މިހާރު ކުރިއަށްދާ 6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓްގައި ރޭ ކުޅުނު މެޗުތަކަށްފަހު ރާއްޖޭގެ ފިރިހެން ޓީމުން ދެވަނަ މަގާމް ހާސިލްކޮށް ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމު ވަނީ ތިންވަނަ މަގާމާއެކު ލޯ މެޑަލް ހޯދައިފައެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކަށަވަރުކުރި ތިންވަނަ މެޑަލް އެވެ. މީގެކުރީން، ފިރިހެނުންގެ ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ޕެއާ ހަސަން ނާޒިމް އާއި އިސްމާއިލް އަޒްމީން ވަނީ ރިހި މެޑަލް ހޯދައިފައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މި މަހުގެ 27 އިން އަންނަ މެއި މަހުގެ 1 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނީ ޓީމް އިވެންޓްގެ މެޗުތަކެވެ. އެގޮތުން، ރޭ ކުޅުނު ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލް މެޗުގައި ރާއްޖެ އަތުން އިންޑިއާ މޮޅުވީ ސީދާ ތިން ގޭމުންނެވެ.
ރޭ ކުޅުނު ޓީމް އިވެންޓްގެ ފައިނަލްގައި ސިންގަލްސް ބައިން ރާއްޖޭގެ ހަސަން ނާޒިމް އަތުން އިންޑިއާގެ މުޙައްމަދު ގުފްރާން މޮޅުވީ ސީދާ ދެ ގޭމުންނެވެ. ސިންގަލްސް އަނެއް މެޗުގައި ކޭ ސްރިނިވާސް ވަނީ ރާއްޖޭގެ އިސްމާއިލް އަޒްމީން އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ.
ޓީމް އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ކަމަށްވާ އިބްރާހިމް ހުޖާން އާއި އާދަމް އަދީލް އަތުން އިންޑިއާގެ ޕެއާ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާ މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖޭން ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. މިއާއެކު، އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދަނީ ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. މި އިވެންޓްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގުޅިގެން ބާއްވާ މި ފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވިޒިޓް މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނިގެންދާނީ ވެލިގާ ހާޑްވެއާ އާއި އަލީތޯ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް، ޓްރާންސްޕޯޓް ޕާޓްނަރަކީ އެމްޓީސީސީ އެވެ. އަދި އިވެންޓް ޕާޓްނަރަކަށް ޕްރޯފްލެކްސް އާއި އޯލް އެޑިޝަން ހަމަޖައްސާފައިވާއިރު ކޭޓަރިންގ ޕާޓްނަރަކީ ސައުތު ކޭޓަރިންގ އެވެ. ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ރެޑް ކްރިއޭޓިކް ހަމަޖައްސާފައިވާއިރު، ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް ފެނިގެންދާނެ އެވެ.
