއްތު ކުދިންނަށްވެސް މަޑުމަޑުން އިތުރު ރަހަތައް ތަޢާރަފް ކުރަންވާނެއެވެ. އެހެންކަމުން ފޮނިތޮށި ނުވަތަ ރޯސްމެރީ ކަހަލަ ރަހަތައް ކާ އެއްޗެހީގެ ތެރެއަށް އެއްކުރަމުން ގެންދާށެވެ.
މަސް: ކުރިން އެއްގަމު އަދި ކަނޑު މަހަކީ ތުއްތު ކުދިންނަށް ދޭން ކަމުނުދާ އެއްޗެއްކަމަށް ގަބޫލު ކުރެވުނަސް، މިހާރު ޑޮކްޓަރުންވެސް އިރުޝާދު ދެނީ ހަރު އެއްޗެހި ކެވޭ އުމުރުން އައުމުން ކެވޭގޮތަކަށް ހަދާފައި މަސް ދިނުމަށެވެ. ރީތިކޮށް މަޑުވަންދެން ކައްކާ، ކަށި އަދި ހަން ވަކި ކުރުމަށްފަހު ޕިއުރީއެއް ގޮތަށް ހަދާލާފައި ދޭށެވެ. ހަފައިގެން ކެވޭވަރުގެ ބޮޑެތި ކުދިންނަށް ކުދި އެތިކޮޅުކޮޅު ދޭށެވެ. މަހުގެ ތެރޭގައި ހިމެނޭ ސާމަން ފަދަ މަހަކީ ތުއްތުދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި ފެޓް އޭގައި ހިމެނޭ މަހެވެ.
އެވަކާޑޯ: ތުއްތުދަރިފުޅަށް އެންމެ ފުރަތަމަ ކާންދޭންވީ އެއްޗެއްގެ ގޮތުގައި ގިނަ ތަޖުރިބާކާރުން ލަފާދޭ އެވަކާޑޯއަކީ، އެ ހުންނަ ގޮތުންނާއި، ހިތުގެ މަސްތަކަށް ބޭނުންވާ ފެޓް އެކުލެވިފައި ވުމުން ވަރަށް މުހިންމު ކާނާއެކެވެ. އެވަކާޑޯގެ ބޭރު ތޮށި އަދި އޮށް ނެގުމަށްފަހު އޭގެ ފުށްބައި، މަންމަގެ ކިރު ނުވަތަ ފޯމިއުލާ ކިރު ފޮދެއް އަޅާއިގެން ގިރާލުމަށްފަހު ދޭށެވެ. ހަފައިގެން ކެވޭ އުމުރަށް ދިއުމުން ކުދިކޮށް ކޮށާލުމަށްފަހު ދަރިފުޅަށް ދޭށެވެ.
ސްޓްރޯބެރީ: މި ހުތްފޮނިމޭވާ އިން ޕިއުރީ އެއް ހަދާލުމަށްފަހު ނުވަތަ ޔޯގަޓް އަދި ސީރިއަލް އާ އެއްކުރުމަށްފަހު ތުއްތުދަރިފުޅަށް ދޭށެވެ. ކެވޭވަރުވުމުން ކުދިކޮށް ކޮށާލާފައި ދޭށެވެ. ސްޓްރޯބެރީ އަކީ ވިޓަމިން ސީ އަދި ފައިބަރް އިން މުއްސަނދިވެފައިވާ މޭވާއެކެވެ.

އުމުރުން 1 އަހަރު ވުމުން

މި އުމުރަކީ ގިނަ ކުދިން ހަފައިގެން ކާން ދަސްކުރާ އުމުރެވެ. އަދި ކުދިކުދިކޮށް ކޮށާފައި ހުންނަ އެއްޗެހީގައި އަތްލާ، އެނަގާ ހަދަން ދަސްކުރާ އުމުރެވެ. މި އުމުރުގައި ވެސް ކުދިންނަށް ދޭންވާނީ އިތުރު ރަހަތައް ނުހުންނަ ސީރިއަލް އެވެ.
ޒުވާރި: ޒުވާރި އަޅައިގެން ހަދާފައި ހުންނަ އެއްޗެހި ދިންނަމަވެސް އެ ހުންނަން ވާނީ ވަރަށް ރަގަޅަށް ހިމުން ކުރެވިފައެވެ. ޒުވާރީގެ ތޮށި ބޯ ވުމުން ވަރަށް ފަސޭހައިން ތަލީގައި ތަތްލާ ކަރުތެރޭގައި ތާށިވާގޮތް ވާނެއެވެ. އުމުރުން އެއް އަހަރުވެ ދަތްފަޅާ ރީތިކޮށް ހަފަން ދަސްވުމުން ނޫނީ ޒުވާރި ހުރިގޮތަށް ނުދޭށެވެ.
ކިރު: އުމުރުން ހަ މަހުން ފެށިގެން ޔޯގަޓް ދިން ނަމަވެސް އެއް އަހަރު ވުމުން ނޫނީ ކުޑަކުދިންނަށް އާދައިގެ ކިރު ހަޖަމް ނުވާނެއެވެ. ކިރުގައި ހިމެނޭ ފެޓަކީ ސިކުނޑި ހެދިބޮޑުވުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ޑޮކްޓަރު އެހެން ގޮތަކަށް އިރުޝާދު ދީފައި ނުވާނަމަ ހަމަ ފުލް ފެޓް މިލްކް އިޚްތިޔާރު ކުރާށެވެ.
މާމުއި: މާމުއިގައި ހިމެނޭ މާއްދާއެއްގެ ސަބަބުން "ބޮޓުލިޒަމް" ކިޔާ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިދާނެއެވެ. އެހެންކަމުން އެއް އަހަރު ނުވާ ކުދިންނަށް މާމައު ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަހަރު ވުމުން މަޑުމަޑުން ކާ އެއްޗެހީގެ ތެރެއަށް އިތުރު ކުރަމުން ގެންދަން ވީއެވެ.