2018 ވަނަ އަހަރު ދުބާއީން ފިލައިގެން ދަނިކޮށް އަތުލައިގަނެގެން ދުބާއީއަށް ގެންދިޔަފަހުން ހަބަރެއް ނުވެ ހުރި ޕްރިންސަސް ލަޠީފާގެ ވީޑިއޯއެއް ބީ.ބީ.ސީ އިން އާންމުކޮށްފިއެވެ. ދުބާއީގެ އަމީރު ޝޭޚް މުޙައްމަދު ބިން އަލްރާޝިދު އަލްމަޚްތޫމްގެ 25 ކުދިންގެ ތެރެއިން އެއް ކުއްޖަކު ކަމަށްވާ ލަޠީފާ، ދުބާއީން ފިލައިގެން ދާން އުޅުނީ އޭނާގެ ބައްޕަގެ ހަރުކަށިކަމުން މިންޖުވެގެން މިނިވަންކަން މަތީގައި އުޅުމަށެވެ. ލަޠީފާ ހާމަކުރިގޮތުގައި އޭނާގެ ޕާސްޕޯޓްވެސް އޭނާގެ އަތުގައި ނޯވެއެވެ. އަދި ދަތުރުފަތުރު ކުރުމުގެ އެއްވެސް މިނިވަން ކަމެއް އޭނާއަކަށް ނޯވެއެވެ. އެހެންކަމުން ލަޠީފާގެ ރައްޓެއްސެއްގެ އެހީގައި ކަނޑުމަގުން އިންޑިޔާއަށް ގޮސް އިންޑިޔާއިން އެމެރިކާއަށް އެތެރެވެ އެގައުމުގެ ސަލާމަތްހޯދަން ދަތުރުފެށި ލަޠީފާއާއި އޭނާގެ ރަޙްމަތްތެރިޔާ އިންޑިޔާގެ ސިފައިން އަތުލައިގަތީ އިންޑިޔާ ކަނޑުންނެވެ. އަދި ދެން ހަވާލުކުރީ ޑުބާއީގެ ޝާޙީ އާއިލާއާއެވެ. އޭގެ ފަހުން ލަޠީފާގެ ޚަބަރެއް ނުވެއެވެ.

ލަޠީފާ އާއިއެކުގައި ފިލަން މަސައްކަތްކުރި އޭނާގެ ރަޙްމަތްތެރިޔާއަށް ލަޠީފާގެ ފޯނެއް އައީ އޭގެ އެއް އަހަރު ފަހުން 2019 ވަނަ އަހަރުއެވެ. އަދި ބައެއް ވީޑިއޯވެސް ފޮނުވިއެވެ. ވީޑިއޯއިން ފެންނަނީ ފާޚާނާއެއް ކަހަލަ ތަނެއްގައި ހުރެގެން ވަރަށް ސިއްރުން ލަޠީފާ ވާހަކަދައްކާ މަންޒަރެވެ. މި ގޮތަށް ކުރިފޯން ކޯލްތަކާއި ވީޑިއޯތަކުގައި ލަޠީފާ ބަންދުކޮށްފައިވާ ކަމަށާ، އޭނާއަށް ބޭރަށް ނިކުތުމުގެ މިނިވަންކަން ނެތްކަމާއި ދިރިހުރުމުގެ އުއްމީދު ކުޑަކަމަށް ތަކުރާރުކޮށް ބުނެއެވެ. ލަޠީފާގެ ރަޙްމަތްތެރިޔާވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމާއި ނުފޫޒު ފޯރުވައިގެން ލަޠީފާ ސަލާމަތް ކުރުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވަނީސް ލަޠީފާއާއި ގުޅުން ކެނޑުނެވެ.

އެހެން ކަމުން ލަޠީފާގެ ފުރާނަ ނުރައްކަލަށް ހުށައެޅިފައިވާކަމަށް ބުނެ އޭނާ ވަނީ މީޑިޔާގައި ލަޠީފާގެ ވީޑިއޯތައް އާންމުކުރަން ފަށާފައެވެ. މިކަމާ ގުޅިގެން ޑުބާއީގެ ޝާހީ އާއިލާއިން ހާމަކުރި ގޮތުގައި ލަޠީފާހުރީ ސަލާމަތުން އޭނާގެ ލޯބިވާ އާއިލާގެ ކައިރީގައިކަމަށެވެ.