އަންހެނުންނަށް ދިމާވާ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ކްރޭންބެރީ ޖޫހަކީ ނުވަތަ ކްރޭންބެރީގެ އެހެން އުފެއްދުންތަކަކީ ޝިފާއެއް ކަމަށް ޒަމާނުއްސުރެ އަންނަނީ ބުނެވެމުންނެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއްބާއެވެ؟ ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަނުން ރައްކާތެރި ކުރުމަށް ނުވަތަ އިންފެކްޝަން ޖެހުމުން އެކަން ރަގަޅު ކުރުމަށް ކްރޭންބެރީއިން ލިބޭ އެހީތެރިކަން ކުޑައެވެ. ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން ކަމަށް ބުނެވެނީ ގުރުދާ އަދި މަސާނާ ވެސް ހިމެނޭގޮތަށް، ބެކްޓިރިޔާގެ ސަބަބުން ކުރިމަތިފަރާތަށް ޖެހޭ އިންފެކްޝަނަކަށެވެ. މިއީ އަންހެނުންގެ މެދުގައި ވަރަށް އާންމުކަމެކެވެ.
ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި 60 އިންސައްތަ އަންހެނުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މިކަމާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ފިރިހެނުންގެ މެދުގައި މި ނިސްބަތް އުޅެނީ 10 އިންސައްތައިގައެވެ. ސަބަބަކީ އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑު އުފެދިފައިވާ ގޮތެވެ. އަންހެނުންގެ ކުރިމަތިފާރާތް އުފެދިފައިވާ ގޮތުން ފަސޭހައިން ބެކްޓިރިޔާ، ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ވަދެގެން ދިއުމުގެ ފުރުސަތުއޮވެއެވެ. މިކަން ދިމާވުމުން އެންމެ އާންމުކޮށް ފެންނަ ޢަލާމާތަކީ ބަނޑުގެ އެއް ފަރާތަށް ތަދުވުމާއި، ގިނައިގައިން ކުޑަކަމުދާން ޖެހުމާއި، ކުޑަކަމުދާއިރު ދިލަ ނެގުމުގެ އިތުރުން އުނަގަނޑަށް ތަދުވުމެވެ.
މި މައްސަލަ ދިމާވުމުން ގޭގައި ދެވޭ ފަރުވާއެއްގެ ގޮތުގައި ކްރޭންބެރީ ޖޫސްބޭނުން ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް ވަރަށް އާންމުކަމެކެވެ. މިގޮތަށް ކްރޭންބެރީ ބޭނުން ކުރަން ބުނެވެނީ އޭގައި ހިމެނޭ ޓައިޕް-އޭ ޕްރޯންތޮސައިނިޑިންސް ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. މި މާއްދާގެ ސަބަބުން ބެކްޓީރިޔާ މަސާނާގެ ތެރެއަށް ފައިބައިގެން ދިއުން ހުއްޓުވައެވެ. މިއީ ތިއަރީއެއްގެ ގޮތުގައި މިކަން ހިނގާ ގޮތެވެ.
ނަމަވެސް ފަހުގެ ދިރާސާތަކުން އެނގޭގޮތުގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަނުން ރައްކާތެރި ކުރުމަށް ނުވަތަ އިންފެކްޝަން ޖެހުމުން ފަސޭހަކުރުމަށް ކްރޭން ބޭރީގެ އެހީތެރިކަން ކުޑައެވެ. ބައެއް ދިރާސާތަކުން އެނގުނު ގޮތުގައި، ކްރޭންބެރީ ޖޫސްބޭނުން ކުރާ އަންހެނުންނަށް މި މައްސަލަ ދިމާވާ ނިސްބަތް، ކްރޭންބެރީ ޖޫސް ބޭނުންނުކުރާ މީހުނަށްވުރެ މަދެވެ. ނަމަވެސް އަނެއްބައި ދިރާސާތަކުން ކްރޭންބެރީގެ ސަބަބުން އެއްވެސް ތަފާތެއް އައިކަމަކަށް ފާހަގައެއް ނުކުރެވުނެވެ. މިކަމުގެ ޖަވާބެއްގެ ގޮތުގައި ތަޖުރިބާކާރުން ގަބޫލުކުރަނީ ބޭނުން ކުރެވޭ ކްރޭންބެރީގައި ޓައިޕް-އޭ ޕްރޯންތޮސައިނިޑިންސް އެކަށީގެންވާ މިންވަރަށް ހިމެނިފައި ނެތުމެވެ.
އެހެންކަމުން ދެން މިކަމުގައި ފަރުވާހޯދަންވީ ކޮން ގޮތަކަށް ހެއްޔެވެ؟ ޑޮކްޓަރުން މިކަމަށް ލިޔެދެނީ އެންޓިބަޔޮޓިކެވެ. ބަލިމީހާގެ ކިބައިން ފެންނަ އަލާމާތްތަކަށް ބަލާފާއި ބޭސް ސިޓީއަކާ ނުލާ ބޭސްފިހާރަތަކުން ލިބެން ހުންނަ ބައެއް ބޭސް ބޭނުން ކުރުމަށް ވެސް ޑޮކްޓަރުން އިރުޝާދުދެއެވެ. މިގޮތަށް ބޭނުން ކުރެވޭ ތަދުކަނޑުވާ ބޭހުގެ ސަބަބުން ކުޑަކަމުދާއިރު ދިލަނެގުން ފަދަ އުނދަގޫތަކުން ލުއިލިބެއެވެ.
މީގެ އިތުރުންވެސް ގޭގައި ދެވިދާނެ އެހެން ފަރުވާތަކަށް ބަލާއިރު އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ދެމެހެއްޓުމާއި ގިނައިން ދިޔާ އެއްޗެހި ބުއިމެވެ. ނަމަވެސް އުނދަގޫ ދެމިގެން ދާނަމަ ނުވަތަ ބޮޑުވާ ނަމަ ޑޮކްޓަރަކަށް ޒިޔާރަތްކުރުން އެދެވިގެންވެއެވެ.
މައުލޫމާތު https://www.healthpartners.com/ އިން ނަގާފައި
