ސިކަންދަރަކީ ދިވެހިންނަށް އައު ނަމެއް ނޫނެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމެކެވެ. ސިކަންދަރުގެ ނަމުން ނަން ދީފައިވާ އެކި ތަންތަނާ ގެދޮރާއި އުޅަނދުފަހަރާއި މީހުންވެސް ދިވެހިންގެ ތެރޭގައި އުޅެއެވެ. ނަމަވެސް ސިކަންދަރުގެ ހަގީގީ ނަން ނިސްބަތް ކުރެވޭ ފަރާތަކީ ކާކުކަން އެނގެނީ އަހަރެމެންގެ ތެރެއިން މަދު މީހަކަށެވެ. އެހެންކަމުން ސިކަންދަރަކީ ކާކުކަން ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ.

ސިކަންދަރަކީ މީހަކަށް ކިޔާ ނަމެކެވެ. ދުނިޔޭގެ ތާރީޚުގައި އެތައް ބައިވަރު ސިކަންދަރުންނެއް އުޅުނެވެ. ނަމަވެސް ސިކަންދަރުގެ ނަން މުޅި ދުނިޔެއަށް މަޝްހޫރުވީ އެއްމެ ސިކަންދަރެއްގެ ސަބަބުންނެވެ. އެއީ ގަދީމީ ގްރީކުގެ މެކަޑޯން ގެ ރަސްކަލެއް ކަމަށްވާ ސިކަންދަރު 3 ރަސްގެފާނުގެ ސަބަބުންނެވެ. މި ސިކަންދަރު ރަސްގެފާނުގެ ފަރަންޖީ ނަމަކީ "އެލެކްޒެންޑާ 3" ކެވެ. ނުވަތަ "އެލެކްޒެންޑާ ދަ ގްރޭޓް" އެވެ. ގަދީމީ ގްރީކުގެ މެކަޑޯން ގެ ރަސްކަން ސިކަންދަރު ރަސްގެފާނަން ލިބުނީ އެ ރަސްގެފާނުގެ ބަފާކަލުން ފިލިޕް 2 އަވަހާރަވުމުން، އުމުރުފުޅުން އެއްމެ 20 އަހަރުގައެވެ.

ހަނގުރާމައިގެ އުކުޅުތަކަށް ހުޝިޔާރު، ހެވިކަމަށް މޮޅު، އަސްކަރީ ފަންނުގައި ތަފާތު ރަސްކަލެެއްގެ ގޮތުގައި ސިކަންދަރު ރަސްގެފާނު ފާހަގަ ކުރެވުނެވެ. ސިކަންދަރު ރަސްގެފާނަކީ އެކި ކަންކޮޅުތައް ފަތަޙަ ކުރަމުން ދިޔަ މަޝްހޫރު ހަނގުރާމަވެރި ފާތިޙެކެވެ. އެގޮތުން އޭޝިޔާގެ އެކި ކަންކޮޅުތައް ސިކަންދަރު ރަސްގެފާނުވަނީ ފަތަޙަ ކުރައްވާފައެވެ. ސިކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ބާރު އިންޑިޔާގެ ދެކުނުގެ ބައެއް ހިސާބުތަކަށްވެސް ފޯރާފައިވާކަން ތާރީޚު ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ. މިސްރާ ފާރިސްކަރައިގެ ރަސްކަންވެސް ސިކަންދަރު ރަސްގެފާނު ކުރެއްވިއެވެ.  

ސިކަންދަރު ރަސްގެފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން، 323 ވަނަ އަހަރުއެެވެ. އަވާހަރަވީ 356 ވަނަ އަހަރު، ފާރިސްކަރައިގެ ބާބިލޯންގައެވެ. އެއީ މިހާރުގެ ގޮތުން ބުނާނަމަ އިރާގެވެ. ސިކަންދަރު ރަސްގެފާނު އަވަހާރަވީ ގަދަ ހުމެއްގެ އާލާސްކަންފުޅެއްގައެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިކަންދަރު ރަސްގެފާނާއި އެރަސްގެފާނުންގެ ލަޝްކަރު، އަސްކަރީގޮތުން ހޯދަމުން އައި ކުރިއެރުންތަކާ ކާމިޔާބުތަކުގެ ސަބަބުން އެރަސްކަލުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭރު ފެތުރެމުން ދިޔައެވެ. މިއީ މިރަސްގެފާނުގެ ނަން، މިހާ މަޝްހޫރުވެގެން އައި ގޮތެވެ. ދިވެހިން ސިކަންދަރު ރަސްގެފާނު ކިއެއް ކަމަކު، ފަރަންޖީ ބަހުގައި މިއީ އެލެކްޒެންޑާ އެވެ. އަވައްޓެރި އިންޑިޔާގައި ސިކަންދަރޭ ކިޔުނު އެތައް ވެރިންނަކާއި މަޝްހޫރު އެތައް ބަޔަކުވެސް އުޅުނެވެ. ނަމަވެސް ދިވެހިން މި ނިސްބަތްކުރެވޭ ސިކަންދަރަކީ މި ދެންނެވި ގަދީނީ ކްރީކުގެ "އެލެކްޒެންޑާ ދަ ގްރޭޓް" އެވެ.

 

ހަވާލާ: 

. ބްރިޓެންނިކާ 2017

. ދިވެހިބަހުގެ ރަދީފް 2024