ޕްރިމިއާ ލީގުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރެފްރީއަކު ވީޑިއޯ ކެމެރާއެއް އަޅައިގެން އިންސާފުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން، ލީގުގައި މިރޭ ސެލްހަރސްޓް ޕާކްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅޭ މެޗުގައި ރެފްރީ ޖެރެޑް ޖިލެޓް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮލުގައި ހަރުކުރާ ޑިވައިސްއެއް ކަމަށްވާ، 'ރެފް ކެމް' ކަމަށާއި، އެހެންނަމަވެސް އެ ފުޓޭޖް ލައިވް ނުކުރާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ.
އަދި މިއީ އެއްފަހަރު ބޭނުންކުރުމަށް، އޮފިޝަލުން ޕްރޮމޯޓްކުރުމަށްޓަކައި ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގެ ތެރެއިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ވީޑިއޯއެއް ކަމަށް ވެސް ޕްރިމިއާ ލީގުން ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހު، ބުންޑެސްލީގާގެ ރެފްރީ ޑެނިއަލް ޝްލަގާ ވަނީ ކެމެރާ އާއި މައިކް އަޅައިގެން އެއިންޓްރަކްޓް ފްރެންކްފާޓްއާ ވުލްފްސްބާގް 2-2 އިން އެއްވަރުވި މެޗުގައި އިންސާފުކޮށްފައެވެ. އެ ފޫޓޭޖް ބޭނުންކުރީ 'ރެފްރީސް މައިކް'ޑް އަޕް - ބުންޑެސްލީގާ' ގެ ނަމުގައި ޕްރޮގްރާމަކަށެވެ.
މީގެކުރީން، މިދިޔަ އަހަރު ޕްރިމިއާ ލީގުގެ ރެފްރީ ރޮބް ޖޯންސް ވަނީ އެމެރިކާގައި ކުރިއަށްދިޔަ 2023 ވަނަ އަހަރުގެ ސަމަރ ސީރީޒްގައި ފިލަޑެލްފިއާގައި ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ކެމެރާ ބޭނުންކޮށްގެން ރެފްރީކަން ކޮށްފައެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބޮޑެތި މީހުންނަށް ކުރިއަށްގެންދާ ގްރާސްރޫޓް ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ރެފްރީން ލައްވާ ކެމެރާ ބޭނުންކޮށްފައެވެ. އެއީ އެ ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކުގައި މެޗު އޮފިޝަލުންނާ މެދު ބޭއަދަބީބަހުން ކުރާ މުއާމަލާތްތައް މަދުކުރުމުގެ ގޮތުން ކަމަށް އެފްއޭ އިން ވަނީ ބުނެފައެވެ.
