އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އިން 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ކޯޗު އެރިކް ޓެން ހާގަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ލިސްޓަށް ބޮޅެއް އިތުރުކޮށްފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ޔުނައިޓެޑް އަތުން ޕެލަސް މޮޅުވި ދެވަނަ ފަހަރެވެ. މީގެކުރީން، ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުން ޕެލަސް މޮޅުވީ 1-0 އިންނެވެ.

މި ނަތީޖާއާއެކު ޕެލަސް ވަނީ ތާވަލްގެ 14 ވަނައިގައި ހަމަޖެހިލައިފައެވެ. އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. މި މެޗުން ބަލިވި ޔުނައިޓެޑް ވަނީ ތާވަލްގެ އަށްވަނަ އަށް ވެއްޓިފައެވެ. ޔުނައިޓެޑަށް 35 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅެވެން އޮތީ ގަދަ 7 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެކަމަށްޓަކައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދަން ޖެހެއެވެ.

ރޭގެ މެޗުގައި ޕެލަސްގެ އެބެރޭޗީ އެޒޭ އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކަސެމީރޯ މަސައްކަތްކުރަނީ. --

 

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު އާންމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އާއި މާކަސް ރަޝްފޯޑްގެ އިތުރުން ލިސަންދްރޯ މާޓިނޭޒް، ލޫކް ޝޯ އާއި ރަފައެލް ވަރާން އަދި ސްކޮޓް މެކްޓޮމިނޭ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މި މެޗުގައި ޕެލަސް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެކުރިން ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ މައިކަލް އޮލީސޭ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޖީން-ފިލިއްޕޭ މަޓޭޓާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ޕެލަސްގެ ގޯލަކަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން މާޔޫސްވެފަ. --

 

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޔުނައިޓެޑްގެ ސެންޓްރަލް ޑިފެންސްގައި ކަސެމީރޯ އާއި ޖޮނީ އެވަންސްގެ ޕާޓްނާޝިޕެއް ފެނިގެންދިޔައިރު ރޭގެ މެޗުގައި ޕެލަސް އިން ޖެހި ތިންވަނަ ލަނޑު، 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓައިރިކް މިޗޭލް އެވެ. އަދި އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި އޮލީސޭ ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައިދީ ޕެލަސް އަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ ތާވަލްގެ އެންމެ ކުރީގަ އުޅޭ އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗެވެ. ޕެލަސް އަށް ދެން އޮތީ ވުލްވްސްއާ ބައްދަލުކުރާ މެޗެވެ.