ބެލެނިވެރިކަން ނުވަތަ ދަރިންތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ، އަޅުގަނޑުމެން ހީކުރާހާ ފަސޭހަކަމެއްނޫނެވެ. ދަރިފުޅަކީ، އުފާވެރި މާޙައުލެއްގައި، ހިތްހަމަޖެހިގެން ބޮޑުވާ، ކުއްޖަކަށް ވުމުގެ އިތުރުން އެހެން މީހުންގެ އިހުސާސްތަކަށް އިޙްތިރާމްކުރަން ދަންނަ އަދި އެ  ކުއްޖެއްގެ  އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުއްޖަކަށް ހެދުމަށް، ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެން އެތަކެއް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަޅުގަނޑުމެން 'ބިޒީ' ޝެޑިއުލެއްގައި އުޅެންޖެހުމުގެ ސަބަބުން، ނުވަތަ އެކަންކަމަށް އަހަރެމެން ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ފަދަ، ތަފާތު ސަބަބުތަކާހުރެ، މިކަންތައްތަކަށް އެކަށޭނަ ވަގުތު ނުލިބި، މިކަންކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ފަހަރު ވަރަށް ގިނައިން އާދެއެވެ. 

ދަރިފުޅު ހެދިބޮޑުވަމުން އަންނަ ދުވަސްވަރު، ތަފާތު އެކި މަރުހަލާތަށް ކަޑައްތުކުރެއެވެ. ކުއްޖާ ހެދި ބޮޑުވަމުން ދާވަރަކަށް، ކުއްޖާގެ ކިބައިގައި ތަފާތު އެކި ހުނަރުތައް ތަރައްޤީވެ، ކުއްޖާގެ ހަށިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަންފަށައެވެ. މިގޮތުން، ފުރާވަރުގެ ޢުމުރުފުރައަކީ، ކުއްޖާއަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް އަންނަ ޢުމުރުފުރައެކެވެ. އަދި މީގެ އިތުރުން، މި ޢުމުރުފުރައަކީ، ކުއްޖާއަށް 'ހޯމޮނަލް ޗޭންޖަސް" ތަކަކާވެސް ކުރިމަތިލާންޖެހޭ ޢުމުރުފުރައެކެވެ. ކުއްލިއަކަށް، ކުއްޖާއަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަ މި ދަނޑިވަޅުގައި، އެ ކުދިންނަށް ތަފާތު، ގިނަ ގޮންޖެހުންތަކައި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ކުދި ކުދި ކަންތައްތަކާ މޫޑު ބަދަލުވެ، ހިތްހަމަ ނުޖެހި، ރުޅިގަދަވުން ހިމެނެއެވެ. އަދި މީގެ އިތުރުން، އަމިއްލަ ނަފްސާމެދު އިތުބާރު ގެއްލި، ކަންތައްތަކާއި ކުރިމަތިލާން ޖެހިލުންވުމުގެ އިތުރުން އެކަނިވެރިކަމަށް ލޯބިކުރުން ގިނަވުމުމާއި، ކަންތައްތަކާއި މެދު ކުރިން ވިސްނާގޮތް ބަދަލުވެ، އާކަންކަން ތަޖުރިބާކުރަން ބޭނުންނުވާ ފަހަރުތައްވެސް އާދެއެވެ. މި ފަދަ ޙާލަތްތަކުގައި، ބައެއް ފަހަރު ބެލެނިވެރިން، ކުދިން ލައްވާ ގަދަކަމުން ކަންކަން ކުރުވަން އުޅުމުން، ބެލެނިވެރިންނާ މެދު ކުދިން އިތުރަށް ހިތްހަމަނުޖެހޭ ގޮތް މެދުވެރިވެއެވެ. އެއްކަމެއް ކުރުމަށް ތަކުރާރުކޮށް ބުނުމާއި، ބެލެނިވެރިން ރުޅިއައިސް، ނުވަތަ ހިތްހަމަ ނުޖެހިގެން އެއްޗެތި ބުނުމުންވެސް އިތުރަށް ކުދިން ހިތްހަމަނުޖެހޭ ގޮތްވެ، 'އިރިޓޭޓްވެ' ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާފަހަރުތައް ވެސް ގިނައިން  އާދެއެވެ.

އެހެންކަމުން ދަރިފުޅު، ފުރާވަރުގެ މަރުޙަލާއާ ކުރިމަތިލާން ވާއިރަށް، އެކަމަށްޓަކައި ބެލެނިވެރިން ތައްޔާރީތަކެއް ވާން އެބަޖެހެއެވެ. މިއީ ހަމައެކަނި މަންމަގެ ޒިންމާއެއް ނޫނެވެ. މަންމަ އާއި ބައްޕަގެ ވެސް ޒިންމާއެކެވެ. އެހެނީ، ދަރިފުޅު ބަލަހައްޓައި، ތަރުބިއްޔަތު ކުރުމުގައި ދެމީހުންގެ ޙިއްސާވެސް ހަމަހަމަ ގޮތެއްގައި އޮންނާތީއެވެ. މިގޮތުން ބަލާއިރު ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

  • ދަރިފުޅަށް އަޅާލާ، ދަރިފުޅުދެކެ ލޯބިވާ އަމާން މާހައުލެއް ގޭތެރޭގައި ޤާއިމުކޮށްދިނުން
  • ތެދުވެރިކަމާއި، އިޙްތިރާމު ހިމެނޭ ގޮތުން، ދަރިފުޅާއި މައިންބަފައިންގެ ދެމެދުގައި އިތުބާރު އޮންނަ މާހައުލަކަށް ގޭތެރޭގެ މާހައުލުވުން
  • އާއިލާ އެއްކޮށް ކާން އަރާ ވަގުތުތަކުގައި، ޢާއިލީ އެކި ކަންތައްތަކާއި މަޝްވަރާ ކުރެވޭނެ ސަޤާފަތެއް ޤާއިމުކުރުން
  • ދަރިފުޅު، މަންމަ ނުވަތަ ބައްޕައާއި ވާހަކަ ދައްކާއި، ކަންކަން ހިއްސާކުރުމަށް ހިތްވަރުދިނުން
  • ދަރިފުޅުގެ އަމިއްލަ ތަކެއްޗާއި، މައިންބަފައިންގެ ތަކެއްޗަށް ޒިންމާދާރުވާން ދަސްކޮށްދިނުން
  • ގޭތެރޭގެ މާހައުލުގައި ކުދިކުދި ކަންކަން ދަރިފުޅު ލައްވާ ކުރުވުން 
  • 'ލިމިޓް އެކްސެޕްޓް' ކުރަން ދަސްކޮށް ދިނުން
  • ކަމެއް ކުރުމުގެ ކުރިން އެކަމަކުން ނުކުންނާނެ ނަތީޖާއަކާ މެދު ވިސްނުމުގެ މުހިންމުކަން ދަސްކޮށްދިނުން

މި ކަންކަމަކީ ކުދިން ކުޑައިރުންސުރެ ވެސް ދަސްކޮށްދީ އަށަގެންނެވުން މުހިންމު ކަންކަމެވެ. ކުދިންގެ ހަގު ޢުމުރެއްގައި މިގޮތަށް މިކަންކަން ދަސްކޮށްދެވިއްޖެނަމަ، ދަރިފުޅު ފުރާވަރަށް އެޅުމުން، ދަރިފުޅާއިއެކު ކުރިއަށް ދިޔުމުގައި ހިތްނުތަނަވަސްވާ މިންވަރު ކުޑަކޮށްދީ، މައިން ބަފައިންނާއި ދަރިންގެ މެދުގައި ގާތް ގުޅުމެއް ޤާއިމުކުރަން ފަސޭހަވެގެން ދެއެވެ. 

ދަރިފުޅު ފުރާވަރަށް އެޅުމުގެ ކުރިން، ދަރިފުޅާއި މައިންބަފައިންނާއި ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުވެފައި ނެތްކަމުގައިވާ ނަމަ، ދަރިފުޅު ފުރާވަރަށް އެޅުމުން އެ ގުޅުން ބަދަހިކޮށް ދަމަހައްޓަށް އުނދަގޫވެއެވެ. އަދި ބައެއްފަހަރު މިކަންކަމަކީ ދަރިފުޅަށް ކަމާބެހޭ މާހިރެއްގެ އެހީތެރިކަން ބޭނުންވާކަމުގެ ސިގްނަލްއަކަށް ވެގެން ވެސް ހިނގައިދެއެވެ. ހަމަ އެއާއި އެކު، ދަރިފުޅުގެ ހަގު ޢުމުރުގައި މިފަދަ ކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ، ދަރިފުޅުގެ ފުރާވަރު ޢުމުރުގައި ކުރިމަތިލާން ޖެހޭ ކުދިކުދި ކަންކަންތައްތައް، ކުދިންނަށް ބޮޑެތި ކަންތައްތަކަށް ވެގެންގޮސް ޙައްލު ނުކުރެވި، ފަހުން ހިތާމަކުރަން ޖެހޭ ފަދަ ޙާލަތަކަށް އައުން ވެސް އެކަށީގެންވެއެވެ.