ހެނދުނު ހޭލާއިރު އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަމީހުނަށް ކުރިމަތިވާ ކަމެކެވެ. ދަތްއުނގުޅައިގެން ނޫނީ މީހަކާ އަނގައިން ބުނަން ހިތްހަމަ ނުޖެހެވެނީ މިހެންވެއެވެ. ނަމަވެސް މިކަން މެދުވެރިވާން ވެސް އެކި މިންގަނޑުވެއެވެ. އެކި މީހުނަށް މި މައްސަލަދިމާވަނީ އެކި މިންވަރަށެވެ. ސިއްޙަތަށް ގެއްލުން ވާ މިންވަރަށް މިކަމުގެ އުނދަގޫ ތަހައްމަލުކުރާ 80 މިލިއަން މީހުން އުޅޭނެ ކަމަށް އަނގައިގެ ސިއްޙަތާއި ބެހޭ އެކަޑަމީއަކުން ހާމަކުރެއެވެ. ހެނދުނު ހޭލާއިރު އަނގައިން މިހެން ނުބައިވަސް ދުވަނީ ކީއްވެކަމާއި އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލައިލާނަމެވެ.

އަނގައިން ނުބައިވަސް ދުވަނީ އަނގައިގައި ކުޅު މަދުވެ އަނގަހިކެން މެދުވެރިވުމުންނެވެ. ހޭލާ ހުންނައިރު އަނގައަށް ލެވޭ ކާތަކެތި ހެފުމަށް ކުޅު އުފައްދާނެއެވެ. މިހެން ކާތަކެތި އަނގައިގެ ތެރޭގައި ހުންނަ ނަމަ ބެކްޓިރިޔާ އުފެދެން ދިމާވާނެއެވެ. އެހެންކަމުން ދުވާލު މި މައްސަލައަށް މިވަނީ ހައްލެއް ލިބިފައެވެ. ނަމަވެސް ނިދުމުން އަނގައިގައި ކުޅު އުފައްދާ މިންވަރު މަދުވެ، އަނގަ ހުޅުވައިގެން އެއްވެސް ވަރަކަށް ނޭވާ ލެވޭ ނަމަ އަނގަ އިތުރަށް ހިކެން މެދުވެރިވާނެއެވެ. މިހެން ވުމުން އަނގައިގައި އުފެދޭ ބެކްޓީރިޔާގެ ސަބަބުން "ވޮލަޓައިލް ސަލްފަރ ކޮމްޕައުންޑް" ކިޔާ މައްދާއެއް އުފެއްދާނެއެވެ. އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ މާއްދާއަކީ މިއެވެ. ނަމަވެސް ގަވާއިދުން ދަތް އުނގުޅާ، ދަތުގެ ދޭތެރެތައް ސާފުކޮށް، ދަތުގެ ޑޮކްޓަރަށް ދައްކާ ހަދާ މީހުނަށް މި މައްސަލަ ކުރިމަތިވާ މިންވަރު އެނޫން މީހުނާ އަޅާބަލާއިރު ކުޑައެވެ.

މިހެން އަނގައިން ނުބައިވަސް ދުވުމާއި ސިއްޙަތާއި ހުރި ގުޅުމަކީ މިއީ ހަމަ އެކަނި ވާ އުނދަގުލަކަށް ނުވެ، މިކަމަކީ ޖިންޖަވައިޓިސް، ޕެރިއޮޑޮންޓިސް އަދި އެއަށްވުރެ ނުރައްކާތެރި ހިތުގެ ބަލި ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތުމުގެ އަލާމާތަކަށް ވުމެވެ. އަނގައިގައި މިހެން އުފެދޭ ވިހައާއި އަލްޒައިމަރ އަދި އަނގައިގެ ކެންސަރާއި ގުޅުން ހުންނަ ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. އެހެންކަމުން މި މައްސަލަ ހުންނަ ނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދައިގެން މިކަމަށް ފަރުވާ ކުރަން ވާނެއެވެ. މިކަމުގެ ސަބަބުން ހިރުގަނޑުގެ ބައްޔަކަށްވެސް ފަރުވާ ކުރަން ޖެހިދާނެއެވެ.

މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަނގަސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. ޚާއްސަކޮށް ރޭގަނޑު ނިދުމުގެ ކުރިން ރީތިކޮށް ދަތްއުނގުޅާ، ދަތުގެ ދޭތެރެތަކުގައި ކާ އެއްޗެއް ހަރުލާފައި ނެތްކަން ޔަގީންކުރަން ވާނެއެވެ. މިހެން ކާ އެއްޗެހި ހުންނަނަމަ އެ ވާނީ ބެކްޓީރިޔާގެ ހާއްޔަކަށެވެ. ދަތް އުނގުޅާ ފަދައިން ދޫވެސް ސާފުކުރަން ވާނެއެވެ. މިކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އިސްކަރާބު ހުރެއެވެ. ނޫންނަމަ މަޑުބުރުހެން ނުވަތަ ސަމުސަލެއްވެސް ބޭނުން ކުރެވިދާނެއެވެ. ދުލަށް ބަލާލުމުން ދުލުގައި ބެކްޓީރިޔާ އަށަގެންފައިވާކަން ނުވަތަ ނޫންކަން އެނގޭނެއެވެ. މިސާލަކަށް ދޫ ފިޔާތޮށި ކުލައިގައި ހުރެފައި ދުލުގައި ވިދުމެއް ހުރިނަމަ ދޫ އެހުރީ ސާފުކޮށް ކަމަށް ބަލާށެވެ. ނަމަވެސް ދުލުގައި ހުދުކުލައި ފަށަލައެއް ލެވިފައިވާ ގޮތަށް ފެންނަ ނަމަ ދޫސާފުކުރަން ވާނެއެވެ. ދޫ ސާފުކަން ޔަގީން ކޮށްލުމަށް އަތުގެ ކުޑަ ހުޅުގައި ދޫ ކާތާލުމަށްފަހު ހިކެންދެން މަޑުކުރާށެވެ. ހިކުމުން އެތަނުން ނުބައިވަސް ދުވާ ނަމަ ދުލުގައި އެހުރީ ބެކްޓީރިޔާ އާލާވެފައެވެ. މިކަމަށް ސަމާލުވާންވާނެއެވެ. އަނގައާއި ދޫ ސާފުކޮށް ބެހެއްޓޭނަމަ މި އުނދަގޫ ކުޑަވާނެއެވެ.

އަނގައިން ނުބައިވަސް ދުވުމާއި ސިއްޙަތާއި ގުޅުމެއް ހުރުމުން މި އުނދަގޫ ތަޖުރިބާ ކުރެވޭނަމަ އެންމެ ބުއްދިވެރީ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމެވެ.

 

މައުލޫމާތު https://myperiocare.com/ އިން ނަގާފައި