ދަރިމައިވުމާއި ގުޅުން ހުރި މައްސަލަތަކުގައި މާޔޫސްވެފައިވާ އަދި އެކަމަށް އަގުބޮޑު ފަރުވާތައް ކުރާ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. ދަރިން ނުލިބި އެތައް ދުވަހަކު އެކުގައި އުޅުމަށްފަހު ކިތަންމެ ލޯބިވީ ނަމަވެސް ވަކިވާންޖެހިފައިވާ އެތައް ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި ވެއެވެ. ދަރިން ނުލިބުމުގެ މައްސަލައަކީ ދެމަފިރިންނާއި ގުޅުންހުރި ކަމެކެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ މައްސަލައަކުން ވެސް މިހެން ދިމާވެދާނެއެވެ. އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ސިއްޙީގޮތުން ފަރުވާ ހޯދުން، ފިރިހެނުންގެ މައްސަލަތަކަށް ވުރެ ފަސޭހައެވެ. އެހެންކަމުން މިފަދަ ޙާލަތަކަސް ނުގޮސްވޭތޯ ބެލުން ބުއްދިވެރިއެވެ. މިއަދު މި ބަލާލަނީ ދަރިފަނީގެ ޞިއްޙަތު ރަގަޅަށް ބެހެއްޓުމަށް ކުރަންވީ އަދި ނުކުރަންވީ ކަންކަމުގެ އިތުރުން އެކަމަށް ބާރުއަޅާ ބައެއް ކާނާއަށެވެ.

ސިއްޙަތު ރަގަޅު ދަރިފަނިކަމަށް ބެލެވެނީ ކޮންމެ 1 މިލިލީޓަރު މަނީގައި 15 މިލިއަން ދަރިފަނި ހިމެނޭނަމައެވެ. މިއަދަދު 10 މިލިއަނަށް ދަށްވެއްޖެނަމަ އެއީ ދަރިން ނުލިބޭ ފިރިހެނުންކަމަށް ނުވަތަ އައިބު ދަރިފަނި ކަމަށް ބެލެވެއެވެ. ދަރިފަނި އިތުރުކުރުމަށް ކުރެވޭ ކަންކަމުގެ ތެރޭގައި ވައްޓަފާޅިއަށް ގެނެވޭ ބަދަލު، ކެއުމުގައި ބޭނުން ކުރެވޭ ތަކެތި އަދި ބޭސް ހިމެނެއެވެ.

ދަރިފަނިމަދުކޮށް ސިއްޙަތު ދަށްކުރާ އާދަތައް:

6000 މީހުން ބައިވެރިކޮށްގެން ހެދިފައިވާ 20 ދިރާސާއެއް 2016 ވަނަ އަހަރުގެ ތެރޭގައި އަލުން މުރާޖަޢާ ކުރުމުން ސާބިތުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދަރިފަނީގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާކަމެވެ. ބަނގުރަލާއި މަސްތުވާތަކެއްޗަކީ ޙަރާމްކުރައްވާފައިވާ ތަކެތީގެ އިތުރުން ސިއްޙަތަށް ބޮޑެތި ގެއްލުންދޭ ތަކެއްޗެވެ. އަދި ހަމަ އެއާއި އެކު ދަރިފަނީގެ ސިއްޙަތަށް ވެސް ނުރައްކާތެރިތަކެއްޗެވެ. މީގެ އިތުރުން ބައެއް ބަލި ތަކަށް ޑޮކްޓަރުން ލިޔެދޭ ބޭސް ތަކުގެ ތެރޭގައިވެސް ދަރިފަނީގެ އަދަދު މަދުކުރާ ބޭސް ހިމެނެއެވެ. ދަރިއަކު ހޯދަން މަސައްކަތް ކުރާ ދުވަސްވަރެއްގައި އެހެން ކަމަކަށް ފަރުވާ ހޯދާނަމަވެސް މިކަން ޑޮކްޓަރާ ޙިއްސާ ކުރަންވާނެއެވެ. ކަންކަމާއި ވިސްނާ ފިކުރުކޮށް ހާސްކަމުގައި އުޅުމަކީ އެއްވެސް މީހެއްގެ ސިއްޙަތަށް ރަގަޅު ކަމެއް ނޫނެވެ. އަމްދުން ކުއްޖަކު ހޯދަން މަސައްކަތްކުރާ ނަމަ މިފަދަ ކަންކަމުން ދުރުވުން ބުއްދިވެރިއެވެ. އަންހެނުންނާއި އެއްގޮތަށް ބަރުދަން މަތި ފިރިހެނުންނަށްވެސް ދަރިން ލިބުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ކުއްޖަކު ހޯދަން ވިސްނާނަމަ ދެމަފިރިންވެސް ހުންނަން ޖެހޭ ބަރުދަނަށް އައުމަކީ މުހިންމު ކަމެކެވެ.

ދަރިފަނީގެ ސިއްޙަތަށް އެދެވޭ ބަދަލު ގެންނާނެ އާދަތައް:

މިންހަމަ ކެއުމަކީ މުޅި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރަގަޅު ކާނާ، ކެއުމުގައި ހިމެނުން އާދައަކަށް ހަދައިފިނަމަ ދަރިފަނީގެ ސިއްޙަތުވެސް ރަގަޅު ވާނެއެވެ. އެއާއި އެކު ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ބަރާބަރަށް ހިނގާނަމަ ދަރިފަނީގެ ސިއްޙަތުވެސް ހުންނާނީ ރަގަޅަށެވެ. ހަމަ އެގޮތަށް ފުރިހަމަ ނިދި ލިބުމަކީ ވެސް ހަށިގަނޑަށް ނުހަނު ބޭނުންތެރިކަމެކެވެ. މާގިނައިން އަދި މާމަދުން ނިދާނަމަ ދަރިފަނީގެ ސިއްޙަތު ދަށްވާނެއެވެ. 2017 ވަނަ އަހަރު ހެދުނު ދިރާސާއަކުން ހާމަވި ގޮތުގައި އޯބަތް ފެނަކީ ދަރިފަނީގެ ސިއްޙަތު ރަގަޅުކޮށް ދަރިފަނީގެ އަދަދު އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއްވާ އެއްޗެއްކަމެވެ. ހަމަ އެގޮތަށް އަޝްވަގަންދާއަކީ ޤަދީމީ ޒަމާނުއްސުރެ  ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލައަށް ފަރުވާއަކަށް ބޭނުންކުރެވޭ އެއްޗެކެވެ. އަޝްވަގަންދާއަކީ ޓެސްޓޮސްޓެރޯން ލެވެލް މަތިކޮށްދޭ އެއްޗެކެވެ. އެހެންކަމުން 675 މިލިގްރާމް އަޝްވަގަންދާ މުޅުގެ ދިޔަ/ފުށް ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަވެސް ދަރިފަނީގެ ސިއްޙަތު ރަގަޅުވާނެކަމަށް ބުނެވެއެވެ.

މީގެ އިތުރުން ވޯލްނަޓް، ހުތް މޭވާ، މަހުގެ ބާވަތްތައް، ލޮނުމެދު، ދޮންކެޔޮ، ބްރޮކޮލީ، ސްޕިނަޗް، ޑަރކް ޗޮކްލެޓް، ރީނދޫ، އަސްޕަރަގުސް އަދި ހިއްކާފައިވާ ބަދަނުގެ ބާވަތްތަކަކީ ދަރިފަނީގެ ސިއްޙަތަށް ފައިދާހުރި ތަކެއްޗެކެވެ.

މީގެ އިތުރުން ހިމެނޭނީ ޑޮކްޓަރުން ލިޔެދޭ ބޭހެވެ. އެއީ ޑޮކްޓަރު ބެލުމަށްފަހު، ހަދަން ޖެހޭ ޓެސްޓެއް ވާނަމަ އެވެސް ހެދުމަށް ފަހު ލިޔެދޭ އެއްޗެކެވެ. އެކި މީހުނަށް އެކި ބޭހެވެ.

މައުލޫމާތު https://www.indiraivf.com/ އިން ނަގާފައި