ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި ސިލެކްޝަންގައި ރޭ ކުޅުނު ފުރަތަމަ ބުރުގެ މެޗުތަކަށްފަހު އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލްގައި ވެސް ކުޅެފައިވާ މި ދެ ކުޅުންތެރިން ވަނީ ސިލެކްޝަންގެ ފުރަތަމަ ބުރު ކާމިޔާބުކޮށް، ގައުމީ ޓީމުގެ އެއްވަނަ ރޭންކް ހޯދައިފައެވެ.

ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި މިހާރު ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނުނު ހަތް ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ކުޅުންތެރިން ވަނީ ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. މިއީ މިއަހަރު ބޭއްވި ދެވަނަ ސިލެކްޝަނެވެ.

މިފަހަރުގެ ސިލެކްޝަންގައި ފިރިހެން ކުޅުންތެރިންގެ ބައިގައި މިދިޔަ ދެ އަހަރުގެ ގައުމީ ޗެމްޕިއަން، އަޒްމީން ވަނީ ފުރަތަމަ ބުރުގެ ފައިނަލްގައި ސީދާ ދެ ގޭމުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ. އޭގެކުރީން، ސެމީގައި އަޒްމީން ވަނީ ރާއްޖޭގެ ގައުމީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ހަސަން ނާޒިމް (ނާނަ) އަތުން 2-1 އިން ކުރިހޯދާފައެވެ. ފިރިހެން ކުޅުންތެރިންގެ ބައިގައި ތިންވަނަ ހޮވާ މެޗުން އާދަމް އަދީލް ވަނީ ސީދާ ދެ ގޭމުން ނާނަ ބަލިކޮށްފައެވެ.

ފުރަތަމަ ބުރުގައި އަންހެން ކުޅުންތެރިންގެ ބައިގައި ވިދާދް ވަނީ ފައިނަލްގައި ފާތިމަތު ރަޔާނާ ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން ވިދާދް މޮޅުވީ 2-1 އިންނެވެ. އަންހެން ކުޅުންތެރިންގެ ބައިގައި ތިންވަނަ ހޮވާ މެޗުގައި އައިޝަތު ނަހުފާ ވަނީ ސީދާ ދެ ގޭމުން އައިމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނީ، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެމެރިކާގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމުން ފުރުޞަތު ލިބިގެންދާނީ މި ފަހަރުގެ ސިލެކްޝަންގައި އެންމެ މަތިން ރޭންކް ކުރެވޭ ކުޅުންތެރިން ކަމަށެވެ.

މިއަހަރުގެ ކެރަމް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 10-17 އަށް އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އޭރިއާ ގައެވެ.